ވިޔަފާރި

ޕްލަސް ސައިޒަށް ޕްލަސް ޕޮއިންޓެއް!

ސައިޒުން ބިޔަ މީހަކު ނަމަ ލާނެ އެއްޗެއް ހޯދަން މުޅި މާލެ ކުޑަ ކުރަން ޖެހެ އެވެ. އެކަމަކު ނުލިބެ އެވެ. ޖެހެނީ ކޮންމެ ވެސް ތާކުން ފޮތި ގަނެގެން ފަހާށެވެ. އެކަމަކު އެކަމަށް ނިންމުމެއް ގެނެސް ދިނީ "ޕްލަސް ސައިޒް" ގެ ނަމުގައި މީގެ ހަތް އަހަރު ކުރިން ހުޅުވި ވަރުގަދަ ފިހާރައިންނެވެ.

ޕްލަސް ސައިޒަކީ "އާދައިގެ މީހުން" ގެ ފިހާރައެއް ނޫނެވެ. އެއީ ސައިޒުން ބޮޑެތި މީހުންގެ ފިހާރައެކެވެ. އާދައިގެ ސައިޒުގައި ތިބޭ މީހުން އެ ފިހާރައަށް ވަންނާނެ ވެސް ކަމެއް ނެތެވެ. ހެޔޮވަރު އެއްޗެއް ނުހުންނާނެ އެވެ. އެ ފިހާރައިގައި ގަމީސްގެ ހުންނަނީ އެކްސްއެލްއިން ފެށިގެން ސިކްސް އެކްސްއެލްއާ ދެމެދުގެ ސައިޒުތަކުގަ އެވެ.

ފަޓުލޫނާއި ޖިންސުން ހުންނަނީ 34 ން ފެށިގެން 48 އާ ހަމައަށެވެ. ބޫޓާއި ފައިވާން ވެސް ހުންނަނީ 40 އިން މަތީގެ ސައިޒުތަކެވެ. މާލޭގައި ވެސް މިހާރު ހުރި މިފަދަ ހަމައެކަނި މި ފިހާރަ މި ހިސާބަށް ގެނައުމުގެ ފަހަތުގައި ހުރީ ސައީދު އަބްދުﷲ އެވެ. އޭނާ ބޭނުންވީ ތަފާތު ފިހާރައެއް ހުޅުވުމަށެވެ. އެކަން އޭނާ ވަނީ ކާމިޔާބުކޮށްފަ އެވެ.

މިދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ސައިޒުން ބޮޑެތި މީހުން އެންމެ ގިނައިންދާ އެންމެ ކަމުދާ ފިހާރައިގެ ގޮތުގައި އެ ފިހާރަ އޮތީ މަޝްހޫރުވެފަ އެވެ. ނަމަވެސް މިއީ ޒަމާނީ ދުނިޔެ އެވެ. އެންމެން ވެސް ޒަމާނަށް ލޯބިކުރެ އެވެ. ފެޝަނަށް ލޯބިކުރެ އެވެ. އޭގައި ވަކި އުމުރެއް ވަކި ސައިޒެއް ނޯވެ އެވެ.

އެހެންކަމުން ސައިޒުން އަދި ކިތަންމެ ބޮޑު ނަމަވެސް ބްރޭންޑެޑް އެންމެ ފަހުގެ ޓްރެންޑްތަކުގެ އެއްޗެހި ލުމަށް އެންމެން ވެސް ހިތް ކިޔަ އެވެ. އެކަން "ޕްލަސް ސައިޒް"ގައި ވެސް ކުރިއަކުން ނުފުދެ އެވެ. ޕްލަސް ސައިޒް އިން ވަނީ މިހާރު ޗޭންޖުކޮށްލާފަ އެވެ. އެއީ ޕްލަސް ޕޮއިންޓެއް އެ ފިހާރައަށް ލިބޭ ސަބަބެވެ.

ބަންދުކޮށްފައި ބެހެއްޓުމަށްފަހު މީގެ ހަފުތާއެއް ކުރިން "ޕްލަސް ސައިޒް" އަލުން ހުޅުވިއިރު މުޅި ފިހާރަ ވަނީ ބަދަލުކޮށްލާ ނަލަކޮށްލާފަ އެވެ. ފިހާރައިގައި އެއްޗެހި ވެސް ވަނީ ގިނަވެފަ އެވެ. ދެ ޖިންސުގެ ތަފާތު އަންނައުނެވެ. ސައިޒުން އެހާ ބޮޑެއްޗެވެ. އެންމެ ހާއްސަ ކަމަކީ ބްރޭންޑް އަންނައުނެވެ.

އަލަށް ގެނައި ބަދަލުގައި އެންމެ ފަހުގެ ބްރޭންޑްތަކުގައި ގަމީހާއި ޖިންސް އަދި ހެދުން ބިޔަ މީހުނާ ހަމައަށް ވެސް ފޯރީ އެވެ. މިހާރު "ޕްލަސް ސައިޒް"ގައި ބްރޭންޑެޑް އެއްޗެހި ނަން ހުސްކޮށް އެބަހުއްޓެވެ. ސައިޒުން ބިޔަ މީހުންގެ އެ ޝަކުވާ ވެސް ފުދުނީ އެވެ.

ބްރޭންޑެޑް އެއްޗެހިން ފިހާރަ ފަޅުފިލުވާލައިވީ ނަމަވެސް އާދައިގެ އަންނައުނު ވެސް އަދިވެސް އެ ފިހާރާގައި ހުރެ އެވެ. އާދައިގެ އެއްޗެހި ލުމަށް ލޯބިކުރާ މީހުން ވެސް ވަންނަން ވާނެ އެވެ.