ހަބަރު

ސުމެއިދުގެ މައްސަލައަށް ސަމާލުކަން ނެތުމުން ފުލުހުންގެ ކަންބޮޑުވުން

ޑިންގީއެއްގައި މަސް ބާނަން ނިކުމެ އުޅެނިކޮށް ގެއްލިފައިވާ ފުލުހުންގެ އޮފިސަރު މުހައްމަދު ސުމައިދު ގެއްލިފައިވާ މައްސަލައަށް ސަމާލުކަން ނުލިބި އެކަމުގައި ކަންބޮޑުވުން ނެތުމުން ފުލުހުން ކަންބޮޑުވެއްޖެ އެވެ.

ފުލުހުންގެ ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ، ސުމެއިދަކީ ވެސް އަނތްބަކާއި ކުޑަކުއްޖަކު ހުރި މީހެއް ކަމަށާއި އޭނާ ގެއްލިފައިވީ ނަމަވެސް އެކަމުގައި ކަންބޮޑުވުން ފާޅުކުރަމުންދާ ތަން ނުފެންނަ ކަމަށެވެ. އެކަމުގައި ސަބަބުން ފުލުހުންގެ މެދުގައި ވަރަށް ބޮޑު ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

"ފުލުހަކަށް ކަމެއްވެއްޖެނަމަ ކަންބޮޑުވުން ނޯންނަނީ ކީއްވެތޯއާމެދު ފުލުހުން ނުތަނަވަސްވޭ، ފުލުހުން މިތިބީ ސުމެއިދު ގެއްލިފައިވާތީ ފުން ހިތާމައެއްގައި، އެކަމުގެ ކަންބޮޑުވުން ނެތުމަކީ ފުލުހުން އިތުރަށް މާޔޫސްވާ ކަމެއް،" އޮފިޝަލް ވިދާޅުވި އެވެ.

މި މަހުގެ ހަތަރުވަނަ ދުވަހު ސުމެއިދު ގެއްލުނުއިރު އެ މައްސަލާގައި ޝައްކުކުރެވޭ ކަންތައްތަކެއް ވެސް ވަނީ ފާހަގަވެފަ އެވެ. ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ވެސް ކުރަމުންނެވެ. ޑިންގީގައި ސާމާނު ހުރުމުން އެ ޑިންގީ ބަންޑުން ޖަހާލިކަމާމެދު އާއިލާއިން ވަނީ ސުވާލު އުފައްދާފަ އެވެ.

ނަމަވެސް އެ އާއިލާގެ އިތުރުން އެކަމުގައި ކަންބޮޑުވުން ފާޅުކޮށްފައެއް ނުވެ އެވެ. ޖަމިއްޔާއަކުން ވެސް ނުވަތަ އިސް ބޭފުޅެއް ވެސް އެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަ ދައްކަވާ ތަނެއް ނުފެނެ އެވެ. އެ އާއިލާގެ މެންބަރަކު ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ސުމެއިދު ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފްއިން އަދިވެސް ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން ވައިގެ މަގުންނާއި ޑައިވްކޮށްގެންނާއި ކޯސްޓްގެ ގާޑްގެ އުޅަނދުފަހަރު ބޭނުންކޮށްގެން ސުމެއިދު ފެނޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.