ރިޕޯޓް

ޝަމްސު އާއި އަދީބު: ކާކުގެ ހައްގުތައް ނެތީ!

Jun 22, 2017
14
  • ކައިވެނިކުރުން މަނާ، ވާހަކަ ދެއްކުން މަނާ
  • ދުއާ ކުރުން މަނާ، ލިޔުން ކިޔުން މަނާ
  • އޮންނަން ޖެހޭނީ ބޭނުން ވަރަކަށް ޖަހާ ހިލިހިލާގައި

ޖެނުއަރީ 10، 1954 ދިވެހި ސަރުކާރުގެ މަހުކަމަތުއް ދާހިލިއްޔާ އިން ލިޔެފައިވާ މި ސިޓީ ކިޔާފައި އެހެން މީހުން ވެސް އަންތަރީސް ވުމަކީ ވެސް ވަރަށް އެކަށީގެންވާ ކަމެކެވެ. އަދި މިހާރާއި ކުރިޔާ ވަރުން އަޅުވާ މީހަކަށް މިއީ ހިނިއަންނަ ޒާތުގެ ސިޓީއަކަށް ވެސް ވުމަކީ ވެސް ވަދާނެ ގޮތެކެވެ. މިހާރު އެންމެ ބޮޑަށް ދެކެވެނީ ބޮޑެތި ކުށްތަކެއް ސާބިތުވެ، ގައުމަށް ގައްދާރުވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހައްގުތަކެއް ގެއްލިގެން އުޅޭ ވާހަކައެކެވެ. މިއީ ވެސް ހަމަ އެފަދަ ބޭފުޅެއްގެ ވާހަކައެކެވެ. މިދުވަސް ވަރަށް ރަނގަޅުވާނެ އެވެ.

ރައީސް މުހައްމަދު އަމީނުގެ ވެރިކަން އިންގިލާބު ކޮށްލުމަށް ފަހު އެމަނިކުފާނު ދޫނިދޫގައި ބަންދު ކުރައްވާފައި ހުންނަވަނިކޮށް މާލެ ވަޑައިގަތީ އިބްރާހިމް ހިލްމީ އާއި ރައީސް އަމީނުގެ ދަރިކަނބަލުން އަމީނާ މުހައްމަދު އަމީނުގެ އޭރުގެ ފިރިކަލުން ޝަމްސުއްދީނު ހިލްމީ ގުޅިވަޑައިގެން ބަދަލު ކުރެވުނު ސިއްރު ސިޓީތަކެއްގައި ދެކެވުނު ވާހަކަތަކެއްގެ މައްޗަށް ބަރޯސާ ކުރައްވައިގެނެވެ. އެ ހާދިސާގައި އެވީ ގޮތްތަކެއްވެ މައްސަލައިގެ މައްޗަށް ޝަރީއަތް ހިންގި އިރު ޝަމްސުއްދީނު ހިލްމީ ވެސް ކުށްވެރިވެވަޑައިގަތެވެ.

އެ ކުށުގައި ޝަރީއަތުން އޭނާގެ މައްޗަށް ކަނޑައެޅި ނިޔާއަކީ 39 އެތިފަހަރުން ތައުޒީރުކޮށް އުމުރަށް އަރުވާލުމެވެ. އަދި "ފެނިވަޑައިގަންނަވާ އަދަދަކަށް" ހިލިހިލާ ޖެހުމެވެ. މާނައަކީ ތައުޒީރުގެ "ބޮނޑި" އެޅުމަށް ފަހު އޭރު ހުކުމް ތަންފީޒު ކުރާ ފަރާތް ކަމަށްވާ ދާހިލިއްޔާ އިން ބޭނުންވި ވަރަކަށް ހިލިހިލާ ޖައްސަހާފައި ބޭނުން ރަށަކަށް އުމުރަށް އަރުވާލީމާ އެކަން ނިމުނީ އެވެ. އެނޫން އިތުރު އަދަބެއް ދިނުމެއް ނެތެވެ.

އެހެންނަމަވެސް ޝަމްސުއްދީނު ހިލްމީގެ ހުކުމް ތަންފީޒު ކުރުމުގައި ކަންކޮށްފައި ވަނީ އިންސާނީ ހައްގުތަކާ ވަރަށް ބޮޑަށް ހިލާފަށް އަދި ޝަރުއީ ހުކުމާ ވެސް ހިލާފަށޭ ބުނުމުގެ ފުރުސަތު ލިބެ އެވެ.

މި ރިޕޯޓްގައި ބަލައިލަނީ ޝަމްސުއްދީނު ހިލްމީ ކުށްވެރިވެވަޑައިގެން އަދަބު ތަންފީޒު ކުރުމުގެ ގޮތުން ހދ. މާމަކުނުދޫ -- މިހާރުގެ މަކުނުދޫ އަށް އަރުވާލަން ވެގެން މަހުކަމަތުއް ދާހިލިއްޔާ އިން ތިލަދުންމަތީ އަތޮޅުވެރިޔާ އަށް ފޮނުވާފައިވާ އާދަޔާ ހިލާފު އަދި އިންސާނިއްޔަތު ކަމެއް ނެތް ސިޓީއެއްގެ މައްޗަށެވެ.

އަންނަބީލު އިސްމާއިލް މުހައްމަދު ދީދީ އާންމުކޮށް ނިސްބަތްކުރާ އިރުމަތީގޭ އިސްމާއިލަކީ އޭރު ދާހިލިއްޔާގެ ވަކީލެވެ. އޭނާ ސޮއި ކުރައްވާފައިވާ "ވަރުގަދަ" ސިޓީ ބުނާ ގޮތުން ޝަމްސުއްދީނު ހިލްމީ އަކީ "ވަރަށް ބޮޑު ސިޔާސީ ކުށްވެރިއެކެވެ." އޭނާ މާމަކުނުދު އަށް އަރުވާލައްވަނީ އެހެންވެގެނެވެ.

މުހައްމަދު އަމީނާ ގުޅިގެން އައި "ހަޑި ހާދިސާ" ކޮންމެ ގޮތަކަށް ހިނގާފައި ވިޔަސް ޝަރީއަތުގެ އެ ނިޔާ އަކީ އިސްތިއުނާފު މަރުހަލާއެއްގައި ނޫނީ ބަހުސެއް އޮތް ކަމެއް ނޫނެވެ. ސަބަބަކީ އެ ގޮތް ކަނޑައަޅާފައި ވަނީ ޝަރީއަތުން ކަމަށް ވާތީ އެވެ. ޝަރީއަތްކޮށްފައި ވަނީ އިންސާފުންތޯ، ނޫންތޯ ބެލުމަކީ މުޅިން އެހެން ކަމެކެވެ. އެހެންނަމަވެސް ހުކުމާ ނުގުޅޭ އެހެން އަދަބުތަކެއް އިންސާނީ ހައްގުތައް ނިގުޅިގެންދާ ގޮތަށް ދިނުމަކީ މައްސަލައެކެވެ. ހަމައެކަނި ދެކޮޅަށް ވާހަކަ ދެކެވޭނެ ތަންކޮޅަކަށް ހުކުމުގައި އޮންނާތީ ފެންނަނީ "ބޭނުންފުޅު އަދަދަކަށް" ހިލިހިލާ ޖެހުމެވެ. އެނޫން ކަމެއްގައި ބަހުސެއް ނެތެވެ.

"... މަހުކަމަތުއް ދާހިލިއްޔާ އިން ތިލަދުން މަތީ އަތޮޅުވެރިޔާ އަށް

ސަލާމަށް ފަހު އަންގަމެވެ. މި ޝަމްސުއްދީނު ހިލްމީ އަކީ، ވަރަށް ބޮޑު ސިޔާސީ ކުށްވެރިއެކެވެ. މީނާ އަކީ މިދާދުވަހު ރައްޔިތުން ނުރުހިގެން ދޫނިދޫގައި ބަންދުކޮށްފައިވާ މުހައްމަދު އަމީނު ގޮވައިގެން މާލެ ވަޑައިގެން، ރައްޔިތުން މިވަގުތު އިސްކޮށްފައިވާ، ވެރިޔާ އަލްފާޟިލް އިބްރާހިމް މުހައްމަދު ދީދީ ނައްތާލުމަށާއި ދައުލަތާއި ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ ވަރަށް ނުރައްކާ ދަރަޖައަކަށް އުފައްދައިގެން ތިޔަ އަތޮޅު މާމަކުނުދު އަށް އަރުވާލާ ކުށްވެރިއެކެވެ. މީނާ ދިއުމުން މިހާރު ވެސް އެހުރި ފަދައިން ފައިގައި ހިލިހިލާ އަޅައިގެން ގެންގުޅޭށެވެ،" ސިޓީގައިވެ އެވެ.

މި ސިޓީ މެދުވެރިކޮށް ދާހިލިއްޔާ އިން އަމުރުކުރަނީ ޝަމްސުއްދީނު ހިލްމީ އަރުވާލަނީ، ދައުލަތުގެ ފަރާތުން ވަރަށް ބޮޑު އަދަބު ދީފައި ކަމަށެވެ. މާނައަކީ މުހައްމަދު އަމީނު ދޫނިދޫން މާލެ ވަޑައިގެން ހިންގި ހަރަކާތްތަކުގައި ބައިވެރިވުމުގެ ކުށުގައި ދޭން ޖެހޭ އަދަބުތަކެއް ވަނީ ދެވިފަ އެވެ. އަރުވާލަނީ އެ ގޮތަށް ހުކުމް ކޮށްފައިވާތީ އެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުންނެވެ.

އެހެންނަމަވެސް ޝަމްސުއްދީނު ހިލްމީ މާމަކުނުދު އަށް އަރުވާލުމުގެ އިތުރުން އޭނާގެ ވަރަށް ގިނަ އިންސާނީ ހައްގުތަކެއް ނިގުޅައިގަތީ މި ސިޓީ މެދުވެރިކޮށެވެ. އެ ގޮތުން ވަރަށް މުހިންމު 16 ހައްގެއް އޭނާގެ ކިބައިން ނިގުޅިގެން ދިޔައީ މި ސިޓީގެ ސަބަބުންނެވެ. އޭގެ ތެރެއިން އެއް ކަމަކީ އަރުވާލާފައި ހުންނައިރު މީހުންނަށް އިލްމާއި ބޭހާއި ފަންޑިތަ އުނގަންނައިދެއްވުން ޝަމްސުއްދީނަށް މަނާ ކުރުމެވެ. އެއްވެސް ބާވަތެއްގެ ނަސޭހަތެއް އެއީ ހެޔޮ ނަސޭހަތެއް ކަމަށް ވިޔަސް ދެއްވުން މަނާ ކުރުމެވެ. ވިޔަފާރިކުރެއްވުން ވެސް މުޅިން މަނަލެވެ.

އެއްވެސް ކަހަލަ ތޫނު އެއްޗެއް ނުގެންގުޅެ އިންސާނަކު "އިންސާނެއްގެ ގޮތުގައި" ދިރި ދުނިޔޭގައި އުޅޭނީ ކިހިނެއް ހެއްޔެވެ؟ އެފަދަ ހާލަތެއްގައި މީހަކު ކައްކައި ކައިބޮއި އުނުއޮރިޔާން ފިލުވައި އުޅޭނީ ކޮން ފަދައަކުން ހެއްޔެވެ؟ އެއްވެސް އިންސާނަކު މީހަކާ ކައިވެނި ކުރުން މަނާ ކުރެވޭ އުސޫލެއް އޮވޭ ހެއްޔެވެ؟ އެހެންނަމަވެސް ޝަމްސުއްދީނު ހިލްމީ އަރުވާލީ "އެއްވެސް ކަހަލަ ތޫނު އެއްޗެއް ގެންގުޅުން" މަނާކޮށްފަ އެވެ. އަދި އެއްވެސް ގޮތަކަށް ކައިވެނި ކުރެއްވުމަކީ ވެސް އޭނާގެ މައްޗަށް މުޅިން މަނާ އަދި ކައިވެންޏެއް ކުރައްވައިފި ނަމަ އިތުރު ކުށުން ކުށްވެރިވާ ކަމެކެވެ.

މަހަށް ވަޑައިގަތުމާއި އެނޫން ތާކަށް ވެސް ރަށުން ބޭރަށް ވަޑައިގަތުމާއި ދުއާ ކުރެއްވުމާއި އާއި މައުލޫދާއި ފާތިހާ އާއި ސޮލަވާތަށް ވަޑައިގަތުން މަނާކުރުމުގެ ގަދަ އަމުރު ނެރެފައިވާއިރު އިންސާނަކަށް އެންމެ މުހިންމު އެއް ވަސީލަތް ކަމަށްވާ މުއާސަލާތު ކުރުމުގެ ހައްގު ވެސް ދިވެހި ސަރުކާރުން ވަނީ ޝަމްސުއްދީނުގެ ކިބައިން ވާހަކަ ދެއްކުމާއި ބަސް ބުނުމުގެ ހައްގު ނިގުޅައިގަނެ އޭނާ "ހަނު" ބަހައްޓައިފަ އެވެ.

އެ އަމުރުގައި ބުނަނީ ރަށުގެ ވެރިޔަކާ ނޫން އެއްވެސް މީހަކާ ވާހަކަ ދެއްކެވުމަކީ މުޅިން މަނާ ކަމެއް ކަމަށެވެ. އެއްވެސް މީހަކަށް ސިޓީއެއް ލިޔުއްވުމާއި ދެއްޔާއި ގަލަން ގެންގުޅުއްވުމަކީ ވެސް މަނާ ކަމެކެވެ. އަދި ކީރިތި ޤުރުއާން ފިޔަވައި އެހެން އެއްވެސް ފޮތެއް ގެންގުޅުއްވުން ވެސް މަނަ އެވެ.

އަރުވާލާފައި ހުންނަވާއިރު "ސަރުކާރުން ފައިސާއެއް ދެއްވި ނަމަވެސް" އަތޮޅުވެރިންގެ އަމުރަކާ ނުލައި އެއްވެސް އެއްޗެއް ބައްލަވައިގަތުމުގެ ހުއްދައެއް ނޯވެ އެވެ. އެ ރަށުގެ މީހަކާ އެކު އަތޮޅުގެ އެހެން ރަށަކަށް ދިޔައަސް ރަށެއްގެ ވެރިޔަކާ ބައްދަލު ކުރައްވާފައި ނޫނީ ރަށުތެރެއަށް އެރުއްވުން ވެސް މަނާކުރި އެވެ.

މީގެ އިތުރުން ޝަމްސުއްދީނަށް މަނާކުރި އެހެން ކަންތައްތަކުގެ ތެރޭގައި ބިޑިޔާއި ސުއްޓާ އާއި ސިނގިރޭޓާއި ދުން ހިއްޕެވުމާއި ފުރާ ދުއްވާ އެއްޗެހި ގެންގުޅުއްވުން ވެސް ހިމެނެ އެވެ.

"މިކަން ކަމަކީ މީނާ އަށް ހުރި މަނާ ކަންތައް ކަން އެރަށުގެ އެންމެހާ ރައްޔިތުންނަށް އަންގައިދީ މިއިން ކަމެއް އޭނާގެ ކިބައިން ކުރިވައިފި މީހަކު ވެސް ކުށްވެރިވާނޭކަން އަންގާށެވެ. މި ޝަމްސުއްދީނު ހިލްމީ އަކީ ފިތުނަ ފަސާދަ އުފައްދާ ވަރަށް ބޮޑު ނުކިޔަމަންތެރިޔަކުކަން ދަނެގެން ރަނގަޅަށް ބަލަހައްޓާށެވެ. މީނާގެ ކިބައިން އެއްވެސް ކަހަލަ ނުކިޔަމަންތެރިކަމެއް ފެނިއްޖެ ނަމަ އެކަމެއް މަނާކޮށް ލަސްނުކޮށް މި މަހުކަމާ އަށް އަންގާށެވެ،" ސިޓީގައިވެ އެވެ.

މިވަރުގަދަ ސިޓީގެ ނަކަލެއް އަވަސްގެ ލައިބްރަރީގައި އެބަ އޮތެވެ. މި ރިޕޯޓުގައި ހަވާލާ ދީފައި މިވަނީ ދާހިލިއްޔާގެ އަސްލު ސިޓީ މިހާރު އޮތް ފަރާތުން އަޅުގަނޑު އަތަށް ދިނުމުން އެ ސިޓީ ބަލައިގެނެވެ. މިހާރު ވެސް އެ ސިޓީ އޮތީ އަޅުގަނޑުގެ އަތުގަ އެވެ.

ކޮންމެއަކަސް މި އަދަބުތަކަށް ފަހު ވެސް ޝަމްސުއްދީނު ހިލްމީ ފަހުން މިނިވަންވެވަޑައިގެން "ރީތި ދިރިއުޅުމެއް" އުޅުއްވި އެވެ. ކައިވެނިފުޅުތައް ބެއްލެވި އެވެ. ހިދުމަތްތެރި އަގުހުރި ބޭފުޅުން ވެސް ލިބިވަޑައިގަތެވެ. އޭގެ ތެރޭގައި އާރިފު ހިލްމީ ހިމެނިވަޑައިގަންނަވަ އެވެ. ޝަމްސުއްދީނު ހިލްމީ އަވަހާރަވީ މާލޭގެ މަގުމަތީގައި ހިނގި އެކްސިޑެންޓެއްގައި ލިބިވަޑައިގަތް ޒަހަމްތަކަށް އިންޑިޔާގެ ނޭވަލް ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.

ޝަމްސުއްދީނު ހިލްމީ އަކީ، ރައީސް މުހައްމަދު އަމީނު ސިފަކުރައްވާފައިވާ ގޮތުގައި "މުސްތަގުބަލުގެ ތިން އުންމީދު" ގެ ތެރެއިން "ޝަމްސް" ނުވަތަ "އިރެ" ވެ. އެއީ އެމަނިކުފާނު ސިފަކުރެއްވި އެންމެ ހާއްސަ އުންމީދެވެ. އަދި އެމަނިކުފާނުގެ ދަނބިދަރިފުޅެވެ.