އެއް ގޮތަކަށްވެސް ދައްކަން މިއުޅެނީ މޯލްޑިވިއަން އައިޑޮލް އިން ވިދާލި ޝަމްވީލް މުހައްމަދު އަދި ހުސެން ސަމާހުގެ އަމިއްލަ ލަވައެއް ނުވަތަ އަލްބަމެއްގެ ވާހަކައެއް ނޫނެވެ. އެއަށްވުރެ މި ދެ ފަންނާނުންގެ ދާއިރާ މާ ފުޅަލެވެ. މި ދެ ފަންނާނުން މިވަނީ އެކުގައި ބޭންޑެއް އުފައްދާފަ އެވެ. ބޭންޑުގެ ނަން އަދި ފައިނަލް ނުވި ނަމަވެސް އެކުގައި ބޭންޑް މިހާރު ވަނީ ޕާފޯމް ކޮށްފަ އެވެ.
ޝަމްވީލާއި ސަމާހު އެކުގައި އުފައްދާފައިވަނީ އެންމެ ބޭންޑެއް ނޫނެވެ. ދެ ބޭންޑެވެ. ރިސޯޓް މިއުޒިކް އަދި ވެޑިންތަކުގައި މިއުޒިކް ކުޅެން ތިން ފަންނާނުންގެ ކުޑަ ބޭންޑެއް އަދި ބޮޑެތި އީދު ޝޯތައް ފަދަ ޝޯތަކުގައި ކުޅުމަށް ބޮޑު ބޭންޑެކެވެ. ކުޑަ ބޭންޑުގައި ހަރަކާތްތެރިވާނީ ޝަމްވީލާއި ސަމާހުގެ އިތުރުން އައިޑޮލް ބޭންޑުގެ ގިޓަރިސްޓް ސަމާހު އެވެ. އަދި ބޮޑު ބޭންޑުގައި އެ ތިން ފަންނާނުންގެ އިތުރުން ބައެއް ފަހަރު ޝަމްވީލްގެ ކޮއްކޮ އަދި ޑްރަމަރެއް ވެސް ހަރަކާތްތެރިވާނެ އެވެ.
ޝަމްވީލާއި ސަމާހު އަދި ގިޓަރިސްޓު މިހާތަނަށް ކައިވެނި ހަފްލާއެއްގައި އަދި ޓީވީއެމް އިން ރޯދަމަހު ގެނެސްދިން "މިވަގުތު" ޕްރޮގްރާމްގައި ވަނީ ޕާފޯމްކޮށްފަ އެވެ. އަދި އަންނަ މަހު ދެ ވަނަ ދުވަހުވެސް ކައިވެނި ހަފްލާއެއްގައި ޕާފޯމްކުރަން ވަނީ ނިންމާފަ އެވެ. އެ ބޭންޑުގެ އަމާޒަކީ ބޮޑަށް ރިސޯޓު މިއުޒިކް ދާއިރާ އެވެ.
މީގެއިތުރުންވެސް ޝަމްވީލް ވަނީ އޭނާގެ ފޭނުންނަށް އުފާވެރި އެހެން ހަބަރެއްވެސް ދީފަ އެވެ. ޝަމްވީލްގެ އަމިއްލަ ލަވައެއް ނެރެން އުޅޭ ހަބަރެވެ. ދެ މަހެއްހާ ދުވަސް ފަހުން އެ ލަވަ ރިލީޒް ކުރާނެ އެވެ. އަމިއްލަ ރާގުގެ ލަވަ އެކެވެ. އިތުރު ތަފްސީލެއް ޝަމްވީލް ނުދިނެވެ. ޝަމްވީލް ބޭނުންވަނީ އެެއީ ސަޕްރައިޒެއް ގޮތުގައި ބާއްވާށެވެ.
މޯލްޑިވިއަން އައިޑޮލް އިން ވަކިވުމަށްފަހު ސަމާހުވެސް ވަނީ މިއުޒިކް ދާއިރާގައި ފިޔަޖަހަން ތައްޔާރުވެފަ އެވެ. އޭނާގެ އަމިއްލަ ރީތި ލަވަތަކެއްވެސް ވަރަށް އަވަހަށް އިވިގެންދާނެ އެވެ.