ވިޔަފާރި

އެއާޕޯޓު އާ ރަންވޭ ޝީޓް ޕައިލް ކުރަން ފަށަނީ

Jun 22, 2017
2
  • ރަންވޭ އަންނަ އަހަރު ނިމޭނެ
  • ރަންވޭ އަގު 400 މިލިއަން ޑޮލަރު
  • އާ ރަންވޭގެ ސަބަބުން އެއާޕޯޓު ފުރިހަމަވާނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލައި، ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ގަލްފް ކޮބްލާ ގްރޫޕުން ހިންގ ވީއައިއޭ އެއާޕޯޓު ހިއްކުމުގެ މަސައްކަތުގެ ދަށުން އާ ރަންވޭ އަޅާ ސަރަހައްދުގެ 62 ހެކްޓަރު (ގާތްގަނޑަކަށް 100 ފުޅުބޯޅަ ދަނޑު) ގެ ސަރަހައްދާއި މިހާރުގެ ސީޕްލޭން ޓާމިނަލް ބަދަލުކުރާ ސަރަހައްދު ހިމެނެ އެވެ.

އެއާޕޯޓު ހިއްކުމުގެ މަސައްކަތް ނިންމާލުމުގެ ގޮތުން، ވީއައިއޭގެ ބީޔޫސީޖީ ސައިޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އެއާޕޯޓު ބިން ހިއްކުމުގެ މަޝްރޫއަކީ ގޮންޖެހުން ބޮޑު މަސައްކަތްކެއް ކަމަށެވެ. ނަމަވެސް މި މަޝްރޫ ކާމިޔާބުކަމާއެކު ނިންމާލެވުނީ ބީޔޫސީޖީ އާއި އެމްއޭސީއެލްގެ ދެމެދުގައި އޮތް ގުޅުން ރަނގަޅު ވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިނގަ ހިންގާ އޮތް އެއާޕޯޓެއްގައި މިފަދަ މަސައްކަތެއް ކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް. ނަމަވެސް މަސައްކަތް ކުރިއަށް ދިޔައިރު އެއްވެސް ފްލައިޓަކަށް ބުރޫ އެރުމެއް ނެތި މަސައްކަތް މި ނިންމާލެވުނީ،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަންވޭ އަޅަން ހިއްކި ސަރަހައްދާއެކު އެއާޕޯޓުގެ ބިމުގެ އަދަދު 33 ޕަސެންޓް އިތުރު ވެގެން ހިނގައްޖެ ކަމަށެވެ.

"މިހާރު މި ކުރަމުން ދަނީ ޓެސްޓް ޝީޓްޕައިލިންގެ މަސައްކަތް. ކުރިއަށް އޮތް ހަފުތާ ތެރޭގައި ޝީޓް ޕައިލް ކުރުން އިިރާދުކުރެއްވިއްޔާ ފެށޭނެ،" އާދިލް ވިދާޅުވި އެވެ.

އެއާޕޯޓަށް އަލަށް ހިއްކި ސަރަހައްދު ޝީޓް ޕައިލް ކުރަން ބޭނުންވާ ސާމާނުގެ ބައެއް މިހާރު ވަނީ ގެނެސްފަ އެވެ. މިގޮތުން ޝީޓްޕައިލް ހިފައިގެން އައިސްފައިވާ ބޯޓުން 2،000 ޓަނުގެ ޝީޓް ޕައިލް މިހާރު ބާލާފައިވާއިރު އަދި ބާކީ 5،000 ޓަނުގެ ޝީޓް ޕައިލް އެބަހުއްޓެވެ.

އާ ރަންވޭގައި ދިގުމިނުގައި 3،400 މީޓަރު ހުންނަ އަދި 60 މީޓަރު ހުންނާނެ އެވެ. އަދި ރަންވޭގައި 200 މިލިމީޓަރު ބޯމިނުގައި ފައުންޑޭޝަން އަޅާނެ އެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނު އެހީގައެވެ. ރަންވޭ މަސައްކަތުގައި މިހާރު ކުރަނީ ބިން އެއްވަރު ކުރުމުގެ މަސައްކަތެވެ. އަދި ރަންވޭ އެއްކޮށް އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެ އެވެ.