ބޭރު ކުޅިވަރު

ޓެކްސް މައްސަލައިގައި ޑިމަރިއާ ޖޫރިމަނާކޮށްފި

Jun 22, 2017

ސްޕެއިންގެ ކަމާބެހޭ އިދާރާތަކަށް އޮޅުވާލައި ޓެކްހަށް މަކަރު ހެދި މައްސަލައިގައި އާޖެންޓީނާގެ ވިންގާ އަންހެލް ޑިމަރިއާ ޖޫރިމަނާކޮށްފި އެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅުނުއިރު، ޑިމަރިއާގެ އިމޭޖް ރައިޓްސްއާ ގުޅުން ހުރި ފައިސާ އިން ސްޕެއިންގެ ކަމާބެހޭ އިދާރާތަކަށް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ 1.16 މިލިއަން ޔޫރޯ މުއާމަލާތް އޮޅުވާލައިފައިވާ ކަމަށް ސްޕެއިންގެ ކަމާބެހޭ އިދާރާތުން ބުނެ އެވެ.

މިހާރު ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުންދާ ޑިމަރިއާ 29، ވަނީ މި މައްސަލައިގައި ސްޕެއިންގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށް، ކޯޓުން ބޭރުގައި މައްސަލަ ނިންމާފަ އެވެ.

މި މައްސަލަ ކޯޓުގައި ސާބިތުވި ނަމަ، ޑިމަރިއާ އަށް އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެހެން ނަމަވެސް، ސްޕެއިންގެ ގާނޫންގައިވާ ގޮތުން އަލަށް ކުށެއް ސާބިތުވާ މީހެއްގެ ޖަލު ހުކުމް ދެ އަހަރަށްވުރެ އިތުރުނުވާ ނަމަ، އޭނާގެ ޖަލު ހުކުމް ތަންފީޒުނުކޮށް ދޫކޮށްލެވޭނެ އެވެ.

މި ފަހަކަށް އައިސް، ސްޕެއިން ލީގުގައި އުޅޭ މަޝްހޫރު ކުޅުންތެރިންނާއި ކޯޗުން ޓެކްސް އޮޅުވާލި ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. ރެއާލަށް ކުޅެމުންދާ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ރެއާލްގެ ކުރީގެ ކޯޗު ޖޯސޭ މޮރީނިއޯ ޓެކްސް އޮޅުވާލި މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.