ދުނިޔެ

އޮއިލް ޕްލެޓްފޯމަކަށް ހަމަލާދޭން އުޅުނު އީރާނު ބަޔަކު ހައްޔަރުކޮށްފި

ސައުދީ އަރަބިއްޔާގެ ކަނޑުގެ ސަރަހައްދުގައިވާ އެ ގައުުމުގެ ތެޔޮ ނަގާ ޕްލެޓްފޯމަކާ ދިމާއަށް ގޮވާތަކެއްޗާއެކު ދާން އުޅުނު އީރާނު ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ސައުދީން ބުނެފި އެވެ.

ސައުދީ އޮފިޝަލުންނާ ހަވާލާދީ އަރަބް ނިއުސް އިން މިއަދު ބުނީ ގޮވާތަކެތި ބަރުކޮށްގެން އަރަބި ގަލްފުގައިވާ މަރުޖާން އޮއިލް ފީލްޑްގެ ޕްލެޓްފޯމަކާ ދިމާލަށް ދަތުރުކުރި ބޯޓުން ހައްޔަރުކޮށްފައި ވަނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްގެ ތިން މީހުން ކަމަށެވެ.

ސައުދީ އަރަބިއްޔާ ސަރުކާރުގެ ރަސްމީ ނޫސް އެޖެންސީން ކުރިން އާއްމުކުރި ބަޔާނެއްގައި ބުނެފައި ވަނީ ރަތާއި ހުދުގެ ދިދަ ޖަހާފައިވާ ތިން ބޯޓް ސައުދީ ކަނޑުގެ ސަރަހައްދަށް ހުކުރު ދުވަހު ވަދެ، މަރުޖާން އޮއިލްފީލްޑާ ދިމާލަށް ދަތުރުކުރި ކަމަށެވެ. ސައުދީ ކަނޑުގެ ސިފައިން އެބޯޓްތަކަށް އިންޒާރު ދިނުމުގެ ގޮތުން ބަޑިޖެހުމުން ވެސް އިޖާބަ ނުދިން ކަަމަށާއި އޭގެ ތެރެއިން އެއްބޯޓް އަތުލައިގަނެވުނު ކަމަށާއި އަނެއް ދެބޯޓް އަތު ނުޖެހި ދިޔަ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ސައުދީން ބުނެފައި ވަނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްގެ ތިން މީހުންނާ ސުވާލުކުރަމުން އަންނަ ކަމަށެވެ.