ހަބަރު

އެއްބައިވަންތަކަމާއި އެކުވެރިކަމަށް ރައީސް ގޮވާލައްވައިފި

Aug 20, 2018
3

އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، އެއްބައެއްވަންތަ ބައެއްގެ ގޮތުގައި ކުރިއަށް ދިޔުމުގެ މަތިވެރި އަޒުމް އާކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިގޮތަށް އިލްތިމާސްކުރެއްވީ، ބަރަކާތްތެރި އަޟްހާ އީދުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތޯބުގައެވެ.

ރައީސް ވިދާޅުވީ، އިސްލާމްދީން އެއްބައިވަންތަކަމަށް ބާރުއަޅައި ގޮވާލާ މިންވަރު، ހައްޖުގެ މަތިވެރި މަނާސިކުން އެނގިގެންދާ ކަމަށާއި އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، އެއްބައެއްވަންތަ ބައެއްގެ ގޮތުގައި ކުރިއަށް ދާންޖެހޭ ކަމަށެވެ.

އަޟުހާ އީދުގެ މުނާސަބަތަކީ، މުސްލިމުންގެ މެދުގައި ހިތްހެޔޮކަމާއި އުފާވެރިކަމުގެ ޝުއޫރުތައް ފާޅުކުރުމުގެ މުނާސަބަތެއް ކަމަށާއި، ދިވެހިންގެ މެދުގައި އޮތް އެއްބަނޑުއެއްބަފާކަމާއި، އަހުވަންތަކަމުގެ ގުޅުން ގާއިމުކޮށް ދެމެހެއްޓުމުގެ މުހިއްމުކަން ހިތްތަކަށް ގެނެސްދޭ އުފާވެރި މުނާސަބަތެއްކަމުގައި ރައީސް ޔާމީން ފާހަގަކުރައްވާފައިވެއެވެ.

ރައީސް ޔާމީންގެ ހިތޯބުގައި ބަރަކާތްތެރި އަޟްހާ އީދުގެ ހެޔޮއެދުންތަކާއި ތަހުނިޔާ މުޅި އިސްލާމީ އުންމަތަށް އަރިސްކުރައްވާފައިވެއެވެ.