ހަބަރު

23 ކިލޯގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގެންފި

މަތުވާތަކެތީގެ ބޮޑު ނެޓްވޯކެއް، 23 ކިލޯގެ މަސްތުވާތަކެއްޗާއެކު ފުލުހުން އަތުލައިގެންފި އެވެ. މި ނެޓްވޯކް އަތުލައިގެންފައިވަނީ މި މަހުގެ 13 ވަނަ ދުވަހުން 16 ދުވަހުގެ ނިޔަލަށް ފުލުހުންގެ ޑްރަގް އެންފޯސްމެޓް ޑިޕާޓްމެންޓުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެއްގަ އެވެ.

ޑްރަގް އެންފޯސްމެޓް ޑިޕާޓްމެންޓްގެ ޑެޕިއުޓީ ހެޑް އައިމިނަތު ސުޒީ ވިދާޅުވީ، މި މަހު ކުރިއަށް ގެންދިޔަ ޖުމްލަ ހަތް އޮޕަރޭޝަނެއްގައި ޖުމްލަ 15 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި، ހުޅުމާލެއިން ފަސް ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވާ އެންމެންނަކީ ވެސް ޑްރަގްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ އެއް ނެޓްވޯކަކަށް ނިސްބަތްވާ ބައެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެންމެ ފުރަތަމަ ހިންގާފައިވާ އޮޕަރޭޝަނަކީ 13 ޖޫން ވަނަ ދުވަހުގެ ރޭ އިންޑިއާގެ ޓްރެވެންޑްރަމުން ރާއްޖެ އައި ދިވެއްސެއްގެ އަތުން މަސްތުވާތެކެތި ފެނިގެން ކަސްޓަމްއިން ދިން މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެމީހާ ރާއްޖެ ގެނައި ކަދުރު ޕެކެޓްތަކަކާއި ޗޮކްލެޓްތަކެއްގެ ތެރެއިން 1.2 ކިލޯ ހެރޮއިންނާއި 7.1 ކިލޯގެ ކެނެބިސް ވަނީ ފެނިފަ އެވެ. އެއީ ޖުމްލަ 8.402 ކިލޯގެ މަސްތުވާތެކެއްޗެވެ. އެތަކެތި ރާއްޖެ އެތެރެކުރި މީހާ ވަނީ ހައްޔަރުކޮށްފަ އެވެ.

މިތަކެތި އެތެރެކުރުމުގައި ޝާމިލުވާ މީހުން ހޯދުމަށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އެ މަސްތުވާތަކެއްޗާ ހަވާލުވާން އައި ތިން މީހުން ވަނީ ހައްރުކޮށްފަ އެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ތިން ފިރިހެނުންނާއި އެއް އަންހެނެކެވެ.

ޑްރަގް އިންޓަލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އިތުރު އޮޕަރޭޝަނެއްގައި 30 އަހަރުގެ ފިރިހެނެއް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއް ކަމަށާއި އޭނާ ހައްޔަރުކޮށްފައިވަނީ އެއާޕޯޓް ކާގޯ ސަރަހައްދުގައި މަސްތުވާތަކެތި ބަލައި ގޮސް އުޅެނިކޮށް ކަމަށް ސުޒީ ވިދާޅުވި އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ، ޓްރޯލީއެއްގައި ފޮށިގަނޑުތަކެއް ހިފައިގެން ދަނިކޮށް، އެ ފޮށިގަނޑުތަކުން މަސްތުވާތަކެތި ފެނުމުންނެވެ. ފޮށިތަކުގައި ހުރީ ކަދުރު ޕެކެޓްތަކެކެވެ. އޭނާ އަތުން އަތުލައިގެންފައިވަނީ 10 ކިލޯގެ ކެނެބިސް އާއި ހަތަރު ކިލޯގެ ހެރޮއިންނެވެ.

މި ދެ އޮޕަރޭޝަންގައި އަތުލައިގެންފައިވާ މަސްތުވާތަކެއްޗަކީ ވެސް ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައިކުރާ އެއް ނެޓްވޯކެއްގެ މަސްތުވާތަކެތި ކަމަށް ސުޒީ ވިދާޅުވި އެވެ. އެތަކެތި ބަންދުކޮށްފައިހުރީ ވެސް އެއްގޮތަކަށް ކަމަށެވެ.

ދެ އޮޕަރޭޝަންއާ ގުޅޭ އިތުރު މައުލޫމާތުތަކެއް ލިބުމުން ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ހުޅުމާލޭގެ ފަސް ތަނެއް ފުލުހުން ބަލާ ފާސްކޮށްފައިވާ ކަމަށް ސުޒީ ވިދާޅުވި އެވެ. އެ ތަންތަން ބަލާ ފާސްކޮށް އެއް އަންހެނަކާއި ނުވަ ފިރިހެނުން ހައްޔަރުކޮށްފައިވެ އެވެ. އެ ތަންތަނުން 18 ކިލޯގެ ކެނެބިސް އާއި ފަސް ކިލޯގެ ހެރޮއިން އަތުލައިގެންފައިވެ އެވެ. އަދި، އެއް ލައްކައަށްވުރެ ރުފިޔާ އާއި ތަފާތު ތިން ގައުމެއްގެ ފައިސާ ވެސް ހޯދާފައިވާ ކަމަށެވެ.

މި ހަތް އޮޕަރޭޝަނުގައި އަތުލައިގަތް 23 ކިލޯ މަސްތުވާތެކެތީގެ އަގު 30 މިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް ސުޒީ ވިދާޅުވި އެވެ.