ދުނިޔެ

ރަސްގެފާން ސަލްމާން އޭނާއަށް ފަހު ދަރިކަލުންނަށް ރަސްކަން ލިބޭ ގޮތަށް ހަމަޖައްސަވައިފި

Jun 21, 2017
2

ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބުދުލް ޢަޒީޒް އަލް ސައުދުގެ ދަރިކަލުން މުޙަައްމަދު ބިން ސަލްމާން އަށް އެގައުމުގެ ވަލީ އަހުދުގެ މަގާމު ދެއްވައިފިއެވެ.

ސައުުދީ އަރަބިއްޔާ ސަރުކާރުގެ ރަސްމީ ނިއުސް އެޖެންސީ ' ސައުދީ ޕްރެސް އެޖެންސީ'( އެސްޕީއޭ) އިން މިއަދު ޝާއިއު ކުރި ޝާހީ ގަރާރެއްގައި ބުނެފައި ވަނީ ވަލީ އަހުދުކަމުގެ މަގާމުން ޕްރިންސް މުޙައްމަދު ބިން ނާއިފް ވަކިކުރައްވައި މުޙައްމަދު ބިން ސަލްމާނަށް އެމަގާމު ދެއްވާފައިވާ ކަމަށެވެ.

ރަސްގެފާނު ސަލްމާން ނެރުއްވި ގަަރާރުގައިވާ މުޙައްމަދު ބިން ނާއިފް ކުރިން ފުރުއްވަމުން ގެންދެވި މަގާމެއް ކަމަށްވާ އިންޓީރިއާ މިނިސްޓަރުކަމުން ވެސް އޭނާ ވަނީ ވަކިކުރައްވާފައެވެ. އެ މަގާމު ދެއްވީ ޢަބުދުލް ޢަޒީޒް ބިން ސަޢުދު ބިން ނާއިފް އަށެވެ.

އެސްޕީއޭ އިން ބުނީ މުޙައްމަދު ބިން ސަލްްމާން އަށް ވަލީ އަހުދުކަން ދޭން ނިންމީ ސަކްސެޝަން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 43 ބޭފުޅުންގެ ތެރެއިން 31 ބޭފުޅެއްގެ ރުހުމާ އެކުގައު ކަމަށެވެ.

އުމުރުފުޅުން 31 އަހަރުގެ މުޙައްމަދު ބިން ސަލްމާން އަށް ވަލީ އަހުދުކަން ދެއްވުމުން އެގައުމުގެ ބޮޑުވަޒީރުގެ ނައިބުކަން ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފައެވެ. އޭނާ މިހާރުވެސް ހުންނެވީ އެގައުމުގެ ޑިފެންސް މިނިސްޓަރު ކަމުގައެވެ.