ބޭރު ކުޅިވަރު

ލެވަންޑޮވްސްކީ ގެންދަން މަސައްކަތްކުރާތީ ބަޔާންގެ އިންޒާރެއް

Jun 22, 2017

ބަޔާން މިއުނިކަށް ކުޅެމުންދާ ޕޯލެންޑްގެ ފޯވަޑްް ރޮބަޓް ލެވަންޑޮވްސްކީ ގެންދަން އެހެން ކްލަބުތަކުން މަސައްކަތްކޮށްފި ނަމަ، ފީފާއަށް މައްސަލަ ހުށަހަޅަންޖެހިދާނެ ކަމުގެ އިންޒާރު ބަޔާން އިން ދީފި އެވެ.

ބައެއް މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީން ދަނީ ލެވަންޑޮވްސްކީ ގެންދަން މަސައްކަތް ކުރަމުންނެވެ.

ބަޔާން އިން ޖަރުމަންގެ މީޑިއާއަކަށް ދިން ބަޔާނެއްގައި ބުނެފައިވަނީ ލެވަންޑޮވްސްކީ ވިއްކާލުމުގެ އެއްވެސް ވިސްނުމެއް އެ ކްލަބުން ނުގެންގުޅޭ ކަމަށެވެ. އަދި ބަޔާންއާއެކު ދިގު މުއްދަތުގެ ކޮންޓުރެކްޓެއް ހަދާފައިވާ ލެވަންޑޮވްސްކީ ގެންދަން ކްލަބުތަކުން އޭނާއާ ވާހަކަ ދައްކައިފި ނަމަ ފީފާ އަށް މައްސަލަ ހުށަހަޅަން ޖެހިދާނެ ކަމަށެވެ.

"ލެވަންޑޮވްސްކީއާ ގުޅޭ ގޮތުން ބަޔާން އިން އެހެން ކްލަބަކާ މަޝްވަރާއެއް ނުކުރަން. އަދި އެކަމާ ގުޅޭގޮތުން މަޝްވަރާއެއް އެއްވެސް ކްލަބަކާ ނުކުރާނެ. މި ކްލަބާއެކު ދިގު މުއްދަތުގެ ކޮންޓުރެކްޓެއްގައި ހުރި ކުޅުންތެރިޔަކާ އެހެން ކްލަބަކުން ވާހަކަދައްކައިފި ނަމަ، ފީފާ އިން އެ ކްލަބަކާމެދު ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެ. އެހެން ކްލަބާ ވާހަަކަނުދައްކާކަމުގެ ޔަގީންކަން ބަޔާންގެ އެޖެންޓް ވެސް ވަނީ ދީފަ،" ބަޔާންގެ ބަޔާނުގައި ބުނެފައިވެ އެެވެ.

ރިޕޯޓްތައް ބުނާގޮތުގައި ބަޔާންގެ ކޯޗު ކާލޯ އެންޗަލޮޓީ އާއި ލެވަންޑޮވްސްކީއާ ދެމެދު ހިތްހަމަނުޖެހުންތަކެއް އުޅެ އެވެ. މިދިޔަ ސީޒަންގެ ރަންބޫޓު ހޯދުމަށް ލެވަންޑޮވްސްކީ އަށް ބަޔާންގެ ކޯޗު އެންޗަލޮޓީ އެހީތެރިނުވި ކަމަށް ލެވަންޑޮވްސްކީގެ އެޖެންޓް ވަނީ ދާދި ފަހުން ބުނެފަ އެވެ.

ބޮރޫޝިއާ ޑޯޓްމަންޑް އިން 2014 ވަނަ އަހަރު ބަޔާނަށް ބަދަލުވި ލެވަންޑޮވްސްކީ ވަނީ 2021 ވަަނަ އަހަރާ ހަމައަށް ބަޔާންގެ ކޮންޓުރެކްޓް އާކޮށްފަ އެވެ.