ހަބަރު

ބޮޑު ހިޔާނާތުގައި ގެއްލުނު ފައިސާގެ ބޮޑު ބައެއް ރާއްޖެއިން ބޭރުގައި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެ ޕްރޮމޯޓު ކުރުމަށް އުފައްދާފައިވާ ކުންފުނި، އެމްއެމްޕީއާރްސީގެ ތެރެއިން ހިންގަވާފައިވާ ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ ފައިސާގެ ބޮޑު ބައެއް ރާއްޖެއިން ބޭރުގައި ހުރުމަކީ އެކަށީގެންވާ ކަމަށް މިހާތަނަށް ކޮށްފައިވާ ތަހުގީގުން ހާމަވެފައިވާ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް މިއަދު ވިދާޅުވެއްޖެ އެވެ.

އެ ހިޔާނާތާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލް އެކުލަވާލެއްވި ހާއްސަ ރިޕޯޓުން ހާމަވެފައިވާ ގޮތުގައި އެ ހިޔާނާތުގެ ސަބަބުން އެމްއެމްޕީއާރުސީގެ ބަޖެޓުން 1.2 ބިލިއަން ރުފިޔާ ވަނީ ގެއްލިފަ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްލަވުމުގައި އެމްއެމްޕީއާރްސީން ގެއްލިފައިވާ ފައިސާގެ ބޮޑު ބައެއް ރާއްޖެއިން ބޭރުގައި ހުރުން އެކަށީގެންވާ ކަމަށް އަނިލް ވިދާޅުވި ނަމަވެސް އެއީ ކިހާ ފައިސާއެއް ކަމެއް ވިދާޅެއް ނުވެ އެވެ.

އަނިލް ވިދާޅުވީ، އެ ހުރިހާ ފައިސާތަކެއް ގެއްލިފައިވާއިރު އެކަމުގެ ފަހަތުގައި ހުންނެވި އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމުގެ ހުއްދަދީ، ފިލުމަށް ފުރުސަތު ނުދެވޭނެ ކަމަށެވެ. ނަމަވެސް އޭނާގެ ބޭސްފަރުވާގެ ހުރިހާ ކަމެއް އިންތިޒާމްކުރާނެ ކަމަށެވެ. ރާއްޖެއިން ބޭރުން ޑޮކްޓަރުންނާއި ވަސީލްތަތައް ގެންނަންޖެހިއްޖެނަމަ އެކަން ވެސް މުއައްސަސާތަކުން ކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ވަނީ ރިޕޯޓެއް އެކުލަވާލާފަ އެވެ. ނަމަވެސް އެ ރިޕޯޓް އަދި ހާމަކޮށްފައެއް ނުވެ އެވެ. އޭސީސީ އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ގެއްލުނު ފައިސާގެ އަދަދު އޮޑިޓް ރިޕޯޓްގައިވާ އަދަދާ ތަފާތެއް ނެތެވެ.