ކުޅިވަރު

ރެފިއުޖީ ފުޓްބޯޅަ ތަރިން މާ ހުނަރުވެރި

އިއްޔަ އަކީ ދުނިޔޭގެ ރެފިއުޖީންގެ ދުވަހެވެ. މިދުވަސް އިއްޔަ ފާހަގަ ކުރީ، ރެފިއުޖީންގެ ހައްގުތައް ވަރަށް ބޮޑަށް ގެއްލިފައިވާ ދުވަސްވަރެއް ގައެވެ. ރެފިއުޖީންނަށް ޔޫރަޕްގެ ބައެއް ގައުމުތަކުގެ ދޮރުތައް ބަންދު ކުރުވާފައި ވަނިކޮށެވެ. ނަމަވެސް، މާޒިގައި އެގައުމު ތަކުންވެސް، ރެފިއުޖީންނަށް ހިޔާވަހިކަން ދީފައި ވެއެވެ. އެގައުމުތަކުގެ އެކި ދާއިރާގައި ރެފިއުޖީންގެ ދައުރު އެބައޮތެވެ. ޔޫރަޕަކީ، ދުނިޔޭގެ އެންމެ ބޮޑު ނަސްލީ ތަފާތު ކުރުން އޮތް ބައްރެވެ.

ޔޫރަޕްގައި އޮންނަ ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅަށް ފުޓްބޯޅަ މެދުވެރިކޮށް މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ ފޭރ އިން ވަނީ، ޔޫރަޕްގައި ފުޓްބޯޅަ ކުޅެމުންދާ ރެފިއުޖީ ތަރިންގެ ލިސްޓެއް އާންމު ކޮށްފަ އެވެ. އެ ލިސްޓްގައި ހިމެނޭ ބައެއް ކުޅުންތެރިންގެ ނަންތައް ފެނުމުން، އެއީ ރެފިއުޖީން ކަމެއް މީގެކުރިން، ގިނަ މީހުންނަށް އެނގިފައެއް ނެތެވެ. އޭގެ ތެރެއިން ބައެއް ކުޅުންތެރިންނަކީ، ކުލަބު ލެވަލުގަޔާއި ގައުމީ ޓީމުގައިވެސް ކާމިޔާބު ހޯދާފައިވާ ކުޅުންތެރިން ނެވެ.

އެކުޅުންތެރިންގެ ތެރެއިން އެންމެ އަސަރުގަދަ މެސެޖެއް ދޫކޮށް ފައިވާ ކުޅުންތެރިޔާކީ، ލިވަޕުލްގެ ކޮރޭޝިއާގެ ޑިފެންޑަރު ޑޭއަން ލެވްރޯން އެވެ. ކުރީގެ ޔޫގެސްލޭވިއާގެ ހަނގުރާމައިގެ ދުވަސް ވަރު ލެވްރޯން އާއި އޭނާގެ އާއިލާ ފިލައިގެން ބަދަލުވީ މިހާރު ކޮރޭޝިއާގެ ސަރަހައްދަށެވެ. އެއީ އޭރު ޔޫގޮސްލޭވިއާގެ ބައެއްގެ ގޮތުގައި އޮންނަ ވަކި ދަރިކޮޅެއްގެ ބައެއްކެވެ. ނަމަވެސް ކޮރޭޝިއާ މިނިވަން ދައުލަތެއްގެ ގޮތުގައި އުފެދުނީ 1991 ވަނަ އަހަރު އެވެ. ކޮރެޝިއާ އުފެއްދުމަށްފަހު، ކޮރޭޝިއާގެ ދަރިކޮޅުގެ ފިޔަވައި އިތުރު ބަޔަކަށް ގައުމުގެ ރަށްވެހިކަން ދޭން ފެނޭތޯ ސުވާލު އުފައްދައި ބަހުސްތައް ކުރިއަށް ގެންދިޔަ އެވެ. އޭރު އުމުރުން ދެ އަހަރުގެ ލެވްރޯންގެ އައިޑެންޓިޓީއެއް ނެތެވެ. އެތައް ބަހުސްތަކަށް ފަހު ރެފިއުޖީންގެ ގޮތުގައި އައި މީހުންނަށްވެސް ރަށްވެހިކަން ދޭން ނިންމި އެވެ.

"މިއަދު ރެފިއުޖީންނާ މެދު ކަންތައް ކުރެވޭ ގޮތް ފެނިފައި، އަހަރެން ހަންދާން ވަނީ އަހަރެންނާއި އަހަރެންގެ އާއިލާއަށް ކުރިމަތިވި ހާލަތުގެ މަތިން، މީހުން (އަސްލު ރަށްވެހިން) ބޭނުމެއް ނުވޭ އެމީހުންގެ ގައުމުން ރެފިއުޖީންގެ ގޮތުގައި އަންނަ މީހުންނަށް ހިޔާވަހިކަން ދޭކަށް." މިއަހަރު ކުރީކޮޅު އޭނާގެ ދިރިއުޅުމާ ބެހޭގޮތުން ނެރުނު ވާހަކައެއް ކަމަށްވާ 'އަހަރެންގެ ދިރިއުޅުމަކީ ރެފިއުޖީ" ގައި ބުނެފައި ވެއެވެ.

ފޭރގެ އެގްޒެކެޓިވް ޑައިރެކްޓާ ޕިއާރާ ޕަވާ ވިދާޅުވީ، އެޖަމާއަތުން ނެރުނު ކުޅުންތެރިންގެ ލިސްޓާކީ، ޔޫރަޕްގެ ލީގްތަކުގައި މަޝްހުރޫ ނަންތަކެއް ކަމަށާއި، އެހުރިހާ ކުޅުންތެރިން އެއް ޓީމަކަށް ކުޅޭނަމަ، އެހެން ޓީމަކަށް ޗެމްޕިއަންސް ލީގް ހޯދުމަކީވެސް އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ. އޭނާ ނިސްބަތް ކުރީ އެ ކުޅުންތެރިންގެ ހުނަރުވެރި ކަމުގެ މައްޗަށެވެ.

ސްޓީވް މޮންޑޮންޑާ

މިހާރު ފްރާންސަށް ނިސްބަތްވާ، ކްރިސްޓަލް ޕެލަސްގެ ގޯލްކީޕަރު، ސްޓީވް މޮންޑޮންޑާ އަކީ އެފްރިކާގެ އެތެރޭގައި ފަޅައިގެން ދިޔަ، ހަނަގުރާމައިގެ ހޫނު ކަމުގެތެރެއިން ގައުމުި ދޫކޮށް ދާން މަޖުބޫރު ކުރުވި މީހެކެވެ. އޭނާގެ އަސްލް ނިސްބަތްވާނީ، ކުރީގެ ރިޕަބްލިކް އޮފް ޒަޔާގެ ކިންޝާޝާ އެވެ. އެއީ މިހާރުގެ ގޮތުންނަ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އެވެ. ގައުމު ދޫކޮށްލަން މަޖުބޫރު ކުރުމުން އޭނާގެ އާއިލާ ހިޖުރަ ކުރީ ފްރާންސަށެވެ.

ވިކްޓާ މޯސަސް

މިއީވެސް، އެފްރިކާގައި އުފެދިގެން ދިޔަ، ދާހިލީ ހަނގުރާމައިގެ ތެރޭގައި ހާލުގައި ޖެހުނު މީހެކެވެ. ހަނގުރާމައިގެ ތެރޭގައި މޯސަސް ޔަތީމު ވެގެން ދިޔަ އެވެ. އޭނާގެ ބައްޕަ އާއި މަންމަ މަރާލާފައި ވަނީ، މޯސަސްގެ އުމުރުން ވަރަށް ކުޑައިރު އެވެ. މަންމަ އާއި ބައްޕަ މަރާލި ޚަބަރު، މޯސަސްއަށް ލިބުނީ މަގުމަތީގައި ފުޓްބޯޅަ ކުޅެން ހުއްޓަ އެވެ. ފަހުން އޭނާ ގެންދިޔައީ، ދެކުނު ލަންޑަންގައި ހުންނަ، ޔަތީމު ކުދިން ބަލަހައްޓާ، ދެމަފިރިއެކެވެ.. އޭނަ ބޮޑުވީ އެތަނުގެ ހިޔާވަހި ކަމުގަ އެވެ.

އިނގިރޭސި ޒުވާން ގައުމީ ޓީމުތަކަށް އޭނާ ކުޅުނެވެ. ނަމަވެސް އޭނާ ހިޔާރު ކުރީ އޭނާގެ އަސްލު ގައުމު ނައިޖީރިއާ އަށް ކުޅުމަށެވެ. މިދިޔަ އަހަރު، އިނގިރޭސި ޕްރިމިއާ ލިގް ޗެމްޕިއަންކަން، ލެސްޓާ ހޯދިއރު އާއި މިއަހަރު ޗެލްސީ ހޯދިއިރުވެސް، މޯސަސް ވަނީ އެ ދެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އޭނާ ޗެލްސީ އަށް ބަދަލުވީ ލެސްޓާއިން ނެވެ.

ޔޫގޮސްލޭވިއާގެ ހަނގުރާމައިގެ ހުޅުގަނޑު ރޯ ނުވަނީސް، ނީވަން ސްބޯޓިކްގެ އާއިލާ ޖަރުމަނަށް ހިޖުރަ ކޮށްފި އެވެ. އުމުރުން 11 އަހަރުގައި، އޭނާގެ އާއިލާއާއެކު، ޖަރުމަން ދޫކޮށް، އެމެރިކާ އަށް ބަދަލުވި އެވެ. އެމެރިކާގައި އޭނާ ވަނީ، އެގައުމުގެ އައިއެމްޖީ ސޮކާ އެކެޑެމީގައި ތަމްރީންތައް ފުރިހަމަ ކޮށްފަ އެވެ. އެއަށްފަހު އޭނާ ގުޅުނީ ޖަރުމަންގެ މައިންޒް އަށެވެ. އޭނާ ވަނީ އެމެރިކާގެ އުމުރުފުރާތަކުގެ ގައުމީ ޓީމަށްވެސް ކުޅެފަ އެވެ. ނަމަވެސް މިހާރު ސާބިއާގެ ގައުމީ ޓީމަށް ކުލެމުން އަންނަ ސްބޯޓިކް، އޭނާގެ މިހާރުގެ ކުލަބު ބްރޫޝިއާ ޑޯޓަމުންޑަށް ބަދަލުވީ، 2008 ވަނަ އަހަރު އެވެ.

ލިބާން އަބީދީ

ސޯމާލިއާއަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން، ޔޫރަޕްގައި އެންމެ ފުރަތަމަ ޕްރޮފިޝަނަލް ފުޓްބޯޅަ ކުޅުންތެރިޔަކަށް ވީ އަބީދީ އެވެ. އެފްރިކާ ބައްރުގައި އުފެދުނު ދާހިލީ ހަނގުރާމައާ ގުޅިގެން، އަބިދީގެ އުމުރުން ދެ އަހަރުގައި، އޭނާގެ އާއިލާ ނޯވޭއަށް ހިޖުރަ ކުރި އެވެ. އޭނާ ވަނީ ފަހުން އިނގިރޭސި ވިލާތަށް ބަދަލުވެ، އެގައުމުގެ ޝެފީލްޑް ޔުނައިޓަޑަށް ކުޅެފަ އެވެ. އަދި އޭނާ ވަނީ ހަންގޭރީގެ ފްރެންކްރޭވޯސް އާއި ޕޯޗްގަލްގެ އޮޔަނޭންސީ އަށް ވެސް ކުޅެފަ އެވެ. އޭނާ މިހާރު ކުޅެމުންދަނީ ނޯވޭގެ އެފްކޭ ޙޯގަސަން އަށެވެ.

ލުކާ މޮޑްރިޗް

މޮޑްރިޗްގެ އަސްލަކީ ކުރީގެ ޔޫގޮސްލޭވިއާގެ ޒަޑަރު އެވެ. ހަނގުރާމައިގެ ހޫނުގަނޑުގެ ތެރޭގައި، ކުޑަ ކުއްޖެއްގެ ގޮތުގައި އޭނާގެ އާއިލާއާ އެކު، ދިރިއުޅުން ބަދަލު ކުރީ، ކޮރޭޝިއާގެ ސަރހައްދަށެވެ. ކޮރޭޝިއާއަށް ބަދަލުވި ނަމަވެސް، އޭނާގެ އާއިލައަކަށް ހަމަޖެހުމެއް ނުލިބުނެވެ. ކޮރޭޝިއާ މިނިވަން ވުމަށް، ކުރެވުނު ހަނގުރާމަ ކުރި ވަގުތު އޭނާގެ އާއިލާ ދިރިއުޅުނީ ޖިފްޓިގަނޑެއްގަ އެވެ.

މިއަދު އޭނާ އަކީ، ރެއާލް މެޑްރިޑްގެ މެދުތޭރޭގެ އެންމެ މުހިންމު އެއް ތަނބެވެ. ރެއާލް މެޑްރިޑަށް ޖެހިޖެހިގެން ދެ ފަހަރު ޗެމްޕިއަންސް ލީގް ހޯދައިދިނުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އދާކޮށްފަ އެވެ.

މިރެލެމް ޕިއާނިޗް

މީޑްފީލްޑް ލައިންގައި ހާއްސަ ހުނަރުތަކެއް ލިބިފައިވާ، ޕިއާނިޗްގެ ހިތުގައި ފުޓްބޯޅައިގެ ޝައުގުވެރިކަން އުފެދުނީ، އޭނާގެ ބައްޕަގެ ފަރާތުންނެވެ. އޭނާގެ އަސްލަކީ ކުރީގެ ޔޫގޮސްލޭވިއާ އެވެ. އޭނާގެ ބައްޕަ އަކީ، ޔޫގޮސްލޭވިއާގެ ތިން ވަނަ ޑިވިޝަންގެ ކުޅުންތެރިޔެކެވެ. ޔޫގޮސްލޭވިއާގެ ހަނގުރާމައިގެ ހުޅު ފަޅައިގެން ދިޔުމުގެ ކުރިން، އޭނާގެ އާއިލާ ވަނީ އެގައުމު ދޫކޮށް ލަގްޒަމްބާކަށް ހިޖުރަ ކޮށްފަ އެވެ. އޭނާ ފުޓްބޯޅަ ކުލެން ފެށީ ލަގްޒަމްބާގުން ނެވެ. މިހާރު ބޮސްނިއާ އަދި ހާރުޒެގޮވީނާގެ ގައުމީ ޓީމު ކުޅުންތެރިޔާއަކީ، އިޓަލީގެ ޔުވެންޓަސްގެ މުހިންމު ކުޅުންތެރިޔެކެވެ.

ގްރެނިޓް ޒަކާ

ޒަކާ އުފަންވީ، މިހާރު އޭނާގެ ގައުމު ސްވިޒަލޭންޑްގެ ބެސަލް އަށެވެ. ނަަމަވެސް އޭނާގެ އަސްލަކީ، އަލްބޭނިއާ އެވެ. ކޮސޯވާގެ ލޭއޮހޮރުވުންތަކާ ހެދި، އޭނާގެ މައިންބަފައިން ކޮސޯވޯ ދޫކޮށް ހިޖުރަ ކުރީ ސްވިޒަލޭންޑަށެވެ. އޭރު އޭނާގެ ބޭބޭ ޓައުލާންޓް ޒަކާ އަށް ނުވަ އަހަރެވެ. ޓައުލާންޓްވެސް ވަނީ، ސްވިޒަލޭންޑްގެ އުމުރުފުރާތަކުގެ ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ. ނަމަވެސް ސީނިއާ ޓީމު ލެވަލުގައި، އޭނާ ހިޔާރު ކުރީ އޭނާގެ މަންމަ އާއި ބައްޕަ ނިސްބަތްވާ އަލްބޭނިއާ އަށް ކުޅުމަށެވެ. ޒަކާ އިހްތިޔާރު ކުރީ އޭނާގެ އުފަން ގައުމު ސްވިޒަލޭންޑެވެ. ގްރެނިޓް ޒަކާ އަކީ އާސެނަލްގެ މުހިންމު ކުޅުންތެރިޔެކެވެ.

މުހައްމަދު ދާއޫދު

ސީރިޔާ އަށް ނިސްބަތްވާ ދާއުދޫގެ އާއިލާ، ސީރިޔާ ދޫކޮށް ޖަރުމަނަށް ހިޖުރަ ކުރީ، މިހާރު ސީރިއާގައި އުފެދިފައިވާ ހަނގުރާމައިގެ މާކުރިން ނެވެ. ނަމަވެސް މެދުއިރުމަތީގައި ހަނގުރާމައެއްގެ ހޫނުކަން އޮތެވެ. އޭރު ރެފިއުޖީންގެ ކަންކަން ޔޫރަޕްގައި ފެށުނު ދުވަސް ވަރެވެ. ފުރަތަމަ ރެފިއުޖީ ރާޅާ އެކު އޭނާގެ އާއިލާ ޖަރުމަނަށް ހިޖުރަ ކުރިއެވެ. އޭރު ދާއުދުގެ އުމުރުން އެއް އަހަރުވެސް ނުވެ އެވެ. ޖަރުމަންގައި އޭނާ ގުޅުނީ ބްރޫޝިއާ މޮންޗެންގްލެބާކް އަށެވެ. މިހާރު އޭނާ އަކީ ބްރޫޝިއާ ޑޯޓަމުންޑް ކުޅުންތެރިޔެކެވެ. އަދި އޭނާ އަކީ، ބުންޑެސް ލީގާގައި ކުޅުނު ސީރިއާގެ ފުރތަމަ ކުޅުންތެރިޔާ އެވެ. ނަމަވެސް، ގައުމީ ޓީމުގައި އޭނާ އިހްތިޔާރު ކުރީ ޖަރުމަނެވެ. އޭނާ ވަނި މިދިޔަ އަހަރު ޖަރުމަންގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފަ އެވެ.

ސޭޑޯ ބެރިހޭނޯ

ބެރިހޭނޯއަކީ، ބުރުންޑީ މީހެކެވެ. ބުރުންޑީގެ ދާހިލީ ހަނގުރާމައިގައި، އޭނާގެ ބައްޕަ އަށް ވީނުވީގޮތެއް ނޭންގި ގެއްލުނީ އެވެ. އޭގެ ފަހުން އޭނާ ވަނީ، ރަނގަޅު ދިރިއުޅުމެއް ހޯދުމަށް، ބްރުންޑީ ދުކޮށް ހިޖުރަ ކުރާ މީހެއްގެ ގޮތަށް އޭނާ ބަދަލުވިއެވެ.. ދެ އަހަރުގެ މުއްދަތަށް އޭނާގެ މަންމަ އާ ދުރަށް އޭނާ ދިޔަ އެވެ. ފަހުން އޭނާ ބަދަލުވީ އިނގިރޭސި ވިލާތަށެވެ. އޭނާގެ ފުރަތަމަ ކުލަބަކީ ވެސްޓްބްރޯމް އެލްބިއޮން އެވެ. މިހާރު އޭނާ ކުލެމުން ދަނީ ސްޓޯކް ސިޓީ އަށެވެ. އޭނާ ވަނީ، އިނގިރޭސި އުމުރުފުރާތަކުގެ ގައުމީ ޓީމަށް ކުޅެފަ އެވެ.

ކްރިސްޓިއަން ބެންޓެކޭ

ބެންޓޭކޭގެ އަސްލަކީ، ކުރީގެ ރިޕަބްލިކް އޮފް ޒަޔާ އެވެ. އެއީ މިހާރުގެ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އެވެ. ޒަޔާގައި އުފެދުނު ސިޔާސީ ދާހިލީ ހަނގުރާމައިގައި، އޭނާ އަށް ގެއްލުމެއް ވިޔަ ނުދޭން ވެގެން، އޭނާގެ އާއިލާ ވަނީ، އޭރު އުމުރުން ދެ އަހަރުގެ ބެންޓެކޭ، ބެލްޖިއަމްގެ ލިއޭގް އަށް ފޮނުވާލާފަ އެވެ. ކްރިސްޓަލް ޕެލަސްއަށް ކުޅެމުންދާ ބެންޓެކޭ އަކީ ބެލްޖިއަމްގެ ގައުމީ ޓީމުގެވެސް ކުޅުންތެރިޔެކެވެ.

ޖަރުދާން ޝަޗީރީ

މިހާރު ސްޓޯކް ސިޓީއަށް ކުލެމުންދާ، ޝަޗިރީ އަކީ، އަލްބޭނިއާ އާއި ކޮސޯވަ އަށް ނިސްބަތްވާ މީހެކެވެ. ކޮސޯވާގެ ހަނގުރާމައިގެ ހާލަތާ ގުޅިގެން އޭނާވެސް ބަދަލުވީ ސްވިޒަލޭންޑަށެވެ. އޭނާ އަކީވެސް ސްވިޒަލޭންޑްގެ ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިޔެކެވެ.

ރިއޯ މަވުޔުބާ

މަވުޔުބާގެ ވާހަކަ މާބޮޑަށް ޝައުވެރިވިއެވެ. އޭނަ އުފަންވީ އެންގޯލާގެ ހަނގުރާމައިގެ ތެރޭގައެވެ. އޭނަ އުފަންވީ، ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދެއްގައި، ހަނގުރާމައިން ސަލާމަތް ވުމަށް ބޯޓެއްގައި އޭނާގެ މަންމަ އޮއްވަ އެވެ. ފަހުން އޭނާ ބުނެފައި ވަނީ، އައިޑީކާޑްގައި، ނިސްބަތްވާ ގައުމެއް ނެތް ކަމަށާއި، އައިޑީކާޑްގައި ޖަހަފައި ވަނީ "އުފަންވީ ކަނޑުގައި" ކަމަށެވެ. ފަހުން ފްރާންސުން ވަނީ 2004 ވަނަ އަހަރު، އެގައުމުގެ ރަށްވެހިކަން ދީފި އެވެ. ފްރާންސްގެ ލިއްލެއަށް ކުލެމުންދާ މަވުޔުބާ ވަނީ 2004 ވަނަ އަހަރު، ފްރާންސްގެ ގައުމީ ޓީމަށް ކުޅެފަ އެވެ.