ބޮލީވުޑް

ކެޓްރީނާ ދެން ރަންބީރާއެކު ފިލްމެއް ނުކުޅޭނެ

Jun 20, 2017
1

ހަ އަހަރުވީ ލޯބީގެ ގުޅުން އެކްޓަރު ރަންބީރު ކަޕޫރާއި ބަތަލާ ކެޓްރީނާ ކައިފް ނިމުމަކަށް ގެނައިރު، އެ ދެތަރިން އައީ އެކުގައި ޑައިރެކްޓަރު އަނޫރާގް ބާސޫގެ "ޖަައްގާ ޖާސޫސް" ކުޅެމުންނެވެ.

މި ދެތަރިން ރުޅިވެ ދެމީހުންގެ ދެމެދުގައި ޖެހުނު މައްސަލަތަކުގެ ސަބަބުން އެކުގަައި ފިލްމުގެ ޝޫޓިން ކުރިއަށް ނުގެންދެވޭ ހިސާބަށް ގޮސް ފިލްމުގެ ޝޫޓިން ނުނިމި ދިގުލައިގެން ގޮސް ރިލީޒްކުރުން އެތަކެއް ފަހަރު ލަސްކޮށްފަ އެވެ. ދެހާސް ސާދަ ވަަނަ އަހަރުން ފެށިގެން އުފައްދަމުން އަންނަ މި ފިލްްމު އަންނަ މަހު ރިލީޒް ކުރާއިރު، ރަންބީރާއި ކެޓްރީނާގެ ދެމެދުގައި ނުތަނަވަސް ކަން ހުރި ނަމަވެސް މި ދެތަރިން އަންނަނީ އެކުގައި ފިލްމު ޕްރޮމޯޓް ކުރުމަށް އެކި އިވެންޓްތަކުގައި ބައިވެރިވަމުންނެވެ.

މި ފިލްމު ޕްރޮމޯޓްކުރަމުން އައި ނަމަވެސް ދެމީހުން އެކުގައި މީޑިއާގެ ކުރި މައްޗަށް އަރަން ފަސްޖެހޭކަން އެމީހުންގެ އަމަލުން އެނގެ އެވެ. ސަބަބެއް ކަމަށް ބެލެވެނީ ދެ މީހުންގެ ދެމެދުގައި އޮތް ގުޅުމާއި ބެހޭގޮތުން ސުވާލުތައް ކުރިމަތި ކޮށްފާނެތީ އެވެ. ހިނިތުން ވެލައިގެން ދެމީހުންގެ ދެމެދުގައި އެއްވެސް ހިތްހަމަނުޖެހުމެއް ނެތް ކަމަށް ރަންބީރާއި ކެޓްރީނާ ދައްކަން މަސައްކަތްކުރި ނަމަވެސް އެކުގައި ދެމީހުން މަސައްކަތް ކުރަން ގަޔާ ނުވާކަން އިނގެ އެވެ.

އެގޮތުން މި ފިލްމު ޕްރޮމޯޓްކުރުމަށް ބޭއްވި އިވެންޓެއްގައި ރަންބީރާއެކު ކުރިއަށް އޮތް ތަނުގައި އިތުރު ފިލްމެއް ކުޅެފާނެތޯ އެހުމުން ކެޓްރީނާ ވަނީ އެކަން އެގޮތަށް ނުވާނެ ކަމަށް ބުނެފަ އެވެ.

ރަންބީރާއެކު ކުރިއަށް އޮތް ތަނުގައި އެކުގައި ފިލްމެއް ކުޅެން ބޭނުންނުވާ ކަމަށް ބުނަމުން ކެޓްރީނާ ވަނީ ރަންބީރާއެކު ފިލްމު ކުޅުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި ފަހަކަށް އައިސް އޭނާ މުޅިން ވެސް ކުޅެފައިވަނީ ވަރަށް ތަފާތު ރޯލުތަކެއްކަން އެންމެނަށް ވެެސް އެނގޭ ކަމަށެވެ.

"ރަންބީރު ވެސް އަހަންނަށް ވަނީ އެކުގައި އިތުރު ފިލްމެއް ނުކުޅޭނެ ކަހަލަ އިޝާރާތެއް ދީފައި. ދެން އަހަރުމެން އެކުގައި ފިލްމެއް ނުކުޅޭނަން،" ކެޓްރީނާ ބުނެފައިވެ އެވެ.

މިއީ ހަމަ ޔަގީނުން ވެސް ކެޓްރީނާ އާއި ރަންބީރުގެ ފޭނުންނަށް ހިތާމަވެރި ހަބަރެކެވެ. "އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ" އާއި "ރާޖްނީތީ" އަކީ މި ދެތަރިން އެކުގައި މީގެ ކުރިން ކުޅެފައިވާ ދެ ފިލްމެވެ.

ގިނަ އަހަރުތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކެޓްރީނާ އާއި ރަންބީރު ރުޅިވެފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.

ރުޅިވިފަހުން މި ދެތަރިން އެކުގައި ފިލްމު ކުޅެން ބޭނުން ނުވާއިރު، ރަންބީރާއި އޭނާގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަލާ ދިޕިކާ ޕަދުކޯން ވަނީ ރުޅިވިފަހުން އެކުގައި ދެ ފިލްމެއް ކުޅެފަ އެވެ.

ކުރިއަށް އޮތް އަހަރެއްހާ ދުވަހަކީ ރަންބީރާއި ކެޓްރީނާ އަށް ވަރަށް ބުރަ އަހަރެކެވެ. ކެޓްރީނާ މިހާރު ސަލްމާން ޚާނާއެކު ކުޅެމުން އަންނަަ "ޓައިގާ ޒިންދާ ހޭ" އާއި އާމިރް ޚާން އާއި އަމީތާބް ބައްޗަނާ އެކު ކުޅޭ "ތަގްސް އޮފް ހިންދުސްތާން" ހިމެނެ އެވެ. އަދި ރަންބީރު، ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމާއި އަޔާން މުކަރްޖީގެ "ޑްރެގަން" ހިމެނެ އެވެ.