ރިޕޯޓް

ހައްޖު ގުރޫޕްތައް ކަނޑައެޅީ ކިހިނެއް؟

  • ބިޑްތައް އިވެލުއޭޓްކުރަން މިނިސްޓްރީ އިން ބައިވެރިއެއް ނުވޭ
  • ކުންފުނިތަކުގެ ކުށުގެ ރެކޯޑަށް ބަލާ މާކްސް ދިން
  • ހައްޖުގެ ކަންކަން ހަރުދަނާ ކުރަން އިތުރަށް ފިޔަވަޅު އަޅަނީ

މި އަހަރު ހައްޖަށް ފޮނުވުމަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލުމުން 16 ކުންފުންޏެއް ކުރިމަތިލި އެވެ. އޭގެ ތެރެއިން ފުރަތަމަ ހުއްދަދިނީ އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ އާއި ދަރުމަ ލިލްހައްޖި ވަލްއުމްރަތި ޕްރައިވެޓް ލިމިޓެޑާއި ކިސްވާ ޕްރައިވެޓް ލިމިޓެޑާއި ޒައީމާ ހައްޖު ގްރޫޕް އިތުރުން ސިސިލްފަރު ހައްޖު އެންޑް އުމްރާ އެވެ. ނަމަވެސް އެ ކުންފުނިތައް ކަނޑައެޅުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ބަޔަކު މައްސަލަ ހުށަހެޅި އެވެ. އެގޮތަށް އެކަން ހިނގި ކަމަށް އެ ކޮމިޝަނަށް ވެސް ބެލޭވޭތީ އަލުން އިވޭލުއޭޓްކުރުމަށްފަހު ގުރޫޕްތައް ކަނޑައެޅުމަށް ވަނީ އަންގާފަ އެވެ.

އެ އެންގުމާއެކު ހައްޖު ގުރޫޕްތައް ދެވަނަ ފަހަރަށް މިނިސްޓްރީން ކަނޑައެޅި އެވެ. ނަމަވެސް އެކަމާ ހިތްހަމަނުޖެހިގެން ނާކާމިޔާބުވި ކުންފުންޏަކުން މައްސަލަ ކޯޓަށް ވެސް ހުށަހެޅި އެވެ. އޭގެފަހުން މިނިސްޓްރީން ވަނީ އާ ކޮމެޓީއެއް އެކުލަވާލައި އަނެއްކާ ވެސް ބިޑްތައް އިވޭލުއޭޓްކޮށްފަ އެވެ. ބިޑްތައް ފުރަތަމަ އިވޭލުއޭޓްކުރި ކޮމެޓީގައި މިނިސްޓްރީގެ ދެ މުވައްޒަފަކު ހިމެނުނު ނަމަވެސް ފަހުން އެކުލަވާލި ކޮމެޓީގައި މިނިސްޓްރީގެ އެއްވެސް މުވައްޒަފަކު ނުހިމެނެ އެވެ.

އާ ކޮމެޓީން ވަނީ ހަތަރު ބައްދަލުވުމެއް ބާއްވައި 20 ގަޑިއިރު މަސައްކަތްކޮށް ހައްޖު ގުރޫޕްތައް ކަނޑައަޅާފަ އެވެ. ހުއްދަ ދޭން ނިންމާފައިވާ ކުންފުނިތަކަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް އާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް އަދި ޒައީ ގްރޫޕެވެ.

ކޮމެޓީގެ ނިންމުންތައް ރިޕޯޓެއްގެ ސިފައިގައި މިނިސްޓްރީން ވަނީ ވަރަށް ތަފްސީލުކޮށް އާންމުކޮށްފަ އެވެ. އެ ރިޕޯޓްގައިވާ ގޮތުން ކޮމެޓީން ބަލާފައިވަނީ 11 ކުންފުންޏެއްގެ ބިޑެވެ. ފަސް ކުންފުންޏެއްގެ ބިޑް ވަނީ ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާތީ ބާތިލުކޮށްފަ އެވެ.

ކޮމެޓީން ބެލި ބިޑްތައް:

  • މިނާ ގުރޫޕް
  • މުސާފިރީން
  • އަލްމަޝްއަރު
  • މަނާސިކް
  • އަލް ހައިރު
  • ސިސިލްފަރު
  • އަލް ހަރަމައިން
  • ޒައީ
  • އަލް މިދާދު
  • ތަޒްކިޔާ
  • އެކްރޯ

މީގެތެރެއިން މިނާ ގުރޫޕާއި މުސާފިރީން އާއި އަލްމަޝްއަރު އާއި މަނާސިކް އާއި އަލް ހައިރު އަދި އެކްރޯ، ކޮލިފައިނުވާ ކަމަށް ކަނޑައަޅާފައިވަނީ އެ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ކުށުގެ ރެކޯޑް ފުރިހަމަކޮށްފައިނުވާތީ ކަމަށް ރިޕޯޓްގައިވެ އެވެ. ހައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލުގެ ހަވަނަ މާއްދާގައި (ޅ)ގައި ޑިރެކްޓަރުންގެ ކުށުގެ ރިކޯޑް ހުށަހަޅަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ކޮމިޓީގެ ބިޑް އިވެލިއޭޝަން ރިޕޯޓްގައި ކުށުގެ ރެކޯޑް ސާފޔުނުކޮށް ހުރި ކުންފުނިތައް ތަފްސީލްކޮށް ހިމަނާފައިވެ އެވެ. އަދި ކުށުގެ ރިކޯޑް ފުރިހަމަ ކޮށް ފުރިހަމަޔަށް ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށް ޕްރިބިޑްމީޓިންގައި މައުލޫމާތު ދީފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ. ރިޕޯޓްގައިވާ ގޮތުން ބައެއް ކުންފުނިތަކުން ސިވިލް ކޯޓާއި ފެމެލީ ކޯޓުގެ ރިކޯޑް ހުށަހަޅާފައިނުވާތީ މަދަނީ ކުށް ސާފުކުރެވިފައެއްވެސް ނުވެ އެވެ. އެ ބިޑްތައް ވެސް ވަނީ ކޮމިޓީ އިން ބާތިލްކޮށްފަ އެވެ.

ކުށުގެ ރިކޯޑަށް މިހާ ބޮޑު އިސްކަމެއް ދީފައިވަނީ މީގެކުރިން ބޮޑެތި މައްސަލަތަކެއް ހައްޖަށް ގެންދިޔުމުގައި ހިނގާފައިވާތީ އެވެ. ހުއްދަ ދިން ބައެއް ކުންފުނިތަކުން މީހުން އަތުލައި ފައިސާ ނަގައި ހިޔާނަތްތެރިވެފައިވާތީ އެވެ. އިތުރަށް ފައިސާ ވެސް ނަގާފައިވާތީ އެވެ. އުސޫލުގައި ވެސް އެކަމަށް އިސްކަންދީފައިވަނީ އެހެންވެ އެވެ.

މިފަހުން ވެސް މިފަދަ ބޮޑު ދެ މައްސަލައެއް ފެންމަތިވި އެވެ. އެގޮތުން ފަތުހު ޖަމާއަތުންނާއިި މަލީޝާ ހައްޖު އެންޑް އުމްރާ ގުރޫޕުން ވަނީ ގިނަ އަދަދެއްގެ ފައިސާ ނެގުމަށްފަހު އެތައް ބަޔަކަށް އޮޅުވާލާފަ އެވެ. އެފަދަ ބޮޑެތި ކަންކަން ނޫނަސް މި ފާއިތުވި އަހަރުތަކުގައި ހުށަހަޅާ އަގަށްވުރެ އިތުރަށް ފައިސާ ނަގާ ޝަކުވާ ވެސް ކޮށްފައިވެ އެވެ. އެކަންކަން ހަރުދަނާކުރުމަށް މިނިސްޓްރީން އަންނަނީ ހައްޖާބެހޭ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ހައްޖު ޕޯޓަލެއް ވެސް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ކުށުގެ ރިކޯޑް ސާފުކޮށް އެކަމަށް އެހާ ބޮޑު ސަމާލު ކަމެއް ދޭން ޖެހެނީ ތާރީހުގައި ހިނގާފައިވާ ކަންކަމާ ގުޅޭ ގޮތުންނެވެ. ޖިނާއީ މައްސަލައެއް ނެތަސް ފެމެލީ ކޯޓާއި ސިވިލް ކޯޓުގެ ކުށުގެ ރިކޯޑް މުހިންމު ވަނީ ދަރިންނާއި އަނބިންނަށް ހަރަދުނުކުރުން ފަދަ ކުށްތައް ވެސް އެމީހެއްގެ ހުރެދާނެތީ ކަމަށެވެ. އެފަދަ މީހަކު ހިމެނޭ ކުންފުންޏަކަށް އެތައް ގިނަ މީހުންގެ ހައްގުތަކެއް އެކުލެވޭ ހުއްދައެއް ދިނުމަށް ދަތިވާނެ ކަމަށް ވިދާޅުވި އެވެ.

ކުންފުނިތައް އިވޭލުއޭޓްކުރުމުގައި ޒަކާތް ދައްކާފައިވާ މިންވަރު ވެސް ވަނީ ބަލާފަ އެވެ. އަދި ދައްކަންޖެހޭ ޓެކްސްއެއް ނުދައްކާ އޮތްތޯ ވެސް ބެލި އެވެ.

ދެވަނަ އިވެލުއޭޝަނުން ކޮލިފައިވި ފަސް ކުންފުންޏަށް މާކްސްދިން ގޮތް ވެސް ރިޕޯޓްގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން 50 އިންސައްތަ މާކްސް އަގަށް އަދި ހިދުމަތަށް އަނެއް 50 މާކުސް ވަނީ ދީފަ އެވެ. ހިދުމަތްތަކުގެ ތެރޭގައި، އެހީތެރިންނާއި ކެއިން ބުއިމާއި ދަތުރުފަތުރާއި ސިއްހީ އިންތިޒާމާއި ތާރީހީ ތަންތަން ބެލުމުގެ އިންތިޒާމާއި ދީނީ އަދި މުހިންމު މައުލޫމާތު ދިނުމުގެ އިންތިޒާމާއި ރާއްޖެއިން ފުރުމުގެ ކުރިންނާއި ފަހުން ދެވޭ ތަކެތީގެ އިންތިޒާމް ހިމެނެ އެވެ.

ހިދުމަތްތަކާއި އަގަށް މާކްސް ދީފައިވާ ގޮތުން އެންމެ ކުރި ހޯދާފައިވަނީ 92.822 މާކްސްއާއެކު ސިސިލްފަރެވެ. އެ ކުންފުނި ހުށަހެޅި އަގަކީ 69،969 ރުފިޔާ އެވެ. ދެވަނަގައި ވަނީ އަލްހަރަމައިންނެވެ. އެއީ 91.075 މާކްސްއާއެކު އެވެ. ހުށަހެޅި އަގަކީ 69،965 ރުފިޔާ އެވެ. ތިންވަނަ ޒައީ ހައްޖު ގުރޫޕަށް ލިބިފައިވަނީ 91.022 މާކްސްއާއެކު އެވެ. އެ ކުންފުނި ހުށަހަޅާފައިވާ އަގަކީ 69،956 ރުފިޔާ އެވެ. ހައްޖު ކޯޕަރޭޝަންގެ އިތުރުން ހުއްދަ ދޭން ނިންމާފައިވަނީ މި ކުންފުނިތަކަށެވެ.

ކޮލިފައިވެ ނަމަވެސް ދަށް މާކްސް ލިބުމުގެ ސަބަބުން ހުއްދަ ނުލިބި ވަނީ އަލް މިދާދު އަދި ތަޒްކިޔާ ކުންފުންޏަށެވެ. އަލް މިދާދު ކުންފުންޏަށް ލިބިފައިވަނީ 89.775 މާކްސް އެވެ. ތަކްކިޔާއަށް 76.323 މާކްސް އެވެ.

ދެވަނަ ފަހަރަށް އިވެލުއޭޓްކޮށް، ނަތީޖާ އާންމުކުރުން ވެސް ނާކާމިޔާބުވި ކުންފުނިތަކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި އެކަމުގައި މިނިސްޓްރީން އޮޅުވާލުންތަކެއް އޮޅުވާލާފައިވާ ކަމަށް ބުނެ، ކޯޓަށް ދާން ވެސް ބައެއް ކުންފުނިތައް ވަނީ ނިންމާފަ އެވެ. ނަމަވެސް މިނިސްޓްރީން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އިވޭލުއޭޓް ކޮމެޓީ އެކުލަވާލާފައިވަނީ އޭސީސީގެ ގައިޑްލައިންއާ އެއްގޮތަށް ކަމަށާއި ކޮމެޓީގައި ހިމެނޭ ބޭފުޅުންނަކީ އެކި ދާއިރާތަކުން ވަރަށް ފުންނާބު އުސް ބޭފުޅުން ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި އެ ކޮމެޓީގެ ނިންމުންތައް ވެސް ތަފްސީލު ގޮތެއްގައި މިވަނީ ހާމަކޮށްފަ އެވެ.