ހަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރުގައި ހިންގަން ނިމްސްއާ ހަވާލުކޮށްފި

  • ރަސްމީ އިވެންޓް އަންނަ މަހު 10 ގައި
  • އެއް އަހަރު ތެރޭ ހޮސްޕިޓަލް ފުރިހަމަ ކުރާނެ
  • އާސަންދަ ލިބޭނެ، ބޭރުގެ އެންމެ މަތީ ފަރުވާ

އުތުރުގެ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް، ޒަމާނީ ހިދުމަތްތައް ދިނުމަށް އިންޑިއާގެ ނިމްސް ހޮސްޕިޓަލާ މިއަދު ހަވާލުކޮށްފި އެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒީމް އިބްރާހީމެވެ. އަދި ނިމްސް ހިންގާ، ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއައި) ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ އެމްޑީ ފައިޒަލް ހާން އެވެ.

މި އަހަރުގެ ރިޔާސީ ބަޔާންގައި ރައީސް އަބްދުﷲ ޔާމީން ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލް 150 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަން ބޭރުގެ ބަޔަކާ ހަވާލު ކުރައްވާނެ ކަމަށް ކަމަށް އިއުލާން ކުރައްވާފަ އެވެ.

މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ކުޅުދުއްފުށީ ހޮސްޕިޓަލުން އެކި ދާއިރާތަކުން ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ސުޕަސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ލިބިގެންދާނެ އެވެ. ޑައިގްނޯސްޓިކް ހިދުމަތްކުގެ ތެރޭގައި ލެބޯޓަރީގެ ހިދުމަތާއި ސީޓީ ސްކޭން އައި އެމްއާރްއައި ސްކޭނިންގެ ހިދުމަތް ލިބޭނެ އެވެ.

އޭގެއިތުރުން ކުޅުދުއްފުށީ ހޮސްޕިޓަލަކީ އާސަންދައިގެ ހިދުމަތް ލިބޭ ޖެނެޓިކް ޑިސްއޯޑާސްގެ ދާއިރާއިން ސެންޓާ އޮފް އެކްސެލެންސްއަކަށް ވެގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ތެލެސީމިއާ މައްސަލަތަކާއި ބޯންމެރޯ ޓްރާންސްޕްލާންޓް ހިމެނެ އެވެ.

އެއްބަސްވުމުގައި ސޮއިކުރާތާ 16 މަސް ދުވަހުގެ ތެރޭގައި ކުޅުދުއްފުށި ހޮސްޕިޓަލް 150 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުވެގެންދާނެ އެވެ. މިހާރު އެއީ 50 އެނދުގެ ހޮސްޕިޓަލަކެވެ. މި ހުރިހާ ހަރަދެއް ކުރުމަށް ވެސް ހަމަޖެހިފައިވަނީ އެމްއައިއައި އިންނެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، ހެލްތް މިނިސްޓަރު ނާޒިމު ވިދާޅުވީ ރާއްޖޭގެ ދެކޮޅުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ހެދުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށާ މި މަސައްކަތަކީ އޭގެ ނަތީޖާ ކަމަށެވެ.

"މީގެ ތެރެއިން އައިކަމެއް ޓްރެވެންޑްރަމްގައި ހުންނަ ނިމްސް މެޑިސިޓީ ހޮސްޕިޓަލާއެކު ސޮއިކުރުމަކީ. މި އެއްބަސްވުމުގެ ދަށުން މެނޭޖުމަނަޓް ކޮންޓްރެކްޓެއްގެ ދަށުން ކުޅުދުއްފުށީ ހޮސްޕިޓަލް އަޕްގްރޭޑް ކޮށްގެން ހިންގަން ފެށޭނެ،" ނާޒިމު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ކުންފުންޏާ ހަވާލުކުރީ ސޯޝަލް ކައުންސިލްގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

"ޖުލައި މަހުގެ 10 ވަނަ ދުވަހު ރަސްމީކޮށް ހަވާލުވާނެ. ކުރިއަށް އޮތް 15 ވަރަކަށް ދުވަހު ކުރަމުން ގެންދާނީ ޓްރާންސިޝަންގެ މަސައްކަތްތައް. ހަމައެއާއެކު ނިންމްސް މެޑިސީޓީގެ ބޭފުޅުންވެސް ކުޅުދުއްދުއްޓަށް ގޮސް މަސައްކަތް ފަށާނެ،" ނާޒިމު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ހޮސްޕިޓަލު މަސައްކަތް އެއްކޮށް ނިމި ހިދުމަތް ފެށޭނެ ކަމަށެވެ.

"ފިޔަވަހި ތަކަށް ބަހާލައިގެން ހިދުމަތްތައް އިތުރު ކުރެވިގެންދާނީ،" ނާޒިމް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން އިންޑިޔާގެ އެންއައިއައި ކުންފުންޏާ ހަވާލުކޮށްފައިވަނީ 50 އަހަރަށެވެ.

އެންއައިއައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފައިޒަލް ހާން ވިދާޅުވީ މި ހޮސްޕިޓަލުގައި ތަރައްގީ ވެގެންދާނީ އެންމެ ފުރިހަމަ ހިދުމަތްތައް ހިމަނައިގެން ކަމަށެވެ.

"މިތަނުގައި އިންޓަނޭޝަނަލް ތެލެސީމިޔާ ސެންޓަރެއް ވެސް ހެދިގެންދާނެ ފުރަތަމަ ފޭސްގައި. ސައުވީސް ގަޑިއިރު ހިދުމަތް ލިބޭނެ. އެންމެ މަތީ ފަންތީގެ އައިސީޔޫގެ ހިދުމަތް ލިބެން ހުންނާނެ،" ފައިޒަލް ވިދާޅުވި އެވެ.

މި ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީ ވެގެންދިޔަ ނަމަވެސް، މިތަނުން އާސަންދައިގެ ހިދުމަތް ލިބޭނެ އެވެ.