ކުޅިވަރު

ޓެކްހަށް މަކުރު ހެދި ކަމުގެ ތުހުމަތު މޮރީނިއޯއަށް ވެސް

Jun 20, 2017

ޓެކްސް އަށް މަކަރު ހެދިކަމުގެ ތުހުމަތު، ސްޕެއިންގެ ޓެކްސް އިދާރާއިން، ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗް ޕޯޗްގަލްގެ ހޯސޭ މޮރީނިއޯގެ މައްޗަށްވެސް ކޮށްފި އެވެ.

ސްޕެއިންގެ ޓެކްސް އިދާރާއިން މިއަދު އާންމު ކުރި ތަފްސީލުތައް ބުނާ ގޮތުން، 2010 ން 2013 ވަނަ އަހަރުގެ ޖޫން މަހާ ހަމަޔަށް ރެއާލް އަށް ކޯޗް ކޮށްދިން މެނެޗެސްޓާ ޔުނައިޓަޑްގެ މިހާރުގެ ކޯޗް މޮރީނިއޯ ވަނީ، 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު، ދައްކަން ޖެހޭ ޓެކްސްގައި މަކަރު ހަދާފަ އެވެ.

އެގޮތުން 2.3 މިލިއަން ޔޫރޯގެ އަދަދަކުން، މޮރީނިއޯ ޓެކްސްގެ މުއާމަލާތުގައި އޮޅުވާލާފައިވާ ކަމަށް ޓެކްސް އިދާރާއިން ތުހުމަތު ކޮށްފައި ވެއެވެ. އަދި 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު، މޮރީނިއޯ، އޭނާގެ އާމްދަނީގެ ތަފްސީލުތައް އާންމު ކުރުމުގައި ވެސް އުސުލާ ހިލާފު ވެފައިވާ ކަމަށް ސްޕެއިންގެ ޓެކްސް އިދާރާއިން ވަނީ ބުނެފަ އެވެ.

ރެއާލްއާއެކު މިދިޔަ އަހަރު ނިޔަލަށް އޮތް ކޮންޓްރެކްޓް، އުވާލުމަށްފަހު، މޮރީނިއޯ، އޭނާގެ ކުރީގެ ކުލަބު ޗެލްސީ އަށް ބަދަލުވީ 2013 ވަނަ އަހަރުގެ ޖުލައި މަހު، ސީޒަން ފެށުމުގެ ކުރިން ނެވެ. ޔުނައިޓަޑްގެ ކޯޗް ކަމާ އޭނާ ހަވާލުވީ މިދިޔަ އަހަރު އެވެ.

ރެއާލްގެ ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ މައްޗަށްވެސް ސްޕެއިންގެ ޓެކްސް އިދާރާއިން ވަނީ ޓެކްސް އަށް މަކަރު ހެދި ކަމުގެ ތުހުމަތުތައް ކޮށްފަ އެވެ. ޓެކްސް އަށް މަކަރު ހެދި ކަމުގެ މައްސަލަ ސްޕެއިންގެ ޕްރޮސިކިއުޓާއިން ކޯޓަށް ފޮނުވިތާ ދެ ދުވަސް ނުވަނީސް، ރޮނާލްޑޯ ރެއާލް ދޫކޮށްލަން ބޭނުން ވެގެން އުޅޭ ވާހަކަ ތަކުގެ އަޑުތައް ފެތުރިގެން ދިޔަ އެވެ.