ސައުދީ އަަރަބިއްޔާ

ހަރަމްފުޅަށް ދޭން އުޅުނު ހަމަލައެއް ނާކާމިޔާބުކޮށްލައިފި

ސައުދީ އަރަބިއްޔާގެ މާތް ވެގެންވާ ހަރަމްފުޅަށް އަމާޒުކޮށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާތަކެއް ނާކާމިޔާބުކޮށްލައިފި އެވެ. މިރޭ ދޭން އުޅުނު ޓެރަރިސްޓު އެ ހަމަލާތައް ނާ ކާމިޔާބުކޮށްލީ ސައުދީ ސިފައިންނެވެ.

އަލް އަރަބިޔާއާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން ހަރަމްފުޅާއެކު ސައުދީގެ ތިން ތަނަކަށް ޓެރަރިސްޓް ހަމަލާތައް އަމާޒު ކުރި އެވެ. އަދި އެ އެ ހަމަލާތައް ނާކާމިޔާ ބުކޮށްލުމަށްފަހު ތުހުމަތުވާ ބަޔަކުވެސް ވަނީ ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނަކާއެކު ފަސް މީހެކެވެ.

ސައުދީ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު މަންސޫރު އަލް ތުރުކީ ހަވާލާދީ ރިޕޯޓްތައް ބުނެފައި ވަނީ އެ ހަމަލާތައް ރޭވީ ތިން ޖަމާއަތެއް އެކުވެގެން ކަމަށާއި އޭގެ ތެރޭން ދެ ގްރޫޕަކީ މައްކާގެ އަލްއުސައިލާ އާއި އަލް އަޖްޔާދު މަސާފީ ސަރަހައްދުގައި ގާއިމުވެގެން ތިބި ބައެއް ކަމަށާއި އަނެއް ޖަމާއަތް އޮތީ ސައުދީގެ ޖިއްދާގައި ކަމަށެވެ.

ހަރަމްފުޅުގައި މިރޭ އޮތް ތަރާވީހް ނަމާދުގެ ވަގުތާ ދިމާކޮށް ދޭންއުޅުނު ޓެރަރިސްޓް ހަމަލާ ސިފައިން ނާކާމިޔާބު ކޮށްލި އިރު އެ ހަމަލާގެ މާ ބޮޑެތި ތަފުސީލްތަކެއް އަދި ސާފެއް ނުވެއެވެ.

ނަމަވެސް ގައިގައި ބޮން ހަރުކޮށް އަމިއްލަ މަރުވެގެން ދޭން އުޅުނު ހަމަލާގައި އާންމު ބައެއް މީހުންނާއި ސިފައިންގެ ބައެއް މީހުންނަށް އަނިޔާތައް ވިއެވެ. އަނިޔާވީ އާންމު ހަ މީހަކަށާއި ސިފައިންގެ ފަސް މީހަކަށް ނަމަވެސް ސީރިއަސް ޒަހަމްތައް ލިބިފައި ނުވާ ކަމަށް އިންޓީރިއާ މިނިސްޓްރީއާ ހަވާލާދީ އަލް އަރަބިޔާއިން ބުންޏެވެ.

މި ހާދިސާއަށް ފަހު ހަރަމްފުޅު ސަރަހައްދާއި ހަމަލާއެއް އަމާޒުވެދާނެ ކަމަށް ބެލެވޭ ހުރިހާ ސަރަހައްދެއްގައި މިހާރު ވަނީ ސަލާމާތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. މިރޭ ހަރަމްފުޅަށް ހަމަލާ ދޭން މަސައްކަތް ކުރި އިރު ދުނިޔޭގެ އެކި ގައުމުތަކުން ތަރާވީހު ނަމާދަށް އެތައް މިލިއަން މުސްލިމުންނެއް ގޮސް ތިއްބެވެ.