ކުޅިވަރު

ވީއޭއާރް ޓެކްނޮލިޖީ ހުރިނަމަ އާސެނަލްއަށް ޗެމްޕިއަންސް ލީގް ލިބޭނެ

Jun 21, 2017

ދެހާސް ހަ ވަނަ އަހަރުގެ ޗެމްޕިއަންސް ލީގަކީ، އާސެނަލް އަށް އެމުބާރާތުގައި އެންމެ ދުރަށް ދެވުނު އަހަރެވެ. ފައިނަލުގައި، އާސެނަލް ބަލިވީ 2-1 ގެ ނަތިޖާއިން ބާސެލޯނާ އަތުން ނެވެ. އާސެނަލްގެ ކޯޗް އާސެން ވެންގާ ގަބޫލު ކުރާ ގޮތުގައި، ރަޝިޔާގައި މިހާރު ކުރިއަށްދާ ކޮންފެޑްރޭޝަން މުބާރާތުގައި، ބޭނުން ކުރާ ވީޑިއޯ އެސިސްޓެންޓް ރެފްރީ ޓެކްނޮލީ ހުރި ނަމަ، އެމެޗުން އާސެނަލް އަށް މޮޅު ވެވޭނެ އެވެ.

އާސެނަލްގެ ވިލިއަމް ކެމްޕެބަލް އާސެނަލްއަށް ލީޑް ނަގައިދީފައި ވަނިކޮށް، ބާސާ މެޗު ކާމިޔާބު ކުރީ ފަހަތަުން އަރައި ކާމިޔާބު ކުރި ދެ ލަނޑުން ނެވެ. ބާސެލޯނާ އަށް އެއްވަރުކޮށްދިން ލަނޑު ޖެހީ ސެމިއުލް އެޓޫ އެވެ. ވެންގާ ފާހަގަ ކޮށްފައި ވަނީ، އެ ލަނޑު ޖެހި އިރު، އެޓޫ އޮފްސައިޑްގައި ހުރި ކަމަށެވެ.

"އަހަރެން އިހްތިޔާރު ކުރާނީ، 2006 ވަނަ އަހަރު ޗެމްޕިއަންސް ލީގްގެ ފައިނަލު، ސަބަބަކީ، (އެޓޫ ޖެހި ލަނޑު) އެއީ އޮފްސައިޑެއް، އަހަރުމެން އޮތީ 1-0 ން ކުރީގައި މެޗު ނިމެން އޮތީ 30 މިނެޓް." ވީއޭރު ހުރިނަމަ ސަލާމަތް ވެވޭނެ ކަމަށް ފާހަގަ ކުރެވޭ ހާލަތަކީ ކޮބައިތޯ އިހްތިޔާރު ކުރުމަށް އާސެނަލްގެ ވެބްސައިޓުން، ސުވާލު ކުރުމުން، ވެންގާ ބުންޏެވެ.

"އެއީ އަހަންނަށް މިތަނުގައި މިސްވި ޓްރޮފީ އަކީ، އެހެންވެ އެ ހާލަތަކީ އަހަންނަށް ވަރަށް މުހިންމު ވަގުތެއް." ވެންގާ ބުންޏެވެ.


ވެންގާ ވަނީ، ބާސެލޯނާއާ ދެކޮޅަށް އާސެނަލް ކުޅުނު، އެހެން މެޗެއްގެ ހިނގާދިޔަ ކަމެއްވެސް ފާހަގަ ކޮށްފަ އެވެ. ދެހާސް އެގާރަ ވަނަ އަހަރު، ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު، ދެ ވަނަ ލެގް މެޗުގައި، އާސެނަލްގެ ރޮބިން ވެންޕާސީ އަށް، ދެއްކި ރަތް ކާޑަކީ ރަނގަޅު ރަތް ކާޑެއް ނޫން ކަމަށް ވެންގާ ބުންޏެވެ.

އަދި ނިމިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި ބަޔާން މިޔުނިކާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގް މެޗުގައި، އާސެނަލްގެ ޑިފެންޑަރު ކޮސިއެލްނީ އަށް ރަތްކާޑު ދެއްކުމަށްފަހު، ބަޔާން މިޔުނިކަށް ދިން ޕެނަލްޓީ އަކީވެސް ރަނގަޅު ޕެނަލްޓީ އެއް ނޫން ކަން ވެންގާ ވަނީ ފާހަގަ ކޮށްފަ އެވެ.