ޗައިނާގެ ކްލަބްތަކަށް ބޭރުގެ ކުޅުންތެރިން ގެންދާ އިރު އެ ކުޅުންތެރިންގެ ޓްރާންސްފާ ފީއާ އެއްވަރުގެ އަދަދެއްގެ ޓެކްސް ނަގަން ޗައިނާ ސަރުކާރުން ނިންމައިފިއެވެ.
ޗައިނާގެ އާ ގަވާއިދުގައި ވާގޮތުން ގެއްލުމުގައި ހިންގާ ކްލަބަކުން ބޭރު ކުޅުންތެރިއަކު ގެންނަ ނަމަ ޓެކްސްގެ އިތުރުން ކުޅުންތެރިއާ ގެންނަން ހޭދަކުރާ ވަރުގެ އަދަދެއް ޑިވެލޮޕްމަންޓް ފަންޑަކަށް ވެސް ދޭން ޖެހޭނެ އެވެ. ޗައިނާގެ ފުޓްބޯލް އެސޯސިއޭޝަން (ސީއެފްއޭ) އިން ބުނީ ބޭރުޅުކުޅުންތެރިން ގެންދާ ކްލަބްތަކުން ނަގާ ފައިސާ ހަރަދުކުރާނީ ޒުވާން ކުޅުންތެރިން ތަމްރީނު ކުރަން ކަމަށެވެ. ޗައިނާގެ ފުޓްބޯޅަ ކުރިއެރުވުމުގެ ވިސްނުމެއް ގެންގުޅުމަށާއި އިންވެސްޓް ކުރުމުގައި ހަމަޖެހޭ އުސޫލެއް ގެންގުޅުމަށް ސީއެފްއޭ އިިން ވަނީ ޗައިނާގެ ސުޕަލީގްގެ ކްލަބްތަކަށް އިންޒާރުކޮށްފަ އެވެ.
ޗައިނާ އިން މިފަދަ ފިޔަވަޅެއް އެޅީ ފަހަކަށް އައިސް ޗައިނާގެ ކްލަބްތަކުން އާދަޔާ ހިލާފަށް ބޮޑެތި އަގުތަކެއްގައި ކުޅުންތެރިން ގެންނަން ފަށާފައިވާތީ އެކަން ހުއްޓުވުމަަށެވެ.
ޗައިނާގެ ކްލަބްތަކުން ބޭރުގެ ކުޅުންތެރިން ގެންދަން ކޮށްފައިވާ ބޮޑެތި ހޭދަތަކުގެ ތެރޭގައި މިދިޔަ ޑިސެމްބަރު މަހު ޝަންހާއީ ސެންހުއާ އަށް އާޖެންޓީނާގެ ތަރި ކާލޯޒް ތެވޭޒް 71 މިލިޔަން ޕައުންޑްގެ އަގަކަށް ގެންދިއުން ހިމެނެއެވެ. ޝަންހާއީ ސެންހުއާ އިން ތެވޭޒް ގެންދިއުމުން ވާދަވެރި ޝަންހާއީ ސީއައިޕީޖީ އިން ބްރެޒިލްގެ އޮސްކާ ގެންގޮސްފައި ވަނީ 52 މިލިޔަން ޕައުންޑްގެ އަގަކަށެވެ.
ޗައިނާގެ ރައީސް ޝީޖިންޕިން އަކީ ފުޓްބޯޅައަށް ވަރަށް ބޮޑަށް ލޯބި ކުރައްވާ ބޭފުޅެކެވެ. އޭނާ ވިދާޅުވެފައި ވަނީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ޗައިނާގައި ބޭއްވުމަށާއި އެ ގައުމުން އެ މުބާރާތް ކާމިޔާބު ކުރުމަށް އުއްމީދު ކުރައްވާ ކަމަށެވެ. ނަމަވެސް ދުނިޔޭގެ ފުޓްބޯޅައިގައި ޗައިނާ އަދި އޮތީ ވަރަށް ފަހަތުގަ އެވެ. ފީފާ ރޭންކިންގައި ޗައިނާ އޮތީ ބެނިން އާއި ފާރޯ އައިލެންޑްސް އަށް ވުރެ ވެސް ފަހަތުގައި 82 ވަނައިގައެވެ.