ސިޔާސީ ޕާޓީއެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް، 1951 ވަނަ އަހަރު ރަސްމީ ސިފައެއް ޖެހިގެން ވަނީ އުފެދިފަ އެވެ. ނަމަވެސް 1950 ވަނަ އަހަރު ކުރީކޮޅުން ފެށިގެން ވެސް ސިޔާސީ ޕާޓީއެއް އުފެދުމުގެ ވަގުތު ދޮންވެ ފައްކާ ވެފައިވާ ކަމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ސިޔާސީ ޕާޓީގެ ބާނީ، އަދި އެ ޕާޓީގެ ރައީސް މުހައްމަދު އަމީނު ވަނީ ވިދާޅުވެފަ އެވެ.
ފުރަތަމަ ސިޔާސީ ޕާޓީ "ރައްޔިތުންގެ މުތަގައްދިމު ޕާޓީ" ނުވަތަ ރައްޔިތުން ކުރިއަރުވާ ޕާޓީ ރަސްމީކޮށް އިފްތިތާހު ކުރީ 9 އޮކްޓޫބަރު 1951 ގަ އެވެ.
ޕާޓީގެ ފުރަތަމަ އަހަރީ ޖަލްސާގެ އަތްމަތީ ފޮތުގައި ސިޔާސީ ޕާޓީ އަށް ނިސްބަތް ކުރައްވައި އަމީނު ލިޔުއްވާފައިވަނީ "އަޅުގަނޑަށް އަދާކުރެވޭ އެންމެ ފަހު ހިދުމަތަކީ މީ ކަމުގައި ވިޔަސް އަޅުގަނޑު މަރުވާނީ އުފަލުން" ކަމަށެވެ.
ރާއްޖޭގެ އާބާދީ މިހާރު ހަތަރު ލައްކަ އިން މައްޗަށް އުފުލި، އާންމުންގެ ހޭލުންތެރިކަމާއި ތައުލީމު އަދި ހުރިހާ ދާއިރާއެއްގެ ތަފާތުތައް ނެތެމުން ދިޔަ ނަމަވެސް، މުހައްމަދު އަމީނު ސިޔާސީ ޕާޓީއެއް އުފެއްދެވީ އާބާދީ މަދު، ހުރިިހާ ގޮތަކުން ވެސް ހޭލުންތެރިކަން ކުޑަ އަދި ތަފާތުތައް ބޮޑު އިރެއްގަ އެވެ. ސިޔާސީ ތަފާތު ވިސްނުންތަކެއް ވެސް އޭރަކު ނެތެވެ. އަދި އަމީނު ވިދާޅުވާ ގޮތުން ނަމަ އެ ދުވަސްވަރު އޮތީ "ރައްޔިތުންގެ ހިތްތަކުގައި ވެރިންގެ މައްޗަށް އުފެދިފައިވާ ބިރުވެރިކަމާއި އަބުއިކަމުގެ ލޯތްބެއް" ގެ ތެރޭގަ އެވެ.
ސިޔާސީ ޕާޓީއެއް އަމީނު ފޯމް ކުރެއްވީ ކީއް ކުރައްވަން ބާވަ އެވެ؟ އަދި އޭނާ އެކަމުގެ ހިޔާލު ހޯއްދަވާފައިވަނީ ކިހިނެއް ހެއްޔެވެ؟
ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ސަބަބުތައް ވެސް އަމީނު ވަނީ ގައުމަށް ވިދާޅުވެ ދެއްވައިފަ އެވެ. އަދި ސިޔާސީ ޕާޓީއަކާ ނުލައި ރާއްޖޭގެ ސިޔާސަތު ހިނގަމުން އައިސް ކުއްލިއަކަށް ޕާޓީއެއް އުފައްދަން ޖެހުން އެއީ ސުވާލެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.
މުތަގައްދިމު ޕާޓީ އުފެއްދެވުމަށް ފަހު އަމީނު ވިދާޅުވި ގޮތުގައި އޭނާ އުފެއްދެވި ޕާޓީއަކީ އެއްވެސް މާނައެއްގައި ރާއްޖޭގައި އުފެދުނު ފުރަތަމަ "ޕާޓީ"އެއް ނޫނެވެ. އަދި ވިދާޅުވެފައި ވަނީ ދިވެހި ރާއްޖޭގައި މިހާތަނާ ޖެހެންދެން ވެސް ސަރުކާރު ހިނގަމުން އައީ ޕާޓީ އުސޫލުގެ މަތިން ކަމަށެވެ. ތަފާތަކީ "ޕާޓީ" އެކޭ ކިޔުމުގެ ބަދަލުގައި އާއިލާއެކޭ ކިޔަމުން އައުން ކަމަށް ވިދާޅުވެފައި ވެ އެވެ.
އަމީނު އިޝާރާތް ކުރައްވާ ދިމާއަށް ބަލާއިރުގައި އޭގައި ބުރަދަނެއް އެބަހުއްޓެވެ. މާޒީ އަށް ވިސްނާލާއިރު ރާއްޖޭގެ މި ޒަމާނުގެ ތާރީހު ފެށުމަށް ފަހު ދައުލަތް ހިންގަމުން ގެންދިޔައީ ޕާޓީތަކަކުންނޭ ނުކީ ކަމަށް ވިޔަސް އެކަން ކުރީ ތިން ޕާޓީއަކުންނެވެ. އެއީ "އެއްގަމުގޭ އައިލާ" އާއި "ކަކާގޭ އާއިލާ" އާއި "އަތިރީގޭ އާއިލާ" އެވެ. މިއިން ކޮންމެ އާއިލާއަކުން ދައުލަތް ހިންގަވަމުން ގެންދެވީ އެ އާއިލާއެއްގެ އެންމެ އިސް މީހެއްގެ ގޮތެއްގައި ހުންނެވި ބޭފުޅަކު ކުރީގައި ހުންނަވައިގެނެވެ. އަދި އާއިލާގެ ދެން ތިއްބެވި ބޭފުޅުން މަގާމުތަކަށް އިސް ކުރައްވައިގެނެވެ.
އަމީނު ވިދާޅުވެފައިވާ ގޮތުގައި އާއިލާ އިން ސަރުކާރު ހިންގުމުގެ އުސޫލުގައި ނިމުމުގެ ސިއްކަ ޖަހައި ޕާޓީ ސިޔާސަތުން ދައުލަތް ހިންގަން ފެށުމުގެ ދުވަސް ގުދުރަތީ ގޮތުން އައިސް ކުރިމަތިލީ އެވެ. ތިން ސަބަބެއް ވެސް އަމީނު ދައްކަވާފައި ވެއެވެ. އެއީ ރާއްޖޭގެ ރަސްކަން ވިރާސީ ރަސްކަމުން ކެނޑި އިންތިހާބީ ރަސްކަމެއް ކަމުގައި ވުމާއި ވެރިކަން ކުރަމުން އައި އާއިލާތައް ހުލިވަމުން ގޮސް ނިމެން ކައިރިވުމާއި ދައުލަތް ހިންގެވުމުގެ އިސްވެރިޔާއަކީ އާއިލާގެ ތައައްސުބުން އެއްކިބާވެފައިވާ މީހަކު ކަމުގައި ވުމެވެ.
އަމީނު އިސްވެ ހުންނަވައިގެން ރައްޔިތުންގެ މުތަގައްދިމު ޕާޓީ އޭނާ ގާއިމު ކުރެއްވީ އެފަދަ ޕާޓީއެއް އުފެއްދުމުގެ ބޭނުންތެރިކަން ބޮޑުވެއްޖެ ކަމަށް ވިދާޅުވެފަ އެވެ. ޕާޓީގެ މަގުސަދާ ބެހޭ ގޮތުން އިފްތިތާހީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަމީނު ވިދާޅުވި އެވެ:
"ޕާޓީއެއް އުފެއްދުމުގެ ޒަރޫރަތްތެރިކަން ވަރަށް ވެސް ބޮޑުވެއްޖެ ކަން އަޅުގަނޑުމެންނަށް ޔަގީން ވަނީ އަޅުގަނޑުގެ ނެތިއްޖެ ދުވަހެއް އައުމާ އެކު ވަރަށް ގުދުރަތީ ގޮތެއްގައި އަދި ދިވެހި ރާއްޖޭގައި ތަމްސީލު ވެގެންދާނޭ ކަމަށް އަޅުގަނޑުމެންނަށް ފެންނަ މަންޒަރުތަކަށްޓަކަ އެވެ.... އަޅުގަނޑުމެނަށް ސިފަވެވޭ މަންޒަރަކީ ގާތްގަނޑަކަށް ދައުލަތް ހިންގުމުގެ ހުރިހާ މަސްއޫލިއްޔަތުތަކެއް ކޮނޑުގައި އެޅިފައިވާ މީހާ ނެތުމުން ދައުލަތް ހިންގުމުގެ މެޝިނަށް އަރާނެ ބުރޫތަކެވެ."
ޕާޓީގެ ރައީސެއްގެ ގޮތުން މުހައްމަދު އަމީނު ދައްކަވާފައިވާ ވާހަކަފުޅުން އެނގެނީ ވެރިކަމުގެ ނިޒާމު ހަރުދަނާކޮށް ވަކި އުސޫލްތަކެއްގެ މަތިން ސަރުކާރު ހިންގެވުން ކުރިއަށް ގެންދަވަން ރާއްވަވައިގެން ހުންނެވި ކަމެވެ.
އަމީނުގެ ސިޔާސީ ޕާޓީގެ މުހިންމު ތިން މަގުސަދަކީ ދިވެހި ގައުމަށާއި ރައްޔިތުންނަށް ފައިދާ ހުރި ގޮތްތައް ހޯދައިދިނުމަށް މަސައްކަތް ކުރުމާއި ދިވެހި ރައްޔިތުން ސިޔާސީ ގޮތުން ހޭއެރުވުމާއި ރައްޔިތުންގެ މެދުގައި އެކުވެރިކަން އުފެއްދުމެވެ.
ދުނިޔޭގެ އެކި ގައުމުތަކުގެ ސިޔާސީ ނިޒާމުތަކާ މެދު ދިވެހިން އެއްގޮތަކަށް ވެސް އަޅާލައި، ހޭލުންތެރި ވެފައި ނެތް ޒަމާނެއްގައި މުހައްމަދު އަމީނުގެ އިސް ނެންގެވުމާ އެކު އަލަށް ސިޔާސީ ޕާޓީއެއް ރާއްޖޭގައި ގާއިމުކުރިކަން އެއީ ފާހަގަ ކުރެވޭ ތާރީހީ ހަގީގަތެކެވެ. ނަމަވެސް ދުނިޔޭގެ ޑިމޮކްރަސީތަކުގައި ސިޔާސީ ޕާޓީތަކުން އަދާކުރާ ދައުރު އަމީނުގެ މުތަގައްދިމު ޕާޓީ، 22 އޯގަސްޓު 1953ގައި މޫނު އެޅުމާ ހަމައަށް އަދާކުރި ހެއްޔެވެ؟
އެ ދުވަސްވަރު ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮތްގޮތުން އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުން ތަމްސީލު ކޮށްދޭނެ ޕާލަމެންޓެއް ނެތެވެ. އަތޮޅުތަކުން ބައެއް ބޭފުޅުން މުތަގައްދިމު ޕާޓީގެ މަޝްވަރާ ކޮމެޓީގައި ހިމެނިފައި ވީނަމަވެސް އަތޮޅުތަކުގެ އެ ހިއްސާ އެހާ ބޮޑު ނޫންކަން ވަރަށް ރަނގަޅަށް ސާބިތުވާން އެބައޮތެވެ. އަނެއް މައްސަލަ އަކީ އަމީނު އުފެއްދެވި ޕާޓީއާ ވާދަކުރާނެ އިދިކޮޅު ޕާޓީއެއް ފޯމްވެފައި ނެތުމެވެ.
"މުހައްމަދު އަމީނު ތާއީދު ކުރައްވާ ބޭފުޅެއް އިނގިރޭޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ވިންސްޓަން ޗާޗިލް އަކީ. އޭނާއަކީ ކޮންޒަވޭޓިވް ސަރުކާރުގެ ބޮޑުވަޒީރު. ޕާޓީ އުފެއްދެވުމުގައި އިނގިރޭސި ވިލާތުގެ ނިޒާމުން ބައެއް ހިޔާލުތައް ހޯއްދެވި ކަމަށް ބެލެވޭ،" ރާއްޖޭގެ ތާރީހާ ބެހޭ މައުލޫމާތު އެއްކުރައްވާ ބޭފުޅެއް ކަމަށްވާ އަބްދުލް ހަކީމް ހުސެން މަނިކު ވިދާޅުވި އެވެ.
"ހަގީގަތުގައި މުތަގައްދިމު ޕާޓީއޭ ކިޔާ ޕާޓީއެއް ހަދައިގެން އުޅުނުކަން ގިނަ ދިވެހިންނަކަށް ނޭނގޭ. މީ ކޮންކަހަލަ ނިޒާމެއް ކަމެއް އެނގެނީ އޭރު މަދުބަޔަކަށް."
މުތަގައްދިމު ޕާޓީގެ ހަބަރުފަތުރާ ސެކްރެޓަރީ އިބްރާހިމް ޝިހާބު "ސަރުކާރު ހަބަރަށް" ލިޔުއްވާފައިވާ މަޒުމޫނެއްގައިވާ ގޮޮތުގައި "މުތަގައްދިމު ޕާޓީގެ ސަބަބުން ދިވެހި ރާއްޖޭގެ ސިޔާސީ މައިދާނުގައި އަދި ދުވަހަކު ވެސް އެޅުނު އެންމެ ހަރުދަނާ އިމާރާތުގެ ބިންގާ އެޅިގެން ދިޔައީ" އެވެ. އަދި އޭނާ ލިޔުއްވާފައިވެ އެވެ:
"ރާއްޖޭގެ އެންމެ ހަރުދާނާ ދަރިންތަކެއް ދިވެހި ގައުމަށާއި ރައްޔިތުންނަށް ފައިދާހުރި ގޮތްތަކެއް ހޯދައި ދިނުމަށާއި ރައްޔިތުންގެ މެދުގައި އެކުވެރިކަން އުފެއްދުމަށާއި އަދި ސިޔާސީ މުތަގައްދިމުގެ މަގުސަދުތަކުގައިވާ ގޮތުގެ މަތިން ޕާޓީގެ މަސައްކަތްތައް ތެދުވެރި ކަމާ އިހުލާސްތެރިކަމާ އެކު އަދާކޮށް... ކުރިޔަށް ހިނގަމުން ދިއުމަށް އިގުރާރު ވުމުގެ ހަރުދަނާ ބިންގަލެވެ."
މިހާ ބޭނުންތެރި މަގުސަދުތަކެއްގައި އުފެއްދި ސިޔާސީ ޕާޓީއެއް، މުހައްމަދު އަމީނުގެ ވެރިކަން ވަރަށް ހިތާމަވެރި އަދި ކުއްލިގޮތަކަށް ނިިމިގެން ދިއުމުން ކަފުންވެ ފަސްލެވިގެން ދިޔައީ އެވެ. ތިރީގައި އެވަނީ ފުރަތަމަ އުފެދުނު ސިޔާސީ ޕާޓީގެ އިސްމަގާމުތައް ރުކުރުވާލާފައިވާ ގޮތެވެ.
ޕާޓީގެ ރައީސް: މުހައްމަދު އަމީނު
އިސް ނައިބު ރައީސް : އިބްރާހިމް މުހައްމަދު ދީދީ
ދެ ވަނަ ނައިބު ރައީސް: އަހުމަދު ހިލްމީ ދީދީ
ސެކްރެޓަރީ: ހަސަން ހިލްމީ ދީދީ
ސެކްރެޓަރީ: އިބްރާހިމް ޝިހާބު
ހަބަރު ފަތުރާ ސެކްރެޓަރީ: އިބްރާހިމް ޝިހާބު
ހަބަރުފަތުރާ ސެކްރެޓަރީ: ނތ. ހަސަން ދީދީ
ހަޒާންދާރު: ކުޑަދަހަރާގޭ އިބްރާހިމް ދީދީ
މެންބަރުން ފާސްކުރާ ކޮމެޓީގެ މެންބަރު: މުހައްމަދު އަމީނު
މެންބަރުން ފާސްކުރާ ކޮމެޓީގެ މެންބަރު: އިބްރާހިމް މުހައްމަދު ދީދީ
މެންބަރު ފާސްކުރާ ކޮމެޓީގެ މެންބަރު: ކުޑަދަހަރާގޭ އިބްރާހިމް ދީދީ
މެންބަރުން ފާސް ކުރާ ކޮމެޓީގެ މެންބަރު: ބަންދު މުހައްމަދު ކަލޭފޭނު
މެންބަރުން ފާސް ކުރާ ކޮމެޓީގެ ސެކްރެޓަރީ: އިބްރާހިމް ޝިހާބު