ބޭރު ކުޅިވަރު

ޕްރޮފެޝަނަލް ޓެނިސް މުބާރާތަށް މަލްޑީނީ ކޮލިފައިވެއްޖެ

Jun 21, 2017
1

ފުޓްބޯޅައިގެ އާއިލާއަކަށް ނިސްބަތްވާ ޕައޮލޯ މަލްޑީނީއަކީ އިޓަލީ ފުޓްބޯޅައިގެ ލެޖެންޑެކެވެ. ފުޓްބޯޅައިގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރުންގެ ލިސްޓުގައި ހިމެނޭ މޮޅު ކުޅުންތެރިޔެކެވެ. ފުޓްބޯޅަ ކެރިއަރު ނިންމާލުމަށް މަލްޑީނީ ދެން ނުކުތީ ޓެނިސް ކޯޓަށެވެ. ޓެނިސް ކޯޓުގައި މަލްޑީނީ ހުނަރު ހުރިކަން އޭނާ މިހާރު ވަނީ ސާބިތުކޮށްދީފަ އެވެ. އުމުރުން 48 އަހަރުގައި، މަލްޑީނީ ވަނީ އޭޓީޕީ ވޯލްޑް ޓުއާގައި ހިމެނެ ޓެނިސް މުބާރާތަށް ކޮލފައިވެފަ އެވެ.

އިޓަލީގެ ގައުމީ ޓީމަށް 126 އަށްވުރެ ގިނަ މެޗު ކުޅެފައިވާ މަލްޑީނީ ވަނީ އޭނާގެ ޑަބަލްސް ޕާޓްނަރު ކަމަށްވާ ސްޓެފާނޯ ލަންޑޯނިއޯއާއެކު އިޓަލީގައި ކުޅުނު ކޮލިފައިން މުބާރާތެއް ކާމިޔާބުކޮށްފަ ، އަސްޕްރީއާ ޓެނިސް ކަޕަށް ކޮލިފައިވެފަ އެވެ.

މި މަހުގެ 29 ވަނަ ދުވަހު މިލާންގައި ފަށާ އަސްޕްރިއާ ޓެނިސް ކަޕަކީ އޭޓީޕީ ވޯލްޑް ޓުއާގެ މުބާރާތެކެވެ. އެކަމަކު މިއީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިން ވާދަކުރާ އޭޓީޕީ ވޯލްޑް ޓުއާ މުބާރާތްތަކަށްވުރެ ދަށް ފަންތީގެ މުބާރާތެކެވެ. އަސްޕްރިއާ ޓެނިސް ކަޕް ފަށާ ދުވަހު، މަލްޑީނީ އަށް 49 އަހަރު ފުރޭނެ އެވެ.

ދެހާސް ނުވަ ވަނަ އަހަރު މަލްޑީނީ ރިޓަޔާކުރި ފަހުން އޭނާގެ ޓެނިސް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ލަންޑޯނިއޯ ބުނީ މަލްޑީނީ އަކީ ޓެނިސް ކުޅެން ވެސް މޮޅު މީހެއް ކަަމަށެވެ.

"މަލްޑީނީ ޓެނިސް ކުޅެން ފެށީ މީގެ ހައެއްކަ އަހަރު ކުރިން. ޓެނިހުގެ ހުނަރު މަލްޑީނީގެ ފަރާތުން އަހަންނަށް ފެނޭ. އެކަމަކު އޭނާ ކުޅެން ފެށިތާ އަދި މާގިނަ އަހަރުތަކެއް ނުވާތީ ރަނގަޅުކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް ވެސް އެބަހުރި. ތަންކޮޅެއް ކުރިން އޭނާ ޓެނިސް ކުޅެން ފެސި ނަމަ، މިހާރު އޭނާ ހުންނާނެ ހިސާބެއް ކިހިނެއް ބުނަން އެނގޭނީ؟،" ލަންޑޯނިއޯ ބުންޏެވެ.

މަލްޑީނީ ވަނީ އިޓަލީގެ އެންމެ ޒަމާންވީ އެއް ކްލަބު ކަމަށްވާ އޭސީ މިލާންގައި ޖުމްލަ 31 އަހަރު ހޭދަކޮށްފަ އެވެ. އޭގެ ތެރެއިން 24 އަހަރު އޭނާ ހޭދަކުރީ ޕްރޮފެޝަނަލް ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. މިލާންއާއެކު މަލްޑީނީ ވަނީ އިޓާލިއަން ލީގު ހަތް ފަހަރު އަދި ޗެމްޕިއަންސް ލީގު ފަސް ފަހަރު ހޯދައިފަ އެވެ.