ގެދޮރު ގަތުމުގެ ގިނަ މައުލޫމާތު ތަކާއެކު މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އަންނަ މަހު ބާއްވަން ނިންމައިފި އެވެ. މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ފައިނޭންޝަލް އެކްސްޕޯ އޮންނާނީ ދަރުބާރުގޭގަ އެވެ.
ބްލަކް ޕްރައިވެޓް ލިމިޓެޑުން އިވެންޓް އިންތިޒާމުކުރާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އޮންނާނީ އަންނަ މަހުގެ 6-8 އަށެވެ. މި އެކްސްޕޯގެ މި އަހަރުގެ ތީމަކީ "ހައުސިން ފައިނޭންސް" އެވެ.
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގެ މައުލޫމާތު ދެއްވުމަށް އެމްއެމްއޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެގްޒެކެޓިވް ޑިރެކްޓަރު މަރިޔަމް ނަޒީލާ ވިދާޅުވީ މި އަހަރުގެ އެކްސްޕޯގައި ވެސް ފައިނޭންސް ދާއިރާގެ ތަޖުރިބާކާރުންގެ ޕެނަލް ޑިސްކަޝަންތައް އޮންނާނެ ކަމަށެވެ.
"އެކްސްޕޯގެ މައިގަނޑު މަގުސަދަކީ އާއްމުންގެ މެދުގައި މާލީ އަދި އިގްތިސާދީ ކަންކަމާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމާއި އާއްމުންނާއި މާލީ އިދާރާތަކުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަގު ފަހި ކުރުން،" ނަޒީލާ ވިދާޅުވި އެވެ.
މި އަހަރުގެ ފައިނޭންޝަލް އެކްސްޕޯގައި ރާއްޖޭގެ ހުރިހާ ބޭންކްތަކާއި އިންޝުއަރެންސް ކުންފުނިތަކުގެ އިތުރުން ހައުސިން ޑިވްލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އަދި ކެޕިޓަލް މާކެޓު ޑިވްލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ) ގެ އިތުރުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) ގެ އިތުރުން އިކޮނޮމިކް މިނިސްޓްރީ އާއި މީރާ ވެސް ބައިވެރިވާނެ އެވެ.
މި އަހަރުގެ ފައިނޭންޝަލް އެކްސްޕޯގައި ހުޅުމާލޭގައި ހުރި ހައުސިން ފައިނޭންސްގެ މައުލޫމާތު ދިނުމަށް ހާއްސަ މަސައްކަތް ތަކެއް ކުރާނެ އެވެ. މިގޮތުން ހުޅުމާލެ ސްމާޓް ސިޓީ މަޝްރޫއު މި އެކްސްޕޯގައި ލޯންޗް ކުރާނެ އެވެ. އަދި މި އަހަރުގެ ފައިނޭންސް އެކްސްޕޯގައިވެސް ގެދޮރު އިމާރާތް ކުރުމާއި ހައުސިން މަސައްކަތް ކުރާ ގިނަ ކުންފުނިތަކުން ބައިވެރިވާނެ އެވެ.
މޯލްޑިވްސް ފައިނޭންސް އެކްސްޕޯ އެންމެ ފަހުން ބާއްވާފައިވަނީ 2015 ވަނަ އަހަރު އެވެ . މި އަހަރުގެ އެކްސްޕޯއަށްވެސް ބޮޑު ތަރުހީބެއް ލިބުނެވެ.