ރެޑްބުލްގެ ހިއްސާވާ ދެ ކްލަބު ކަމަށްވާ ޖަރުމަންގެ އާރްބީ ލިޕްޒިގާއި އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގަށް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ ފުރުސަތު ޔުއޭފާ އިން ދީފި އެވެ.
މި ދެ ކްލަބު އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައި ނަމަވެސް، ދެ ޓީމަށް އެ މުބާރާތުގައި ވާދަކުރެވޭނެ ކަމާމެދު އޮތީ ސުވާލު އުފެދިފަ އެވެ. ޗެމްޕިއަންސް ލީގުގެ ގަވައިދުގައިވާ ގޮތުން އެއް ފަރާތެއްގެ ނުފޫޒު ނުވަތަ ގާތް ގުޅުމެއް އޮންނަ ކްލަބުތަކަށް، އެއް ސީޒަނެއްގައި ޗެމްޕިއަންސް ލީގު މުބާރާތެއްގައި ނުކުޅެވޭނެ އެވެ.
އެކަމަކު މި ދެ ކްލަބަށް ވެސް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ހުއްދަ ޔުއޭފާގެ ފައިނޭންޝަލް ކޮންޓުރޯލް ބޮޑީ (ސީއެފްސީބީ) އިން ވަނީ ނިންމައިފަ އެވެ. ސީއެފްސީބީން މި ގޮތަށް ނިންމީ އެ ދެ ކްލަބުގެ ހިންގުމާއި ސްޓްރަކްޗާ އަށް މި ފަހުން ގެނެސްފައިވާ ބަދަލުތަކާއެކު، އެއް ފަރާތެއްގެ ނުފޫޒު މި ދެ ކްލަބަށް ފޯރާނެ ކަމަށް ނުބެެލެވޭތީ އެވެ.
ދެހާސް ނުވަ ވަނަ އަހަރު އާރްބީ ލިޕްޒިގް އުފެދުނީ ރެޑްބުލްގެ އެހީތެރިކަމާއެކު އެވެ. އެ ކްލަބުން ވަނީ ހަތް ސީޒަންގެ ތެރޭގައި ޖަރުމަން ބުންޑަސްލީގާ އަށް ޕްރޮމޯޓްވެފަ އެވެ. އަދި ބުންޑަސްލީގާގައި ވާދަކުރި ފުރަތަމަ ސީޒަންގައި ލީގުގެ ދެވަނަ ހޯދައި، ޗެމްޕިއަންސް ލީގުން ޖާގަ ހޯދި އެވެ.
ކުރިން އޮސްޓްރިއާ ސަލްޒްބާގްގެ ނަމުގައި އޮތް ކްލަބު ރެޑްބުލް އިން ގަތީ 2005 ވަނަ އަހަރެވެ. އޭގެ ފަހުން އެ ކްލަބުގެ ނަން ރެޑްބުލް ސަލްޒްބާގަށް ވަނީ ބަދަލުކޮށްފަ އެވެ. އެކަމަކު އެ ކްލަބު ރީސްޓްރަކްޗާކޮށް، ރެޑްބުލް އަށް ކުރިން އޮތް ކްލަބުގެ މައި ހިއްސާ މިހާރު ވަނީ ގެއްލިފަ އެވެ. މިހާރު ރެޑްބުލް އަކީ ހަމައެކަނި ކްލަބުގެ ސްޕޮންސާއެކެވެ. ރެޑްބުލް ސަލްޒްބާގް ޗެމްޕިއަންސް ލީގަށް ކޮލިފައިވީ އޮސްޓްރިއާގެ ލީގު ޗެމްޕިއަނުންގެ ގޮތުގަ އެވެ.