ލައިފްސްޓައިލް

ޝަލަބީގެ އެހީތެރިކަން މިއަހަރު ތެލަސީމިއާ ކުދިންނަށް

މޯލްޑިވިއަން އައިޑޮލް އިން ވިދާލި ގޮތަށް ޝަލަބީ އަރައިގެން ދިޔައީ ލަވަޔާއި މިއުޒިކްގެ ދާއިރާއިން އެކަންޏެއް ނޫނެވެ. އެއަށްވުރެ ޝަލަބީގެ ދާއިރާ ފުޅަލެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީވުމަކީ ޝަލަބީގެ ދާއިރާގައި ހިމެނޭ ބައެކެވެ.

އެގޮތުން މިިދިޔަ އަހަރު ޝަލަބީ ވަނީ ކެއާ ސޮސައިޓީގައި ކިޔަވަމުން ދިޔަ ކުއްޖަކަށް އެއް އަހަރު ދުވަހުގެ ކިޔެވުމުގެ ހަރަދުކޮށްދީފަ އެވެ. ޝަލަބީ ބޭނުންވަނީ ރޯދަމަހާއި ދިމާކޮށް ކޮންމެ އަހަރަކުވެސް ޝަލަބީ ނެރޭ މަދަހަ އަލްބަމާއެކު މުޖުތަމައުގައި ހާއްސަ އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިވުމަކި ޝަލަބީއަށް ލިބޭ އުފަލެކެވެ.

އެގޮތުން މިއަހަރު ޝަލަބީ ވަނީ ތެލަސީމިއާ 20 ކުދިންނަށް ޑެސްފަރޯލް ޖެހުމަށް ބޭނުންކާ ކަށްޓެއް ކަމަށްވާ ތެލަސެޓް ހަދިޔާކޮށްފަ އެވެ. ޝަލަބީ ވަނީ ކޮންމެ ކުއްޖަކަށް ތެލަސެޓް ކޭހެއް ހަދިޔާކޮށްފަ އެވެ. ޝަލަބީ ތެލަސެޓް ހަދިޔާ ކުރީ ބަރިސްތާ ކެފޭ އަދި ހައުސް އޮފް މިއުޒިކްގެވެސް އެހީތެރިކަމާ އެކީގަ އެވެ. ތެލަސީމިއާ ކޮންމެސް އެއް ކުއްޖަކަށް އެއް އަހަރު ވަންދެން އެހީތެރިވެދޭންވެސް ވަނީ ނިންމާފަ އެވެ.

އެ ކަށްޓަކީ ތެލަސީމިއާ ސެންޓަރުން މިހާރު ތެލަސީމިއާ ކުދިންނަށް ދޫކުރާ ކަށްޓަށްވުރެ ކޮލިޓީ ރަނގަޅު ކައްޓެކެވެ. ޑެސްފަރޯލް އަކީ ތެލަސީމިއާ ކުދިންގެ ގައިގައި އިތުރުވާ ދަގަނޑުގެ ބައި ކޮންޓްރޯލް ކުރުމަށް ނަގާ ފަރުވާ އެކެވެ. ދުވާލަކު ފަސް ގަޑިއިރު ނުވަތަ ހަ ގަޑިއިރު ޑެސްފަރޯލް ގުޅައިގެން އުޅެން ޖެހުމުން ހަންގަނޑު ސަކަރާތްވާއިރު ތެލަސެޓުން އެކަމަށް ހައްލު ލިބޭނެ އެވެ. ޑެސްފަރޯލް ގުޅަން ޖެހެނީ އެކި ކުދިންނަށް އެކިވަރަށެވެ.

"މި ސެޓް ލިބުނީމަ ވަރަށް ފަސޭހަވާނެ. އެއީ އޭގައި އިންނަ ވާގަނޑު ތަންކޮޅެއް ދިގުވީމަ ޖޮބަށް ގޮސް އުޅެންވެސް. އަނެއްކާ އެކިކުދިންނަށް އެކިވަރަށް މި އިންނަނީވެސް ގުޅަން ޖެހޭ ވަރު. ބައެއް ފަހަރު ހަންގަނޑު ސަކަރާތްވޭ މާގިނައިރު ވީމަ. އެއީ މިހާރު މި ބޭނުންކުރާ ބަޓަފްލައި ކަށި. ތެލަސީމިއާ ސެންޓަރުން ދޫކޮށްފައި ހުންނަ ކަށި." ޝަލަބީގެ ފަރާތުން ތެލަސެޓް ކަށި ލިބުނު ކުއްޖަކު އަވަސް އާ ވާހަކަ ދައްކަމުން ބުންޏެވެ.

ލޭގައި މާބޮޑަށް ދަނގަޑު އިތުރުވުމަކީ ހަށިގަނޑުގެ ބައެއް ގުނަވަންތަކަށް ގެއްލުން ލިބޭ ކަމެކެވެ. އާންމުކޮށް ޑެސްފަރޯލް ގުޅަން ޖެހެނީ ތެލަސީމިއާ ކުދިން އެކުދިންގެ ގައިގައި ދަގަނޑު ހުންނަ މިންވަރު 1،000 އަށް ވުރެ މަތިވުމުންނެވެ. އަދި އެއީ އުމުރުން ދެ އަހަރުން މަތީގެ ކުދިންނަށެވެ.

ތެލަސެޓް ކައްޓެއްގެ އަގަކީ 50 ރުފިޔާ އެވެ. ތެލަސެޓް ކޮންމެ ކޭހެއްގައި އިންނަނީ 10 ކައްޓެވެ.