ހަށިކޮޅަށް އަރައިގަނެ ތަޅާ ޗިސްކުރީ އެވެ. އޮރިޔާން ހާލުކޮޅުގަ އެވެ. ވަކަރު ފަލި ތަންޑަކުން ބުރަކަށީގައި ޖަހާ ޒަހަމް ކޮށްލުމުން އަސަރާ އެކު ހަމައެކަނި ވިދާޅުވީ "އަހަންނަށް އަނިޔާ ކުރެވިއްޖެ ނޫން" ހެއްޔޭ އެވެ. ލަދުވެތި ގުނަވަނަށް އަނިޔާތައް ދިނީ އެވެ. ބޮއްކުރައެއްގެ ތެރެއަށް ވައްޓާލުމަށް ފަހު ދޯންޏެއްގެ ހިޔާގަނޑު މައްޗަށް އެއްލައިލި އެވެ. ކަދުރު ހުސްކުރި ދެރަ ސަޓާގަނޑެއް ކަދުރުތަކާ އެކު އުނަގަނޑުގެ ތިރީގައި އަޅައި ހުތުރު ބަސްތަކުން މުހާތަބުކުރި އެވެ. ހަށިކޮޅާއި އަނގަފުޅުން ގަނޑު ލެޔާއެކު އޮހޭ ލެއިން ވާފަށް ހެދިފައިވެ އެވެ. ކަދުރު ސަޓާގަނޑަށް އަންނަ އެތަކެއް ހާސް މެހިން ލެއާއެކުވާ ދޮން ހަށިކޮޅު ވަނީ ފޮރުވިފަ އެވެ. އިރުގެ ހޫނުން ހަށިކޮޅު ފިއްސަމުންދިޔައިރު މޫނުފުޅު މަތިން މެހި ގިނަވެގެން ދެތިން ފަހަރަކު އަތްޕުޅު ހަރަކާތްކުރެއްވުން ފިޔަވައި އެއްވެސް ހަރަކާތެއް ނުކުރައްވަ އެވެ.
އެއީ ދިވެހި އެންމެ ލޯބި ރައީސް މުހައްމަދު އަމީނެވެ. ލޯތްބޭ ބުނީމާ ދިވެހިން ހާދަ ލޯތްބެއްވި އެވެ. އެ ލޯބި ގަދަވެގެން ގޮސް ކިޔުނީ އެއީ "ގައުމުގެ އަމީނު" އޭ އެވެ. އެކަމަކު އެންމެ ފަހުން، ދުވަހަކު ވެސް މީހަކަށް ނުދޭހާ އަނިޔާ ރައީސް އަމީނަށް ދިނެވެ. އަވަހާރަވީ އެ ޒަހަމްތަކަށް ފަރުވާ ނުލިބި ފަޅުރަށެއްގައި އޮންނަވައިގެނެވެ. މާލެ އަތޮޅު ވިހަމަނާފުށި (މިހާރުގެ ކުރުނބާ ރިސޯޓް) ގައި ޖެނުއަރީ 19، 1954 ގައި އަވަހާރަވިއިރު އުމުރުފުޅުން 44 އަހަރު ވެސް ނުފުރެ އެވެ.
ރައީސް އަމީން އަވަހާރަވީތާ އަހަރެއް ވީއިރު ރާއްޖޭގެ އާބާދީ އަކީ 82،000 މީހުންނެވެ. އެކަމަކު އެ މީހުން އެންމެ ލޯބިވި އަދި އެމީހުންގެ ތެރެއިން ބަޔަކު އެންމެ ބޮޑަށް އަނިޔާކުރި އެ ރައީސްގެ މަތިން ހަނދާން ނެތުނީ އަހަރެއްގެ ތެރޭގަ އެވެ.
އެހަންނަމަވެސް އެ އަވަހާރަވުމަށް އަހަރު ފުރުމާއި، އަމީންގެ މަތިން ހަނދާންކޮށް ފާތިހާ ކިޔަވަން ވިހަމާނާ ފުއްޓަށް ވަރަށް ހާއްސަ ނުވަ ބޭފުޅަކު ވަޑައިގެންނެވި އެވެ. އެއީ ހުސައިން ފަހުމީ އާއި ޒާހިރު ނަސީރާއި ޗައިނާ މުހައްމަދު ރަޝީދާއި ހައްތީ އަހުމަދު މަނިކާއި ވިލިނގިލީ މޮހަދޭ އާއި ހަބަރުމާގޭ އިސްމާއިލްފުޅާއި ކަނޑޫދޫ ދޮންމޫސާފުޅާއި ބަންދު އަލީ ސަލީމް އަަދި އާމުލީގޭ އަބްދުﷲ ސޯދިގު (ސޯދުބެ) އެވެ. މި ނުވަ ބޭފުޅުން ވިހަމަނާފުއްޓަށް ދަތުރުކުރެއްވީ ޖެނުއަރީ 6، 1955 ދުވަހުގެ ރޭގަނޑު އެވެ. ސިއްރު ދަތުރަތަކަށް ވާތީ ދަތުރުގެ ބޮޑު ބައެއް ހޭދަވީ މެންދަމު ވަގުތުގަ އެވެ.
"އަހަރެމެންގެ މުޅި މި ދަތުރުން ދައްކައިދެނީ އެންމެން އަމީން ދެކެވީ ލޯތްބާ އެއްވަރަށް އޭނާގެ މަތިން ހަނދާކޮށްފައި ނެތްކަން،" ސޯދިގު ވިދާޅުވި އެވެ.
ކުޑަކުޑަ ރިޔާދޯނި ރޭގަނޑު ވިހަމަނާފުއްޓާ ދިމާއަށް ދުވެފައި ދެ އެވެ. ބޭނުމަކީ ދިވެހި ރާއްޖޭގެ މިޒަމާނުގެ ބާނީ، ރައީސް މުހައްމަދު އަމީނުގެ ބިސްތާނައަށް ޒިޔާރަތް ކުރެއްވުމެވެ.
"ފުރުނީ ވެސް ވަރަށް ދަންކޮށް. އެއީ ހަމަ ގަސްދުގައި ރާވާފައި އޮތް ގޮތް،" ސޯދިގު ވިދާޅުވި އެވެ. "ކޮންމެހެން ސިއްރުން ދަތުރުކުރީ އަކީ ނޫން. ދަތުރު ރާވަނީ ޒާހިރު ނަސީރު. އޭނާގެ ނިންމުންތައް ހުންނަ ގޮތް އެއީ. ވިދާޅުވެދާނެ މެންދަމު ވެސް. އެދެން އެ ވަގުތެއްގައި އެކަމެއް ކުރަންވީ. އެގޮތަށް މި ދަތުރު ވެސް ރޭވުނީ."
ހާއްސަ ދަތުރު ފެށި އިރު ވައި ޖެހެނީ ވިހަމަނާފުށީ މަތިންނެވެ. އޭގެ ނަތީޖާއަކަށްވީ ދަތުރު އުނދަގޫވެ ހޭރިޔާކުރުން ގިނަވުމެވެ. އެކަމަކު ސޯދިގު ވިދާޅުވީ، މޮޓޯ އަކީ "އަސަރު ގަދައީ ބާރުން ކުރެވޭ ކަންތައްތަކުން ނުކުންނަ ނަތީޖާ" ކަމަށް ބަލައިގެން އެ ދަތުރު ކުރުމުން ރާސްތާ ދިގެއް ވެސް ނުވި ކަމަށެވެ.
އަވަހާރަވެފައިވާ ރައީސް އަމީންގެ ހެޔޮ ހަނދާންތައް އާ ކުރުމަކީ ހެޔޮ އަމަލެއް ކަމަށް ބަލައިގެން ފެށި ދަތުރުގައި އަމީނަށް ނިސްބަތްވާ ގޮތަށް ފަށުވި ވާހަކަތައް ދެކެވުނެވެ.
"ތަރިތައް އަހަރެންގެ ކައިރިއަށް އަންނާނެ ނަމަ އެވެ. އޭރުން ތަރިތަކުން އޭނާގެ މަދަހައިގައި އެންމެ ފުރިހަމަ ގޮތުގައި ހާރެއް އަމުނާލުމަށެވެ." އެންމެ ބޮޑަށް ދަތުރު ހިތްފަސޭހަ ކޮށްދިނީ ހުސައިން ފަހުމީގެ އެ އިބާރާތްތަކުންނެވެ.
އެނޫނަސް އެފަދަ ވާހަކަތަކުން ބައިވެރިންގެ ޖޯޝާއި ފޯރި އާއި ވިންދު އަވަސްކޮށްދިން ކަމަށް ސޯދިގު އޭނާގެ "ދަތުރު ވާހަކަ" އިގައި ލިއުއްވާފައިވެ އެވެ. އޭގެ ކުރިން ފަތްތޫރައިގެ އަދަދެއްގައި ވެސް މިވާހަކަތަކުން ސޯދިގު ވަނީ ސުރުހީ އަޅުއްވައިފަ އެވެ.
އެރޭ ވިހަމަނާފުއްޓަށް ލެފުނީ ދަންވަރު އެކެއް ޖެހި އިރު އެވެ. ރަށަށް ފޭބުމާއެކު ނުވަ ބޭފުޅުން ވެގެން ވިހަމަނާފުށި ހޭލައްވައިލީ "82،000 މީހުންގެ ތެރެއިން އެންމެ ނުވަ މީހުން މި ތާރީހީ ރަށަށް އަތުވެއްޖެ" ކަމަށް ހަރު އަޑުން ގޮވާލައްވައިގެންނެވެ.
ޕްރޮގްރާމް ފެއްޓެވީ ޒާހިރު ނަސީރު ކުރިޔަށް ހުންނަވައިގެންނެވެ. އެގޮތުން ވުލޫ ކޮށްގެން އިޝާ ނަމާދު ކުރެއްވީ މުހައްމަދު ރަޝީދު މިސްކިތް ފޮޅައި ސާފުކުރުމުންނެވެ. އިޝާ ނަމާދު އިމާމުވެ ކުރެއްވީ ސޯދިގެވެ.
ނަމާދަށް ފަހު ފަނޑު ހަނދުވަރުގައި އަމީންގެ ޒޔާރަތް ދޮށަށް ވަޑައިގެން ފާތިހާ ކިޔުއްވީ ފަހުމީ އިސްވެ ހުންނަވައިގެނެވެ. އޭނާ ދުއާ ކުރެއްވީ އަރަބި ބަހުންނެވެ. އެ ދުއާއަކީ ވަރަށް ބަލާޣާތްތެރި ދުއާއެއް ކަމަށް ސޯދިގު ވިދާޅުވި އެވެ. އެ ދުއާގައި ރައީސް އަމީނަކީ "ދިވެހި ރާއްޖޭގެ ގައުމިއްޔަތުގެ ބަތޮލު އަދި މިނިވަންކަމުގެ ޒައީމް" ގެ ގޮތުގައި ފަހުމީ ސިފަކޮށްދެއްވި ކަމަށް ވެސް ސޯދިގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެރޭގެ ދަންވަރު ވިހަމަނާފުށީގައި ރައީސް އަމީންގެ ހަނދާން އާކުރެއްވި އިރު، އެމަނިކުފާނުގެ މަތިން ހަނދާން ނައްތާލާފައިވާ މީހުންނަށް އެއްޗެހި ގޮވައި އެމަނިކުފާނާ މެދު ކަންކުރި ގޮތުގެ މައްޗަށް ހިތާމަކޮށް އަސަރާއެކު ނުވަ މީހުން ރޮއި ހެއްދެވި އެވެ.
"ހަމަ ކަރުނަ އަޅާފައި ރުއި ބައެއް ކުދިން، އެހެންވާނެނު. އަޅުގަނޑު ވެސް އެއްޗެއް ނުކައި ހިތާމައިގައި ގަނޑުވެ ހުރެވުނު ތިން ދުވަސް ވަންދެން،" ސޯދިގު ވިދާޅުވި އެވެ.
ދަތުރުގައި ދެން އޮތީ ހުސް ކާށިން ކަރު ތެންމާލުމެކެވެ. އޭގެ ފަހުން ރަށުތެރޭ ކުޑަ ބުރެއް ޖައްސަވާފައި ފޮނި ބޯކިބަލާއި ކަވާބު ފަރިއްކުޅުވައިގެން މާލެ އަށް ނައްޓާލެއްވީ މެންދަމު 30: 2 ގަ އެވެ.
އެނބުރި އައުމުގެ ދަތުރު މަތީގައި ހަމަޖައްސާފައި އޮތީ ރައީސް އަމީންގެ މަޒުމޫނެއް ކިޔާށެވެ. ހަނދުވަރުގެ ފަނޑު އަލީގައި ކިޔޭވަރު ނުވެގެން މަޒުމޫނު ކިޔާނެ ގޮތެއްގެ އެންމެ ރަނގަޅު ބުއްދިއެއް ކުރެއްވީ ޗައިނާ ރަޝީދެވެ. އޭނާ ހެއްދެވި ގޮތަކީ ފޮތެއްގެ ގަނޑަކުން ވަށް ބުރަކަށްވާހެން ވީދާ އެއިން ބައްތިއެއް ހެއްދެވީ އެވެ.
"ނަސީބަކުން އަލިފާން ފޮއްޓެއް އޮތް. ދެން ވައި ނުވަންނަ ގޮތަށް ބަންދުގެ މުންޑުން ކުޑަ ފޭލިގެއެއް ހަދައިގެން ކަރުދާހުގައި އަލިފާން ރޯކޮށްގެން އަޅުގަނޑު މަޒުމޫނު ކިޔައި ނިންމާލީ. ވަރަށް އަސަރުގަދަ ރެއެއް،" ސޯދިގު ވިދާޅުވި އެވެ. "އެ ހަނދާންތައް އާކޮށްފައި އަހަރެމެން މާލެ އައިއިރު އޮތީ ފުރަމެންދަން."
މައްސަލައެއް ނެތެވެ. ކޮންމެވެސް އެއް ބަޔަކު އަމީންގެ ހިދުމަތްތަކާއި މަސައްކަތްޕުޅުތަކުގެ ހަނދާންތައް އާކޮށް، އެމަނިކުފާނަށް ހެޔޮ ދުއާކޮށްފިތާ އެވެ. ގައުމުގެ އެންމެންހެން ހަނދާންނައްތާލާފައިވާ އިރު އެއީ ވެސް ވަރެކެވެ.