މިއުޒިކް

"ހީލާށޭ" ޒަކިއްޓެގެ އަމިއްލަ ލަވައެއް!

Jun 25, 2017

މޯލްޑިވިއަން އައިޑޮލް އިން ވަކިވުމަށްފަހު މަހެއްހާ ދުވަހުގެ ބްރޭކަކަށް ފަހު މިއުޒިކީ ދާއިރާއިން ހަސަން އިރުފާން (ޒަކިއްޓޭ) ފެންނާނެ ކަމަށް ބުނެ އޭނާގެ ފޭނުންނަށް ވައުދުވި އެެ. އެ ވައުދު ފުއްދިވެސްމެ އެވެ. އައިޑޮލްގެ ސްޓޭޖުން ފައިބައިގެން އައި ގޮތަށް މިއުޒިކީ ދުނިޔޭގައި ވިދަން ފެށީ އެވެ. ޝޯތައް ދީ ކަވާ ލަވަތައްވެސް ކިއެވެ. އަވަސް އާއި ޗެނަލް 13 ގުޅިގެން މި ރޯދަ މަހު ގެނެސްދިން ރިދަމް ޝޯގައިވެސް ޒަކިއްޓެގެ އަޑުން ރީތި ލަވަތަކެއް އިވުނެވެ.

އެހެން ނަމަވެސް އަދި މިހާތަނަށް ޒަކިއްޓެގެ އަމިއްލަ ލަވައެއް އަޑެއް ނީވެ އެވެ. އެކަމަކަށް މާގިނަ ވަގުތެއް ދެން ބޭނުމެއް ނޫނެވެ. މަހެއް ނުވަތަ ދެމަސް ފަހުން ޒަކިއްޓެގެ އަމިއްލަ ލަވައެއް އިވިގެންދާނެ އެވެ. "ހީލާށޭ" ނަމުގައި ހަދާ އެ ލަވަ އަކީ ލޯބިން ފުރިގެންވާ ލަވަ އެކެވެ. ޒަކިއްޓެ އަމިއްލައަށް ޅެން ހަދާފައިވާ އެ ލަވައިގެ ޓްރެއިލާއެއް މިހާރު ވަނީ ފޭނުންނަށް ދޫކޮށްލާފަ އެވެ. ޓްރެއިލާ އަޑު އަހާލުމުންވެސް އެ ލަވައިގެ ރީތިކަން އިހުސާސް ކުރެވޭނެ އެވެ.

"ހީލާށެ" އަކީ ޒަކިއްޓެގެ އަމިއްލަ ރާގެއް ކަމަށް އޭނާ ބުންޏެވެ. ވީޑިއޯ އެ ލަވައިގެ ވީޑިއޯ ހަދައިދެނީ ކޯންޓަމް ސްކޮޔާ އިންނެވެ.

ޒަކިއްޓެގެ ސޯލޯ އެލަވައިގެ ވީޑިއޯ އިން މުޅިން އާ އަންހެން ފަންނާނެއް ފިލްމީ ދުނިޔެއަށް އުފަންވެގެން ދާނެ އެވެ. އެ ފަންނާނާ ބެހޭ މައުލޫމާތު އަދި އޮތީ ސިއްރެއްގެ ގޮތުގަ އެވެ.

"ހީލާށެ އެ ލަވަ އަކީ ލޯބީގެ ވަރަށް ލޯބި ލަވައެއް. ލޯބިވެރިއެއްގެ ހައިސިއްޔަތުން އެ ލަވަ ގެނެސްދީފައި އިންނާނީ. ޒަކިއްޓެ އަމިއްލަ އަށް ޅެން ހަދާފައި އިންނަނީވެސް. އަޑުއަހާލަން ފަސޭހަ ސިމްޕަލް ދިވެހި ބަސްތަކެއް އެ ލަވައިގައި ބޭނުންކޮށްފައި އިންނާނީ،" ޒަކިއްޓެ ބުންޏެވެ.

ޒަކިއްޓެ އަކީ މިއަހަރު މޯލްޑިވިއަން އައިޑޮލް އިން ވިދާލި ތަރިންގެ ތެރެއިން މިއުޒިކީ ދާއިރާގައި މިހާރު އެންމެ ކުރީގައި އުޅޭ އެއް ފަންނާނެވެ.