އިންގްލެންޑާއި ވޭލްސްގައި މިހާރު ކުރިއަށްދާ ކްރިކެޓް ވޯލްޑްކަޕުގައި، މިއަދު ބައްދަލު ކުރާ، ސަރަހައްދުގެ ދެ ބާރު ކަމަށްވާ އިންޑިއާ، ޕާކިސްތާންގެ މެޗު ވެގެންދާނީ، މުބާރާތުގެ ރަސްމީ ފައިނަލު މެޗުގެ ކުރިން ކުޅޭ ބޮޑު ފައިނަލަށް ކަމަށް ޕާކިސްތާން ކްރިކެޓްގެ ރަސްމީ ސެލެކްޓާ އަދި ކުރިގެ ބެޓްސްމަން އިންޒަމާ އުލް ހައްގު ބުނެފި އެވެ.
މެންޗެސްޓާގެ މަޝްހޫރު އޯލްޑްޓްރަފާޑް ސްޓޭޑިއަމްގައި ކުޅޭ މެޗު ވެގެންދާނީ އެތައް މިލިއަން ބަޔަކަށް ހާއްސަ މެޗަކަށެވެ. މިއަދުގެ މެޗު ބަލަން 800،000 އާ ގާތް ކުރާ އަދަކަށް ޓިކެޓް ގަންނަން ސަޕޯޓަރު އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް މުބާރާތް އިންތިޒާމު ކުރާ ފަރާތްތަކުން ބުނެ އެވެ. ނަމަވެސް މެންޗެސްޓާ ޔުނައިޓަޑްގެ ހޯމް ސްޓޭޑިއަމްގެ ގޮތުގައި ބޭނުން ކުރާ ސްޓޭޑިއަމްގެ ޖާގަ އަކީ 26000 ހާސް ގޮނޑި އެވެ.
"މި މެޗު ދުނިޔޭގެ ހުރިހާ ކޮޅަކުން ބަލާނެ،" އިންޒަމާ އުލް ހައްގު ބުންޏެވެ. "މިއަދުގެ މެޗުން ކޮންމެ ބަޔަކު މޮޅުވި ނަމަވެސް އެ ޓީމެއްގެ އުފާފާޅު ކުރުން ވަރަށް ބޮޑަށް އޮންނާނެ."
ޕާކިސްތާނާއި އިންޑިއާގެ މެޗު ހާއްސަވާ އެންމެ ބޮޑު ސަބަބަކީ، ދެ ގައުމުގެ ދެމެދުގައި އުފެދިފައި އޮތް ސިޔާސީ ވާދަވެރި ކަމާ ހުރެ އެވެ. މިއަހަރުވެސް ދެ ގައުމުގެ ދެމެދުގައި ހަނގުރާމައެއްގެ ހުޅުގަނޑު ރޯވުމުގެ އަލާމަތްތައް ފެނިގެން ދިޔަ އެވެ. އިންޑިއާއިން ވަނީ އެ ގައުމުގެ އެންމެ އަވަށްޓެރި ގައުމާއެކު އޮތް ކްރިކެޓްގެ ގުޅުން 2008 ގެ ފަހުން ކަނޑާލާފަ އެވެ. އެއީ 2008 ވަނަ އަހަރު މުމްބާއީ އަށް ދިން ޓެރަރިސްޓް ހަމަލާ ޕާކިސްތާންގެ މައްޗަށް ތުހުމަތު ކުރުމަށް ފަހު އެވެ.
އެ ގުޅުން ކަނޑާލުމާއެކު ޕާކިސްތާން އާއި އިންޑިއާ ބައްދަލު ކުރާ މެޗުތައް ފެނުމުގެ ފުރުސަތު އޮންނަނީ ހަމައެކަނި އިންޓަނޭޝަން ކްރިކެޓް ކައުންސިލުން ބާއްވާ މުބާރާތްތަކުގައި އެކަންޏެވެ.
ކްރިކެޓް ވޯލްޑް ކަޕުގައި، އިންޑިއާ އާއި ޕާކިސްތާންގެ އެންމެ ފުރަތަމަ ކުރިމަތި ލުމަކީ 1992 ވަނަ އަހަރުގެ ވޯލްޑްކަޕެވެ. އެ މެޗު އިންޑިއާއިން ކާމިޔާބު ކުރީ 43 ރަން އިންނެވެ. ޕާކިސްތާންގެ މިހާރުގެ ބޮޑުވަޒީރު އިމްރާން ޚާންގެ ކެޕްޓަން ކަމުގެ ދަށުން އެ އަހަރުގެ ދުނިޔޭގެ ޗެމްޕިއަންކަން ޕާކިސްތާނުން ހޯދި އެވެ.