ފިހާޅޮހިން: މޫސާ ރަޝީދު -- ފިހާޅޮހީގެ ހާރުދަން ވީއެވެ. ހާރު ކާ ގަޑި ޖެހުނީ އެވެ. ކާތަކެތީގެ މީރު ވަސް ބޭރު ވަމުންދިޔަ ދޮރަކުން މި ވަދެވުނީ ހަރުގެއެއް ކަހަލަ ފުޅާ ކާގެއަކަށެވެ. މިތާނގެ ކަނާތް ފަރާތުގެ ބިތުގައި ބަރިއަކަށް ހައެއްކަ ފޮޓޯ ލޯގަނޑު ހުއްޓެވެ. އެ އެންމެނަކީ މި ރަށުގެ ހިދުމަތުގައި ދުނިޔެ ދޫކޮށްފައިވާ މީހުނެވެ. ވާތް ފަރާތު ފާރުން ބަރިބަރިއަށް އަޅައިގަތީ މި ރަށުގެ މުއައްޒިފުން ހޯދާފައި ހުރި ފަހުރުވެރި ކާމިޔާބީތަކެވެ. ތަށިތަކާއި ރަން ރިހީގެ މެޑަލްތަކާ، އައްޑަނަތަކެވެ.
އަސްތާ ކުރިމަތީ މިއޮތީ އެވެ. ފިހާޅޮހީގެ ސްޓާފް ކެންޓީނުގެ ހާމަ ބަދިގޭގައި ޝެފުންތައް މީރު ކެއުންތައް އުނދުންމަތިން ބާލައި ގޮތަށް ގޮތަށް ތަބަކުގައި އަތުރައި ބަރިބަރިއަށް އެއޮތީ ނެރެ ތަށިމަތި އަތުރާލާފަ އެވެ. އެހެން ދިމާއަކަށް ސަމާލު ކަމެއް ދެން ދޭނީ ކިހިނެއް ހެއްޔެވެ؟ މީރު ވަހުން ކުޅުދިޔާ ކޮށްލައިފިއެވެ. މި ރިސޯޓުގައި އެންމެން ބޭނުންވާ ކަންތައް މިއޮއް ފުދެނީ އެވެ. ނޫން ދެވަނަ އަށް އެންމެ ބޭނުންވާ ކަންތައް މިއޮއް ފުދެނީ އެވެ. މިހާރު މިހުރެވެނީ ބޮޑު ދޮލަނގެއްގައި ބޮޑު ތައްޓަކާއެކު ހާރު ކިއޫގަ އެވެ. ފަންސާހަކަށް ފޫޓުގެ މި ދިގު ސުފުރާގައި ނެތީ ކޯންޗެއް ހެެއްޔެވެ؟
ފިސާރި ބުފޭއެކެވެ! ރޯދި ކުރެއްވި އެއްޗެއްވިއްޔާ ކާން މިރޭ އަގު ދިން ހިސާބަށް ތަށި ފުރާލަނަމެވެ. މިހުރީ ކޮޕީ ފަތާއި މީރުހާ ސަޓަންޏެވެ. އެހުރީ ފިޔާއި މިރުހާއި ލުނބޮޔާއި ލޮނުމެދުގެ ދޮލަނގުތަކެވެ. ތެލުލި މިރުހާއި ގިތޮ މިރުހާއި ތޮޅި މިރުހެވެ. ތިން ހަތަރު ވައްތަރުން ބަތެވެ. ނޫޑްލުހާއި އިސްޕެގެޓީ އެވެ. ރޮއްޓާއި ފޮޅިއެވެ. އަސްތާ މިހިރީ އާވި އަރައަރާ ހުރި ތާޒާ ރަތް ގަރުދިޔަ އާއި ފިހުނު މަހެވެ. މުގުރިހަ އާއި ތެލުލި ރިހާކުރެވެ. ރިހާކުރަށް އެހުރީ ހިކިމަސް އަޅައި ހަނާ ކޮށްލާފައެވެ. ޅިސްޖެހެން ކައިލެވޭނެ އެވެ. ކުކުޅު ވެސް މިހުރީ އެވެ. ހަނާކުރި ވައްތަރެއްގެ ބޯވާވެސް ދިމާއަށް މިހުރީ އެވެ. މިހުރިހާ ބާވަތަކުން މި ތަށި ފުރައިލެވޭނެ އެވެ. އަދިވެސް އަޅަން ވީ ހެއްޔެވެ؟ ބަތްޕެނެވެ. ސާގު ފަންޏާއި ސޫޖީއެވެ. އަދި އަޅާނު ހެއްޔެެ؟ ދެވަނަ ބުރެއް ޖަހާނީ ދޯ އެވެ. އަދިއޮތީ އެވެ. ފްރައިޑް ރަސް ކޮޅެއް ކައި ނުލާ ކަމަކު ނުދާނެ އެެވެ. މި ބަނޑަށް އެނގުންވެލާނީ އޭރުންނެވެ. އެއަށް ލޮނު މިރުގަނޑެއް ޖަހައިލީމާ އަނގައިތެރެ ދިޔައިކޮށްލާނެ އެވެ.
މިއޮށް އެންމެން ފަޅައިފައި މޭޒެއް ހޯދާލައިގެން އިށީނދެ ކާން ފަށައިފީމެވެ. އެހެން މީހަކަށްވީ ގޮތެއް ވެސް ވާނެ ގޮތެއް ވެސް ނުބަލަމެވެ. އެންމެންގެމަތިން ހިނދުކޮޅަކަށް ނަމަވެސް ހަނދާ ނެތިފައި ހޭވެރިކަންވީ ކާމޭޒުތައް އެކި ދިމަ ދިމާއަށް ޖަހާފައިވާ ވިއްސަކަށް މޭޒުގައި މީހުންތައް އެތުރި ފުރި ބާރުވިފަހުން ކުޅިވެގެން ޗޯސް ދަމާލެވުމާއެކު އެވެ.
މިހާ މީރުކޮށް ހާރުކަން އިރު ފާހަގަވީ ކަމަކީ ވެއިޓަރުން ތިބެނީ ވައްތަރު ވައްތަރުން ޖޫހާއި މޭވާގެ ބާވަތްތައް ހިފައިގެން އަންނަ ކަމެވެ. ތާޒާ ފަޅޯ ތަށިތަކާއި އަތްތިލައަށްވުރެ ދިގު އެހާ ފަލަ ދޮންކޭލެވެ. ދެވަށް ކާނާމޭ ހިތަށް އެރި އެވެ. އެހެން މީހުންގެ ތައްޓަށް ބަލާއިލީ މެވެ. ދުލެއް ނުކުރެ އެވެ. ބަހެއް ވެސް ނުބުނެ އެންމެން ކަނީ އެވެ.
"ކެންޓީނު ބަންދު ކުރަނީތޯ؟" ޖެހިގެން ހުރި މޭޒު ކައިރީ ކާން އިން ފިހާޅޮހީގެ އިންޖިނިއަރިން އެންޑް ބިލްޑިން މެއިންޓަނެންސް ހެޑް އަހުމަދު ޖާބިރު ކައިރީ އަހާލުމުން އޭނާ ވިދާޅުވި ގޮތުގައި ރިސޯޓުގެ ގިނަ މުއައްޒިފުން ހާރު ކާން ވަންނާނީ 12:30 އެހާ ކަން ހާއިރު ކަމަށާއި އަދި މިއީ ފެށުމެއް ކަމަށެވެ. ކެންޓީން ބަންދު ކުރާނީ 2:30 ގައެވެ.
ކައިކައި އަވަދިވި އިރު ބިދޭސީން ވެސް އަތް ދޮވެގެން މުންޑު އަތައް ނަގާ އޮޅަމުން ކެންޓީނުން ނުކުނަނީ އެވެ. އެ މީހުންގެ މޫނު މަތިން ވެސް ފެންނަނީ ހަބޭހަށް މީރުކޮށް ކައިލެވުނު ކަމުގެ ހިތްހަމަޖެހުމެވެ.
"ރަނގަޅަށް ކެވުނުތަ؟ މިފެންވަރުގެ ހާރު ކެއުންގަނޑެއް އެއޮށް ބޮޑު މާލެއިން ވެސް ލާހިކެއް ނޫން ހޯދާކަށް. އެ މީހަކު ހިތް ފުރޭވަރަށް ކާން ލިބޭނެ. އަދި އެ ރެއެއްގައި ދިވެހި ކެއުމެއް ބޭނުންވިޔަސް ނޫނީ ބޭރު ކެއުމެއް ބޭނުން ވިޔަސް ލިބޭނެ. ވަރަށް ހިތްހަމަ ޖެހިގެން ކޮންމެ ދުވަހަކު ވެސް ހާރު ކަނީ،" ކެންޓީނުގެ އަތް ދޮވުމަށް ބަހައްޓާފައި ހުރި ޒިންކު ކައިރީ މަޑުކޮށްލާގެން ހުރި ދިވެހި ޒުވާނަކު އަހަންނާދިމާއަށް ބުނެލި އެވެ.
ބަރުވެފައި ހުރިވަރުން އަހަންނަށް އާއެކޭވެސް ބުނެލެވޭ ވަރެއް ނުވި އެވެ. ހިސާބަކަށް ލޮޑު ކަމެއްގައި ހިނގައިގަތުމާއެކު ނުކުންނާ ދޮރާ ދިމާ ފާރަށް ބަލައިލެވުނެވެ. އެހުރީ މިރަށަށް ލިބިފައިވާ ކޮލިޓީ އެވޯޑްގެ ލިޔުންތަކާއި ފޮޓޯއެވެ. ހިތަށް އެރި އެވެ. މިރޭ މި ކައިލެވުނީވެސް ކޮލިޓީ އެވޯޑް ދޭވަރުގެ ހާރެކެވެ.