ބޭރު ކުޅިވަރު

އިންޑިއާ ބަލިކޮށް ޕާކިސްތާން ޗެމްޕިއަންކަން ހޯދައިފި

Jun 19, 2017
1

އައިސީސީ ޗެމްޕިއަންސް ޓްރޮފީގެ ފައިނަލްގައި ވާދަވެރި އިންޑިއާ އަތުން 180 ލަނޑުން މޮޅުވެ، ޕާކިސްތާން ފުރަތަމަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ރޭ ހޯދައިފި އެވެ.

މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި މީގެ ދެ ހަފުތާ ކުރިން އިންޑިއާ އަތުން 124 ލަނޑުން ޕާކިސްތާން ބަލިވެފައި އޮތުމުން، މި މެޗަށް ނިކުތްއިރު ފޭވަރިޓްގެ ގޮތުގައި އޮތީ އިންޑިއާ އެވެ. އެކަމަކު އެ މެޗަށް ފަހު ޕާކިސްތާން ވަނީ މި މުބާރާތުގައި ކުޅުނު ކޮންމެ މެޗެއްގައި ވެސް ކުރިއެރުން ދައްކައިފަ އެވެ.

ފައިނަލް މެޗުގައި ފުރަތަމަ ކުޅެން އަރައި، ފަކްހާރް ޒަމާން ހެދި 114 ލަނޑާއެކު ޕާކިސްތާނުން ހަތަރު ވިކެޓަށް 338 ލަނޑު ހެދި އެވެ.

އިންޑިއާ އިން ކުޅެން އަރައި، ހުރިހާ ކުޅުންތެރިން ނުބައިވެގެން ދެވުނީ 158 ލަނޑެވެ. މުހިންމު ކުޅުންތެރިޔާ ކަމަށްވާ ވިރަތު ކޯލީ ނުބައިވީ ފަސް ލަނޑަށެވެ. އަދި އެމްއެސް ދޯނީ ފައިބަންޖެހުނީ އެންމެ ހަތަރު ލަނޑަށެވެ.

ޕާކިސްތާންގެ އުކުންތެރިޔާ މުހައްމަދު އާމިރު 16 ލަނޑަށް ތިން ވިކެޓު ނެގިއިރު، ހަސަން އަލީ 19 ލަނޑަށް ތިން ވިކެޓު ނެގި އެވެ.

ޕާކިސްތާން އިން މި ހޯދި ކާމިޔާބަކީ ކްރިކެޓްގެ ފަހު ތާރީހުގައި ފާހަގަކޮށްލެވޭނެ މެޗެކެވެ. ވަރުގަދަ ދެ ވާދަވެރިންގެ ކުރިމަތިލުމުން ޕާކިސްތާން ކުރި ހޯދުމަކީ އިންޑިއާ އަށް ބަލައިގަންނަން ފަސޭހަކަމަކަށް ނުވާނެ އެވެ.

ޕާކިސްތާންގެ ކޯޗު ދެކުނު އެފްރިކާގެ މިކީ އާތާ ބުނީ މިއީ ކުޅުންތެރިންގެ މަސައްކަތް ކަމަށާއި ކުޅުންތެރިންނަށް ތައުރީފް ހައްގު ކަމަށެވެ.

"ދެކުނު އެފްރިކާގެ ޓީމާއެކު ފަސް ސެމީ ފައިނަލްގައި ވާދަކޮށްގެން ވެސް ބަލިވީ. ޕާކިސްތާނާއެކު ނިކުތް ފުރަތަމަ މުބާރާތުން ވެސް މި ލިބުނީ ރަން މެޑަލް،" ދެކުނު އެފްރިކާގެ ކުރީގެ ކޯޗު އާތާ ބުންޏެވެ.