ބޭރު ކުޅިވަރު

ސަލާހް ލިވަޕޫލަށް ބަދަލުވުމާ ގާތަށް

Jun 21, 2017

އޭއެސް ރޯމާ އަށް ކުޅެމުންދާ މިސްރުގެ ވިންގާ މުހައްމަދު ސަލާހް ލިވަޕޫލަށް ބަދަލުވުމާ ގާތަށް ޖެހިލައިފި ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ކުރިން ޗެލްސީ އަށް ކުޅުނު ސަލާހް ،25، އަކީ މި ޓްރާންސްފާ ޕީރިއަޑްގައި ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އެންމެ ބޮޑު އިސްކަމެއް ދީގެން އެ ޓީމަށް ގެންނަން ބޭނުންވާ ކުޅުންތެރިޔާ އެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި ލިވަޕޫލަށް ސަލާހް ބަދަލުވާނީ 39 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގަ އެވެ. މި އަގުގައި ސަލާހް ލިވަޕޫލަށް ބަދަލުވެއްޖެ ނަމަ، އޭނާ ވާނީ ލިވަޕޫލްގެ ތާރީހުގައި ވެސް އެ ކްލަބުން އެންމެ އަގުބޮޑުކޮށް ގެންނަ ކުޅުންތެރިޔާއަށެވެ.

ސްވިޓްޒަލޭންޑްގެ ބާސެލް އަށް ސަލާހް ކުޅުނުއިރު ވެސް، ލިވަޕޫލުން އޭނާ ގެންދަން މަސައްކަތްކުރި އެވެ. އެކަމަކު ބާސެލް އިން ސަލާހް ބަދަލުވީ ޗެލްސީއަށެވެ.

އެކަމަކު ޗެލްސީގައި ސަލާހްގެ އަސްލު ކުޅުން ފެންނަ ގޮތެއްނުވި އެވެ. ޕްރިމިއާ ލީގުގައި ޗެލްސީގެ ފުރަތަމަ 11 އިން ސަލާހް އަށް ޖާގަ ލިބުނީ އެންމެ ހަ މެޗުގަ އެވެ. ލޯނު އުސޫލުން އިޓަލީގެ ރޯމާ އާއި ފިއޮރެންޓީނާ އަށް ކުޅުމަށް ފަހު، 15 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގައި ސަލާހް ރޯމާ އަށް ބަދަލުވީ މިދިޔަ އަހަރެވެ.

މިދިޔަ ސީޒަންގައި ރޯމާ އިޓާލިއަން ލީގުގެ ދެވަނަ ހޯދިއިރު، ސަލާހް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މިދިޔަ ސީޒަންގައި ރޯމާ އަށް އޭނާ ކުޅުނު 31 މެޗުގައި ސަލާހް ވަނީ 15 ލަނޑު ޖަހައިފަ އެވެ.

އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ލިވަޕޫލް އިން ވަނީ ޗެލްސީ އަށް ކުޅެމުންދިޔަ އުންމީދީ ފޯވަޑް ޑޮމިނިކް ސޮލަންކޭ އެ ޓީމަށް ގެނެސްފަ އެވެ. ސޮލަންކޭ އަކީ ނިމިގެންދިޔަ 21 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. -- ބީބީސީ