ކުޅިވަރު

ރޮނާލްޑޯ ޕޯޗްގަލް މޮޅުކޮށް ދީފި، އެއް ވަނަ މެކްސިކޯ އަށް

Jun 22, 2017

ކޮންފެޑްރޭޝަން ކަޕްގައި، ރޮނާލްޑޯގެ ލަނޑުން، ރަޝިޔާގެ މައްޗަށް ޕޯޗްގަލް ކުރި ހޯދި ނަމަވެސް، ނިއުޒިލެންޑް އަތުން މޮޅުވެ، ގުރޫޕްގެ އެއް ވަނަ މެކްސިކޯ ހޯދައިފި އެވެ.

ޕޯޗްގަލް، ހަމައެކަނި ލަނޑު، ރޮނާލްޑޯ ކާމިޔާބު ކުރީ، މެޗުގެ އަށް ވަނަ މިނެޓްގައި، ރަފޭލް ގުއެރޭރޯ ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލް ތެރެއަށް ފޮނުވާލައިގެން ނެވެ. އޭނާއަށް ވަނީ ފަހުން ވެސް ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ޕޯޗްގަލްގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު، ފޮނުވާލީ ބޯޅަ. ރަޝިޔާގެ ކީޕަރު ދިފާއު ކުރި އެވެ.

ރޮނާލްޑޯ، ވަނީ، ޕޯޗްގަލްއާއެކު މިހާތަނަށް ކުޅުނު ހުރިހާ މުބާރާތެއްގައި ލަނޑު ޖަހަފަ އެވެ. ޕޯޗްގަލްއިން އުފެއްދި ގިނަ ހަމަލާތަކެއް، ރަޝިޔާގެ ކީޕަރު އިގޯ އަކިންފީވް ވަނި ދިފާއު ކޮށްފަ އެވެ.

ނިއުޒިލެންޑްގެ މައްޗަށް މެކްސިކޯ ކުރި ހޯދީ، 2-1 ން ނެވެ. ފުރަތަމަ ލީޑް ނެގީ ނިއުޒިލެންޑުން ނެވެ. މެޗުގެ 42 ވަނަ މިނެޓްގައި، ލަނޑު ޖަހައިދިނީ، ލީޑްސް ޔުނައިޓަޑަށް ކުޅެމުން އަންނަ، ކްރިސް ވުޑްސް އެވެ.

މެކްސިކޯއިން، ނަތީޖާ އެއްވަރު ކުރީ، ދެ ވަނަ ހާފު ފެށިގެން ނުވަ ވަނަ މިނެޓް ތެރޭގައި، ރައުލް ހިމެނޭޒް ކާމިޔާބު ކުރި ލަނޑުން ނެވެ. މެޗުން އެޓީމު މޮޅުކޮށްދިން ލަނޑު ކާމިޔާބު ކުރީ، އޮރައިބް ޕެރަލްޓާ އެވެ.

މެކްސިކޯއާ ޕޯޗްގަލްއަށްވެސް ލިބިފައި ވަނީ، ހަތަރު ޕޮއިންޓެވެ. ފައިދާ ގޯލްގައި، ދެ ޓީމަށްވެސް އޮތީ އެއް ގޮލެވެ. ނަމަވެސް މެކްސިކޯއަށް ކުރި ލިބެނީ އެޓީމުން ޖަހާފައިވާ ލަނޑުގެ އަދަދު، ޕޯޗްގަލް އަށްވުރެ އިތުރު ވުމުން ނެވެ. ޕޯޗްގަލް ޖަހާފައި ވަނީ ތިން ލަނޑެވެ. މެކްސިކޯ ވަނީ ހަތަރު ލަނޑު ޖަހާފަ އެވެ.

މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ، ކެމެރޫން އާއި އޮސްޓްރޭލިއާ އެވެ. އެ މެޗު އޮންނާނީ ރާއްޖޭ ގަޑިން މިރޭ 8:00 ގަ އެވެ. މިރޭ ޖަރުމަން އާއި ޗިލީ ކުޅޭ މެޗު ވަރަށް ފޯރިގަދަ ވާނެ އެވެ. އެމެޗު އޮތީ ރާއްޖޭގަޑިން މިރޭ 11:00 ގަ އެވެ.