މިއުޒިކް

މުއައްޒިންގެ "ރެދަން" ހަބޭސް އީދު ޝޯ ގައި

މޯލްޑިވިއަން އައިޑޮލް އިން ވަކިވާން ޖެހުނު ރޭ ރޮކްސްޓާ މުހައްމަދު މުއައްޒިން ވަނީ އަމިއްލަ ލަވަތަކާއެކު ވަރަށް އަވަހަށް ފޭނުންނާ ބައްދަލުކުރާނެ ކަމަށް ބުނެފަ އެވެ. އޭގެ ފަހުން މުއައްޒިންގެ އަޑުން ރީތި ގައުމީ ލަވަތަކެއް އިވުނެވެ. އަމިއްލަ ލަވައެއް އައީ މޯލްޑިވިއަން އައިޑޮލް ސީޒަން ދެ އެއްގެ ގްރޭންޑް ފިނާލޭގަ އެވެ. ވަރަށް ހިތްގައިމު ރީތި ލޭކޮކާލެއް ފަދަ "ލޭ ކޮކާ" އެވެ.

އެ ލަވަ ރިލީޒްކުރި އިރުވެސް މުއައްޒިން ވަނީ އޭނާގެ އަމިއްލަ އަލްބަމެއްގެ މަސައްކަތް ކުރާ ވާހަކަ އިއުލާނުކޮށްފަ އެވެ. ލޭ ކޮކާ އަކީވެސް އެ އަލްބަމްގެ ލަވަ އެކެވެ. އަލްބަމްގެ އިތުރު ލަވަތައް ވަަރަށް އަވަހަށް އިވޭނެ ކަމަށް އޭނަ ބުންޏެވެ. އެ ލަވަތަކާއެކު މުއައްޒިންގެ އަމިއްލަ އަލްބަމް "ރެދަން" ރިލީޒްކުރާނެ ތާރީހު އިއުލާނުކޮށްފަ އެވެ.

މުއައްޒިންގެ އޯޑިއޯ އަލްބަމް ރެދަން ރިލީޒްކުރަން ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ރޭ ބާއްވާ ހަބޭސް އީދު ޝޯގަ އެވެ. އަމިއްލަ ރާގުގެ ހަ ލަވަ އެ އަލްބަމްގައި ހިމެނޭނެ އެވެ. އެހެން ނަމަވެސް އެ ދުވަހަކު ލަވަތައް އަޑުއެހުމުގެ ފުރުސަތު ލިބިގެން ނުދާނެ އެވެ. މުއައްޒިން ބުނީ ރެދަން އަލްބަމް ވިއްކަން ފަށާނީ އަންނަ މަހުގެ ތެރޭގައި ކަމަށެވެ. މާގިނަ ދުވަހެއް ނެތެވެ.

މުއައްޒިން ބުނީ އޯޑިއޯ ލަވަތަކާއެކު އަލްބަމް ރިލީޒް ކުރި ނަމަވެސް އެ އަލްބަމްގެ ބައެއް ލަވަތަކުގެ ވީޑިއޯވެސް ފެނިގެންދާނެ ކަމެވެ. ނަމަވެސް ތަންކޮޅެއް ފަހުންނެވެ.

މުއައްޒިންގެ ވީޑިއޯ ލަވަ "ލޭ ކޮކާ" ހިޓަކަށްވެ އެ ލަވަ ވަނީ ރަޝިއާގެ ޓީވީ ޗެނަލް އަޑާގިއޯ އިން ދައްކާފަ އެވެ. ހަބޭސް ސްޓޫޑިއޯ އިން އުފައްދާފައިވާ މި ލަވަ ދެއްކުމަށްފަހު ރަޝިއާގެ އަޑާގިއޯ ވެބްސައިޓުގައި ހަބޭސް ބޮޑުބެރު ގްރޫޕް ވަނީ ފީޗާ ކޮށްފަ އެވެ.

"ލޭކޮކާ" މިލަވައަކީ އަންހެން ކުއްޖަކު ދެކެ ލޯބިވެވިގެން އުޅޭ ޒުވާނަކު އެ އަންހެން ކުއްޖާ ސިފަކޮށްދިނުމަށް ކިޔާކަހަލަ ލަވަ އެކެވެ. އަންހެން ކުއްޖާ ސިފަކޮށްފައިވަނީ ބަގީޗާއެއްގައި މިނިވަން ކަމާއެކު އުދުހުލާފައި އުޅޭ ރީތި ކޮކާލެއްގެ ސިފައިގަ އެވެ. ލޯބީގައި ކެހި ލިބި ބޭވަފާތެރިކަމާއި ކުރިމަތިލާން ބިރުގަނެފައިވާ މީހެއްގެ އިހުސާސްތައް ސިފަކޮށްދޭން އުޅޭހެންވެސް ހީވެ އެވެ.

ލޯބިވާވަރު ދެނެގަންނަން މަސައްކަތްކޮށް ލޯބިދޭން އާދޭތޯ ކުރާ އާދޭސްތަކެއްގެ ވާހަކަ މި ލަވައިގައި ބުނެދެ އެވެ. މިއީ ރޮކްސްޓައިލެއްގެ ލަވަ އެކެވެ.