ކުޅިވަރު

ނިއުގެ ކޯޗަކަމުން ޓަވަރޭސް ވަކި ކޮށްފި

Jun 24, 2017
1

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗް ކަމުން، ޕޯޗްގަލްގެ ބެނާޑޯ ޓަވަރޭސް ވަކި ކޮށްފި އެވެ.

ނިއުގެ ޖެނަރަލް ސެކެޓްރީ އަހްމަދު ނިޔާޒު ވިދާޅުވީ، ޓަވަރޭސް މަގާމުން ވަކި ކުރީ، ކުލަބު އާ ބޯޑުން، މިއަހަރު ސީޒަނަށް ބޮޑެތި ހަރަދުތަކެއް ކުރި ނަމަވެސް، ޓަވަރޭސް އާއެކު ޓީމަށް އެދެވޭ ކުރިއެރުން ނުފެންނާތީ ކަމަށެވެ.

"ނިއުރޭޑިއަންޓުން ޓެވަރޭސް އަށް ކާމިޔާބަށް އެދެން، އޭނާގެ ޓްރެއިނިންތައް ރަނަގަޅު ނަމަވެސް ދަނޑު މަތީގައި ނިއުގެ މެނޭޖްމެންޓާއި ސަޕޯޓަރުން ބޭނުންވާ ނަތީޖާ ނުފެންނާތީ، ނިއުގެ ޗެއާމަން [މުހައްމަދު ޒިޔާދު] ނިންމެވީ ޓަވަރޭސް މަގާމުން ވަކި ކުރަން،" ނިޔާޒް ވިދާޅުވި އެވެ.

ޓަވަރޭސް އާއެކު މިސީޒަންގައި، ނިއު ކުޅުނު 10 މެޗުގެ ތެރެއިން، އެޓީމު މޮޅުވީ ހަތް މެޗުން ނެވެ. ތިން މެޗުން ވަނީ ބަލިވެފަ އެވެ. އޭގެ ތެރޭގައި، މިއަހަރު ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަ ކުރާ، ގްރީން ސްޓްރީޓް އަތުން 3-0 ވި ބަލިވެސް ފާހަގަ ކޮށްލަން ޖެހެ އެވެ.

ވޭތުވެދިޔަ ތިން އަހަރު ތެރޭ، ނިއު އަކީ އެންމެ ގިނައިން ކޯޗުން ބަދަލު ކުރި ޓީމެވެ. އެ ޓީމަށް ވަނީ ވޭތުވެދިޔަ ތިން އަހަރު ތެރޭ 10 ކޯޗުން ހަމަޖައްސާފަ އެވެ. ސީޒަން ފެށުމުގެ ކުރިން، ނިއުގެ ޖެނަރަލް ސެކެޓްރީ އަހްމަދު ނިޔާޒު ވިދާޅުވީ އަވަސް އަވަހަށް ކޯޗުން ބަދަލު ކުރުމުގެ ސަގާފަތް ނިއުގެ ތެރެއިން ފިލުވާލަން އާ ބޯޑުން ބޭނުންވާ ކަމަށެވެ. މިއަދު އޭނާގެ ބަސް ތާފަތެވެ.

"ނިއު ވެދާނެ ވޭތުވެދިޔަ ދެތިން އަހަރު ތެރޭ އެންމެ ގިނަ ކޯޗް ބަދަލު ކުރި ޓީމަށް، އަދި މި ވޭތުވެދިޔަ ދެތިން އަހަރު ދިވެހި ފުޓްބޯޅައިގައި ޑޮމނޭޓް ކުރީވެސް ނިއު، ކިތަންމެ މޮޅު ކޯޗަކުވެސް ބަދަލު ކުރަން ޖެހެންޏާ ބަދަލު ކުރާނީ ނިއު އަށް ކާމިޔާބޫ ހޯދަން." ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ނިއުގެ ޓްރެއިނިންގެ ކަންކަން ކުރިއަށް ގެންދާނެ ފަރާތެއް ނިއުގެ ޗެއާމަން ވަރަށް އަވަހަށް ކަނޑައަޅުއްވާނެ ކަމަށެވެ.

"އަދި ނުނިންމާ ދެން ގެންނާނީ ދިވެހި ކޯޗެއްތޯ ނުވަތަ ބިދޭސީ ކޯޗެއް ކަމެއް، ވަރަށް އަވަހަށް އާ ކޯޗަކު ހަމަޖައްސާނަން." ނިޔާ ވިދާޅުވި އެވެ.

ޓަވަރޭސް އަކީ ޕޯޗްގަލްގެ ބެންފީކާގެ ޒުވާޏް ޓީމަށް ކޯޗް ކޮށްދީފައިވާ ކޯޗެކެވެ. އަދި އޭނާ ވަނީ އޮމާންގެ ލީގްގައިވެސް މަސައްކަތް ކޮށްފަ އެވެ.