ހަބަރު

އީދަކީ ވަހުދަތާ ބިންގާ ހަރުދަނާކުރަން ލިބޭ މުނާސަބަތެއް: ރައީސް

Jun 24, 2017

އީދު ދުވަސްފަދަ މުނާސަބަތުތަކަކީ، އިސްލާމީ އަގީދާ ހަރުދަނާކޮށް ގައުމުގައި ވަހުދަތުގެ ބިންގާ ހަރުދަނާ ކުރަން އިތުރު އަޒުމުތައް އާކުރުމަށް ވަރަށް އެކަށީގެންވާ މުނާސަބަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ފިތުރު އީދުގެ އުފާވެރި މުނާސަބަތުގައި މިރޭ ރައީސް އާންމު ކުރެއްވި ހިތޯބުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް އިޚުލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާ ކަމަށެވެ. އުފާވެރި މުނާސަބަތުގެ އިޚުލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް، އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށް އަރިސްކުރައްވާ ކަމަށެވެ. އަދި މި ތަހުނިޔާގައި ބައިނަލްއަޤްވާމީ އިސްލާމީ ޖަމާއަތްތަކާއި ޖަމިއްޔާތަކުގެ ވެރިންނާއި އެތަންތާނގެ އެންމެހައި ބައިވެރިން ޝާމިލުކުރުމުގެ އުފާވެސް ލިބި ވަޑައިގަންނަވާ ކަމަށެވެ.

"އީދު ދުވަހަކީ، ޝުކުރު ކުރުމުގެ ދުވަހެވެ. އުފާފައުޅުކުރުމުގެ ދުވަހެވެ. ހިތްހެޔޮ ކުރުމުގެ ދުވަހެވެ. އެކުވެރިކަން ބަދަހިކުރުމުގެ ދުވަހެވެ. އެކަކު އަނެކަކާ ބައްދަލުކޮށް، ސަލާމްކުރުމުގެ ދުވަހެވެ. ހަމައެފަދައިން އީދު ދުވަހަކީ، ވަކިން ހާއްސަކޮށް އަޅުގަނޑުމެންގެ ތެރެއިން އެހީތައް ބޭނުންވާ މީހުންގެ މަތީން ހަނދާންކޮށް، އެމީހުންނަށް އެމީހަކަށް ވެވުނުވަރަކުން އެހީތެރިވާންވީ ދުވަހެވެ. އާއިލީގުޅުން ބަދަހިކޮށް، އެކަކު އަނެކަކަށް ޒިޔާރަތްކޮށް ރައްޓެހިން ރަޙުމަތްތެރިންނާ ބައްދަލުކޮށް އިސްލާމީ އަޚުވަންތަކަން އާލާކޮށް، އެކަކު އަނެކަކަށް ހެޔޮއެދުމުގެ ޝުޢޫރުތައް ފައުޅުކޮށް އުޅޭންވީ ދުވަހެވެ. ޢީދު ދުވަސްފަދަ މުނާސަބަތުތަކަކީ، އިސްލާމީ އަގީދާ ހަރުދަނާކޮށް ޤައުމުގައި ވަހުދަތުގެ ބިންގާ ހަރުދަނާ ކުރުމަށް އިތުރު އަޒުމުތައްވެސް އާކުރުމަށް ވަރަށްވެސް އެކަށީގެންވާ މުނާސަބަތެކެވެ." ހިތޯބުގައި ވެއެވެ.

"މާތް اللّه މި ބަރަކާތްތެރި ފިޠުރު ޢީދުގެ ދުވަސްތަކަކީ، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމް އުޚުތުންނާއި އަޚުންނަށް އުފާވެރި ބާއްޖަވެރި ދުވަސްތަކެއް ކަމުގައި ލައްވާށިއެވެ! ބަރަކާތްތެރި ރަމަޟާންމަހު އަޅުގަނޑުމެން ހިފި ރޯދަޔާއި ކުޅަ އަޅުކަންތަކުގެ ހެޔޮ ޘަވާބާއި ދަރުމަ، އެކަލާނގެ އަޅުގަނޑުމެންނަށް މިންވަރުކުރައްވާށިއެވެ! ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނާއި މުޅި އިސްލާމީ އުންމަތް، އެކަލާނގެ ރަޙުމަތާއި ބަރަކާތުގައި އުފާފާގަތި ކަމުގައި ދަމަހައްޓަވާށިއެވެ."