ރިޕޯޓް

އިހަވަންދޫގައި ބިދޭސީން "ގޭބަންދުކުރުން" ބޮޑު ބަހުސަކަށް

އެމީހުންގެ ހައްގުތައް ކޮބާ؟ އެކެއްގެ ކުށުގެ އަދަބު އެންމެން އުފުލަންޖެހެނީ ކީއްވެ؟ މިއީ އިއްޔެ އެންމެ ގިނައިން އެކަކު އަނެއްކަކާ ކުރެވުނު ސުވާލުތަކެވެ. މި ސުވާލުތައް އުފެދެން ޖެހުނީ ހއ. އިހަވަންދޫގައި މިދިޔަ ހޮނިހިރު ދުވަހު ހިނގި މަރުގެ ހާދިސާއަށްފަހު އެ ރަށު ކައުންސިލުން ބިދޭސީނާ ދެކޮޅަށް އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ބިދޭސީންގެ ސަބަބުން ރަށުގެ ނަން ކިލަނބުވަމުންދާ ކަމަށް ބުނެ އެ ރަށު ކައުންސިލުން ވަނީ ބިދޭސީންނަށް ވަކި ގަޑިތަކެއްގައި ނޫނީ ބޭރުގައި ނޫޅެވޭ ގޮތް ހަދާފަ އެވެ. ވަކި މަސައްކަތްތަކެއް ނުކޮށް، ވަކި ސަރަހައްދުތަކަކަށް ނުދިޔުމަށް ވަނީ އަންގާފަ އެވެ. އެ ރަށުގައި ދިރިއުޅޭ ބިދޭސީންގެ ހައްގުތަކެއް ވަނީ ހަނިކޮށްފަ އެވެ. އެކަން ކޮށްފައިވަނީ އިސްމާއިލް އުމަރާއި މީގެ އަހަރުތަކެއްގެ ކުރިން ހަމަ އެ ރަށުގައި ބިދޭސީއެއްގެ އަނިޔާވެރި ހަމަލާއެއްގައި މަރުވި ފާތިމަތު ހަސަންގެ މަރާއެކު ރަށުގައި އޮތް ނުތަނަވަސްކަމުގެ ސަބަބުންނެވެ.

ރަށުގައި އޮތް ނުތަނަވަސްކަމެއް ކުޑަ ކުރަން އެ ކައުންސިލުން ނިންމި ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އަދި އެކަން ބޮޑު ބަހުސަކަށް ވެސް ވަނީވެފަ އެވެ. އެ ފިޔަވަޅުތަކަށް ތާއިދުކުރާ ބަޔަކު ވެސް އެބަތިއްބެވެ.

ތާއިދުކުރާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ރަށުގައި އޮންނަން ޖެހޭނީ އެ ރަށެއްގެ ރައްޔިތުންގެ ބާރެވެ. ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގެ ބަހެއް ނެތި، ކައުންސިލުން އެފަދަ ބޮޑު ނިންމުމެއް ނިންމާފައިވުމަކީ ލާމަރުކަޒީ ނިޒާމުން ރައްޔިތުންނަށް ލިބިދީފައިވާ ބާރު އަންގައިދޭ ކަމެއް ކަމަށް އެމީހުން ބުނެ އެވެ. އަދި، ބިދޭސީން މިހާރު އުޅެމުން ދަނީ ހިތުހުރި ގޮތަކަށް ކަމަށާއި އެކަން ހުއްޓުވުމަށް މިފަދަ ހަރުކަށި ފިޔަވަޅުތައް މުހިންމު ކަމަށް އެމީހުން ބުނެ އެވެ. އެމީހުން އެދެނީ އެހެން ރަށްތަކާއި މާލެއިން ވެސް އިހަވަންދޫ ނަމޫނާއަކަށް ބެލުމެވެ.

މިކަމާ ނުރުހުން ފާޅުކޮށް ވާހަކަ ދައްކާ މީހުން ދެކޭ ގޮތުގައި އިހަވަންދޫ ކައުންސިލްގެ ނިންމުމަކީ ބިދޭސީން ވަރަށް ބޮޑަށް ދެރަކޮށްލާ ނިންމުމެކެވެ. އަދި ގާނޫނު އަސާސީއާ ވެސް ހިލާފު ނިންމުންތަކެއް ކަމަށެވެ. ގާނޫނީ ވަކީލް އަދި މަޖިލިސް މެންބަރު އަލީ ހުސެއިން ވިދާޅުވީ، ބިދޭސީންގެ ތެރެއިން ވަކި ބައެއްގެ ހައްގުތައް ހިފެހެއްޓުމުގެ ބާރު ކައުންސިލަށް ނުލިބޭ ކަމަށާއި އެކަން ތަންފީޒު ވެސް ނުކުރެވޭނެ ކަމަށެވެ.

އެ ނިންމުން ގާނޫނާ ހިލާފު ކަމަށް ބުނެ އެތައް ބަޔަކު އެކަން ލޯކަލް ގަވަރުމެންޓް އޮތޯރިޓީގެ ސަމާލު ކަމަށް ވެސް ގެނަ އެވެ. އެކަމާ ގުޅިގެން އެ އޮތޯރިޓީން ވަނީ ގާނޫނީ ލަފާ އެކަމުގައި ހޯދާނެ ކަމަށް ބުނެ ޓްވީޓެއް ކޮށްފަ އެވެ.

ހަމައެކަނި ގާނޫނާ ހިލާފު ވާހަކައެއް ނޫނެވެ. ދެހާސް ފަނަރަ ވަނަ އަހަރުގެ ތެރޭގައި ދިވެހިންތަކެއް ވަނީ ބިދޭސީއަކު މަރާލާފަ އެވެ. އެކަމުގެ ޒިންމާ ހުރިހާ ދިވެހިން ނަގަންޖެހޭ ހެއްޔެވެ؟ ދިވެހިންނާމެދު ފިޔަވަޅުތަކެއް އަޅަންޖެހޭ ހެއްޔެވެ؟ މިއީ ވެސް އުފައްދާފައިވާ ސުވާލުތަކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ، އަދަބު ދޭން ޖެހޭނީ އެ އަމަލު ހިންގި ފަރާތަށް ކަމަށެވެ. އެކަމުގައި ހުރިހާ ބިދޭސީނަށް އަދަބު ދެވިގެން ނުވާނެ ކަމަށެވެ. އަދި، މިކަމުގެ ތެރެއަށް އެފަދަ ނަސްލީ ތަފާތު ކުރުންތައް އައިސްގެން ވެސް ނުވާނެ ކަމަށެވެ.

އީވާ ވަނީ މިސާލެއް ވެސް ދައްކަވާފަ އެވެ. އައިއެސްއިން ހިންގާ އަމަލުތަކުގެ ސަބަބުން ހުރިހާ މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށް ލޭބަލްކޮށް އެ ވާހަކަ ދެއްކުން ފަދަ ކަމެއްގެ ގޮތުގައި މިކަން އޭނާ ވަނީ ސިފަކުރައްވާފަ އެވެ. ބައެއް މީހުން މިކަން ސިފަކުރީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މުސްލިމުންނާ ގުޅޭ ގޮތުން ނެރުނު ސިޔާސަތުތަކާ އެއްގޮތް ކަމެއްގެ ގޮތުގަ އެވެ. އޭގެ ސަބަބުން އެ ގައުމުގައި ހޭޓް ކްރައިމް ވަނީ އިތުރުވެފަ އެވެ. މިފަދަ މައްސަލަތަކެއް ރާއްޖޭގައި ވެސް ފެންމަތިވެދާނެ ކަމަށް މީހުން ދަނީ ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަލީ ހުސެއިން ވިދާޅުވީ، ބިދޭސީންއާ ދޭތެރޭ މިފަދަ ތަފާތުކުރުން ގެންގުޅޭނަމަ އެކަމުގެ ސަބަބުން އިޖުތިމާއީ އަދި ޖިނާއީ މައްސަލަތަކެއް ފެންމަތިވެގެން އައުން ގާތް ކަމަށެވެ.

މަރާއެކު އިހަވަންދޫ ކައުންސިލުން އެޅި މި ފިޔަވަޅުތަކާއެކު ބިދޭސީންގެ ރާއްޖޭގައި އުޅޭ ހާލަތާމެދު ވެސް ވަނީ ބަހުސް ފެށިފަ އެވެ. ބިދޭސީން، ހާއްސަކޮށް ބަންގްލަދޭޝްގެ މަސައްކަތު މީހުންނާ ދޭތެރޭ ދިވެހިން ދެކެނީ ދަށް ފަންތީގެ ބައެއްގެ ގޮތުގައި ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އަދި އެމީހުން އުޅެމުންދަނީ ވަރަށް ހާލުގައި ކަމަށް ވެސް އިއްތިފާގުވެ އެވެ. އެކަމުގެ ސަބަބުން ވެސް އެމީހުންގެ ގިނަ ހައްގުތަކެއް ގެއްލިފައިވާ ކަމަށެވެ.

މިކަމާ ދެކޮޅަށް ވާހަކަ ދައްކާ މީހުން ބުނަނީ، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ވަރަށް ގިނަ ކަމަށާއި އެމީހުން އަމަލުތައް ހުންނަ ގޮތުން އިޖުތިމާއީ ގިނަ މައްސަލަތަކެއް މިހާރު ވެސް އުފެދިފައިވާ ކަމަށެވެ. އެމީހުންނާމެދު އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅޭތީ އެމީހުން އުޅެމުން ދަނީ އެއްވެސް ފަރުވާލެއް ނެތި ކަމަށެވެ.

އޭގެ ޒިންމާ އުފުލަންޖެހޭނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހެއްޔެވެ؟ އެކަމަށް ރައްދު ދޭ މީހުން ކުރިމަތިކުރުވާ ސުވާލަކީ މިއީ އެވެ. އެމީހުން ބުނަނީ ގަވައިދާ ހިލާފަށް ބިދޭސީންއަށް ރާއްޖޭގައި އުޅެވެނީ ނިޒާމް ފެއިލްވެ، މުއައްސަސާތައް އެކަމުގައި ނުކުޅެދިފައިވާތީ ކަމަށެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ދިމާވާ ކަންކަމުގެ ޒިންމާ ނަގަންޖެހޭނީ މުއައްސަސާތަކުން ކަމަށް އެމީހުން ގަބޫލުކުރެ އެވެ.

ބިދޭސީންގެ ހައްގުތައް ހަނިކޮށް، އެމީހުން ގޭބަންދުކުރުމުގެ ބަދަލުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި އެމީހުން ރަށްރަށުން ވެސް ހުސްކޮށް ހަރުދަނާ ނިޒާމެއްގެ ތެރެއިން ބިދޭސީން ރާއްޖެ ގެނެވޭނެ ގޮތް ހެދުމަކީ ބިދޭސީންގެ މައްސަލައަށް އޮޮތް އެންމެ ބޮޑު ހައްލު ކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

ކޮންމެއަކަސް އިހަވަންދޫ ކައުންސިލްގެ ނިންމުމާއެކު ޓްވިޓާގައި ފެށުނު ހޫނު ބަހުސް އަދިވެސް ދަނީ ކުރިއަށެވެ. އެ ބަހުސް ހުއްޓުނަސް ނުހުއްޓުނަސް މި މައްސަލައަށް ވަނީ އަވަސް ހައްލެއް ބޭނުންވެފަ އެވެ. އިޖުތިމާއީ ބޮޑު މައްސަލަ ގަނޑަކަށް ބިދޭސީންގެ މައްސަލަ މިހާރު ވެސްވެފައިވާއިރު އެކަން ކުޑަ ކުރުމަށް މިއަދުން މިއަދަށް މުއައްސަސާތަކުން ތެދުވަންޖެހެ އެވެ.