އަލީ އަޝްފާގު (ދަގަނޑޭ)

ދަގަނޑޭ: ކުރީގެ ފޯމަށް އެނބުރި އައުމުގެ އުންމީދުގައި

Jun 19, 2017
2

އަލީ އަޝްފާގް (ދަގަނޑޭ) އަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާކަން އޭނާ ވަނީ ސާބިތުކޮށްދީފަ އެވެ. ދަގަނޑޭގެ ކެރިއަރުގެ ރެކޯޑްތަކަށް ބެލިޔަސް، އެކަން އޮތީ ފެންނާށެވެ. ދިވެހިރާއްޖޭގެ ކުޅިވަރު އެތުލީޓުންގެ ތެރެއިން އެންމެ ބޮޑު ފޭން ބޭސެއް އޮތް އެތުލީޓަކީ ދަގަނޑޭ އެވެ. ދަގަނޑޭ އަކީ ދިވެހިންގެ މެދުގައި މިއަދު ވެސް ވަރަށް މަގްބޫލު ކުޅިވަރު ކުޅުންތެރިޔެކެވެ. ހާއްސަކޮށް ދަގަނޑޭގެ ކުޅުން ބަލާލުމަށް ދަނޑަށް ވަންނަ މީހުންގެ އަދަދު ވެސް މަދެއް ނޫނެވެ.

ދަގަނޑޭގެ ކުޅުމަށް ފާއިތުވި ދޮޅު އަހަރެއްހާ ދުވަހު ދިމާވި އެންމެ ބޮޑު ހުރަހަކީ އޭނާ އަށް ދިމާވި އަނިޔާގެ މައްސަލަތަކެވެ. މެލޭޝިއާގެ ޕީޑީއާރްއެމްއާ 2016 ވަނަ އަހަރު އޭނާ ދުރަށް ދިޔައީ ވެސް އަނިޔާގެ މައްސަލަތަކާހެދި އެވެ. އޭގެ ފަހުން މިދިޔަ ސީޒަންގެ ފަހު ބައިގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ދަގަނޑޭ ކުޅުނު ނަމަވެސް، އޭނާ އަށް އަސްލު ފެންވަރު ދެއްކޭ ގޮތެއްނުވި އެވެ. އެކަމަކު މާޒިޔާ އަށް މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނުމުގައި ދަގަނޑޭ މުހިންމު ރޯލެއް އަދާކުރި އެވެ.

ފިޓުކޮށް ހުރެއްޖެ ނަަމަ، ދަގަނޑޭ އަކީ އަދިވެސް މެޗެއްގެ ނަތީޖާ އަނބުރާލެވޭ ފެންވަރުގެ ކުޅުންތެރިޔެކެވެ. ފާއިތުވި ދޮޅު އަހަރެއްހާ ދުވަހު ދަގަނޑޭގެ އަސްލު ކުޅުން ނުފެނު ނަމަވެސް، ދަގަނޑޭ މިހާރު ހުރީ އަލުން ދަނޑަށް ނުކުމެ، ތަފާތު ދެއްކުމުގެ އުންމީދުގަ އެވެ.

މި ސީޒަންގެ ދެވަނަ ޓްރާންސްފާގައި ދަގަނޑޭ ވަނީ ނިއު ރޭޑިއަންޓަށް ކުޅެން ނިންމައިފަ އެވެ. ނިއު އަށް ސޮއިކުރުމަށް ފަހު، އޭނާ ވަނީ ސްރީލަންކާގައި ވާތު ކަކުލުގެ އޮޕަރޭޝަނެއްކޮށްފަ އެވެ. ދަގަނޑޭ ވާތު ކަކުލުގެ އޮޕަރޭޝަން ކުރީ މި އަހަރު ނިއު އަށް ކުޅެން ފަށާއިރު، މުޅިން ފިޓުވުމުގެ އުންމީދުގަ އެވެ.

"އުންމީދަކީ ހަމަ ކުރީގެ ކުޅުން އަލުން ދެއްކުން،" ދަގަނޑޭ "އަވަސް" އަށް ބުންޏެވެ. "ވަރަށް ބޮޑަށް މަސައްކަތްކުރާނަން (މި އަހަރުގެ) ފުރަތަމަ މެޗު ކުޅެންވާއިރަށް މުޅިން ފިޓުވާން."

އޮޕަރޭޝަނަށް ފަހު، ދަގަނޑޭ ވަނީ މިހާރު މާލެ އައިސް، ޓޯޓަލް ފިޓްނަސް ގުރޫޕް (ޓީއެފްޖީ) ގެ ހުސައިން ޒިނާންގެ ބެލުމުގެ ދަށުން ރިކަވަރީ ޕްރޮގްރާމް ފަށައިފަ އެވެ. ޒިނާން ވަނީ، 2015 ވަނަ އަހަރު ކުރީގެ ގައުމީ ކީޕަރު އިމްރާން މުހައްމަދަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާގެ ރިކަވަރީ ޕްރޮގްރާމް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

ދަގަނޑޭ ބުނީ ރިކަވަރީ ޕްރޮގްރާމް ދަނީ ވަރަށް ރަނގަަޅަށް ކަމަށާއި މާ ލަސްތަކެއްނުވެ މުޅިން ފިޓުވެ، ކުޅެން ނިކުމެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

ކެރިއަރުގައި 400 އަށްވުރެ ގިނަ ލަނޑު ޖަހާފައިވާ ދަގަނޑޭ ،31، ފިޓުވެއްޖެ ނަމަ، އެއީ އެހެން ޓީމުތަކަށް ހުރި ނުރައްކަލެކެވެ. މުޅިން ފިޓުވެއްޖެ ނަމަ، ދަގަނޑޭ އަކީ ގަލޮޅު ދަނޑުގައި ތަފާތު ކުޅުންތެރިޔެކެވެ.

ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމާޢި ސީޒަންގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ދޭ ރަންބޫޓު އެތައް ފަހަރަކު ހޯދާފައިވާ ދަގަނޑޭ އަށް ފުރަތަމަ ޑިވިޝަންގައި ނުލިބޭ ކާމިޔާބެއް ނެތެވެ. އަދި ރާއްޖޭގައި އަމިއްލަ ގޮތުން ވެސް އޭނާ އަށް ނުލިބޭ ކާމިޔާބެއް ނެތެވެ. ދަގަނޑޭ ވަނީ މާޒިޔާ އާއި ނިއުގެ އިތުރުން ވެލެންސިއާ އާއި ވީބީ އަށް ވެސް ކުޅެފަ އެވެ.