ފައިނަލުގައި މާޒިޔާގެ މައްޗަށް ކުރި ހޯދައި، ވެޓަރަންސް ކަޕްގެ މިދިޔަ އަހަރުގެ ވެސް ޗެމްޕިއަން ނިއުރޭޑިއަންޓް މިއަހަރު ވެސް ތަށި ދިފާއު ކޮށްފި އެވެ.
ފުރަތަމަ ސެމީ ފައިނަލުގައި، ނިއު ބަލިކޮށްފައި އައި މާޒިޔާ އަތުން، ނިއު މޮޅުވީ 2-1 ނަތީޖާއިން ނެވެ. ނިއުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ، ކުރިން ކ. ހުރާގެ ހުއްރިއްޔާ ސްޕޯޓްސް ކުލަބަށް ކުޅުނު ހުސްނީ އަބްދު ރަހްމާން އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، ނިއުގެ ކެޕްޓަން އަލީ ޝަމީމް (ކޮޔަރު އައްޔަ) އެވެ.
މާޒިޔާގެ ހަމައެކަނި ލަނޑު، ޖަހައިދިނީ، އެ ޓީމު ފައިނަލަށް ގެންގޮސް ދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި އަހްމަދު ނާޝިދު (ނާދު) އެވެ. މެޗުގެ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނިއުގެ އަބްދުﷲ އިބްރާހިމް (ހުރާ އަބްޅޯ) އެވެ.
މިއީ، ވެޓަރަންސް ކަޕް ނިއު ކާމިޔާބު ކުރި ތިން ވަނަ ފަހަރެވެ. މިދިޔަ އަހަރު މުބާރާތް އެ ޓީމު ކާމިޔާބު ކުރީ، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ވެލެންސިއާ ބަލި ކުރުމަށް ފަހު އެވެ. މިފަހަރު، މުބާރާތުގެ ފައިނަލަށް ނިއު ދަތުރު ކުރީ، ތިން ވަނަ ސެމީ ގައި ވެލެންސިއާ ބަލި ކުރުމަށްފަހު އެވެ.
މުބާރާތުގެ އެންމެ މޮޅު ފޯވަޑަކަށް ހޮވިފައި ވަނީ ކޮޔަރު އައްޔަ އެވެ. އަދި އޭނާ އަކީ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާވެސް މެއެވެ.
ތިރިސް ފަސް އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހުސްނީ އެވެ. ފަންސާސް އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ، ވެލެންސިއާ އަބްދު ރައްޒާގް އިބްރާހިމް އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ނިއުގެ ހަސަން ހަމީދެވެ.
މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ހޮވުނީ، މާޒިޔާގެ މުހައްމަދު ސިނާން (ނާނީ) އެވެ. އެންމެ މޮޅު ޑިފެންޑަރަކީ، ނިއުގެ އަލީ ރިޒާ އެވެ. އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ، ގައުމީ ޓީމުގެ ކުރީގެ މީޑްފީލްޑާ މާޒިޔާގެ އަހްމަދު ނާޒް (އާކޭ) އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަކީ ކޮޔަރަު އައްޔަ އެވެ.