ކުޅިވަރު

ރެއާލްގެ އިންތިހާބު: ރައީސަކަށް އަނެއްކާވެސް ޕެރޭޒް

Jun 19, 2017

ރެއާލް މެޑްރިޑްގެ ރައީސް ކަމަށް ކުރިމަތި ލައްވާނެ ދެ ވަނަ ކެނޑިޑޭޓަކު ނުވުމުން، އިންތިހާބަށް ކުރިމަތި ލެއްވި ހަމައެކަނި ކެނޑިޑޭޓް، މިހާރުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް، ހަތަރު އަހަރުގެ އިތުރު ދައުރަކަށް، ރެއާލްގެ ރައީސް ކަމަށް އިންތިހާބު ވެއްޖެ އެވެ.

ރެއާލްގެ ރައީސް ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހަމަވީ ރޭ ދަންވަރު އެވެ. މިއީ ވާދަ ކުރާނެ އެހެން ކެނޑިޑޭޓަކު ނެތި، ޕެރޭޒް ރެއާލްގެ ރައީސް ކަން ކާމިޔާބު ކުރި ޖެހިޖެގެން ތިން ވަނަ ފަހަރެވެ.

ޕެރޭޒް، ރެއާލްގެ ރައީސް ކަމަށް އެންމެ ފުރަތަމަ ވާދަ ކުރެއްވީ، 1995 ވަނަ އަހަރު އެވެ. އޭރު ރެއާލްގެ އެތެރޭގައި އޮތް މަލީ މައްސަލަތަތަކާއި މިސްމޭނޭޖްމެންޓް މައްސަލަ ހައްލު ކުރައްވާނެ ކަމަށް، އޭނާ ކެމްޕޭން ކުރެއްވި ނަމަވެސް، އިންތިހާބުގައި އޭނާ ބަލިވީ، އޭރުގެ ރައީސް ރަމޯން މެންޑޯޒާއާ ވާދަކޮށް، 699 ވޯޓްގެ ތަފާތުން ނެވެ.

ދެން އޭނާ އިންތިހާބަށް ވާދަ ކުރެއްވީ ދެހާސް ވަނަ އަހަރު އެވެ. އެ ފަހަރުވެސް، އޭނާ ވަނީ ކުރި ގެ މެނޭޖުމެންޓުގެ އެތެރޭގައި މިސްމެނޭޖްމެންޓް އަމަލުތަކާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އަމަލުތައް ހިންގަވާ ކަމަށް ތުހުމަތު ކުރައްވައި އެކަންކަން ހައްލު ކުރައްވާނެ ކަމަށް ވިދާޅުވެ ކެމްޕޭން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އޭރު ރެއާލްގައި އޮތް މާލީ ގޮންޖެހުންތަކުން ނަގައި ކޮޅަށް ޖަހާނެ ކަމަށް އޭނާ ވައުދުވެ ވަޑައިގެންނެވި އެވެ. އިންތިހާބު އޭނާ އަށް ކާމިޔާބުވުމުގެ އެންމެ ބޮޑު ވައުދަކަށްވީ، ވާދަވެރި ބާަސެލޯނާގެ ލުއިސް ފީގޯ ރެއާލް އަށް ގެންނާނެ ކަމަށް ވެވަޑައިގެންވި ވައުދެވެ. އޭރުގެ ރައީސް ލޮރެންޒޯ ސެންޒްއާ ވާދަކޮށް، އިންތިހާބު ކާމިޔާބު ކޮށް، އޭނާ ވަނީ ރެއާލް އަށް ލުއިސް ފީގޯ ގެނެސްފަ އެވެ.

ޖެހިގެން އައި 2004 ވަނަ އަހަރުވެސް އޭނާ އިންތިހާބު ކާމިޔާބު ކުރެއްވި އެވެ. ނަމަވެސް އެ ދޭތެރެއިން، މެދު ކެނޑުމެއް އައުމަށްފަހު، އަލުން ރެއާލްގެ ރައީސް ކަމަށް އޭނާ ވަޑައިގެންނެވީ 2009 ވަނަ އަހަރު އެވެ. އެ އަހަރު އޭނާ ވަނީ ދުނިޔޭގެ ރެކޯޑް ފީއަކަށް މެންޗެސްޓާ ޔުނައިޓަޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް އަށް ގެނެސްފަ އެވެ. އޭގެ ފަހުން ރެއާލްގެ ރައީސް ކަން ކުރައްވަމުން ގެންދަވަނީ ޕެރޭޒް އެވެ.

މިފަހަރުގެ އިންތިހާބަށްވެސް، އޭނާ ހޮވި ވަޑައިގެންނެވުމުން، 2021 ވަނަ އަހަރާ ހަމަޔަށް ރެއާލްގެ ރައީސް ކަމުގައި ހުންނަވަނީ ޕެރޭޒް އެވެ. ޕެރޭޒް ވަނީ، އޭނާގެ ރައީސް ކަމުގައި ރެއާލްގެ މާލީ ހާލަތު ރަނގަޅު ކުރުމަށް، ބޮޑު އިސްކަމެއް ދެއްވާފައި ވެއެވެ. ބެލެވޭ ގޮތުގައި، މިފަހަރު، ވެސް، ދުނިޔޭގެ ރެކޯޑް އަގަކަށް މަޝްހޫރު ތަރި އަކު ރެއާލް އަށް ގެންނާނެ އެވެ. ރެއާލްގެ ޓާގެޓަކީ، ޗެލްސީގެ އެޑެން ހަޒާޑް ނުވަތަ މޮނަކޯގެ ކިލިޔަން އެމްބަޕޭ އެވެ.

ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ގްރެޖުއޭޓް ވެފައިވާ ޕެރޭޒްއަކީ، އިމާރާތް ކުރުމުގެ ދަޢިރާގައި މުޅި ޔޫރަޕްގައިވެސް މަޝްހޫރު ނަމަކެވެ.