ދުނިޔެ

ސައުދީއަށް ދެރަށް ދިނުމުގެ މުއާހަދާ ސީސީ ތަސްދީގު ކުރައްވައިފި

Jun 25, 2017

ރަތް ކަނޑުގައިވާ ފަޅު ދެރަށް ސައުދީ އަރަބިއްޔާއަށް ދިނުމަށް އެ ގައުމާއެކު މިސްރުން ސޮއިކޮށްފައިވާ މުއާހަދާ އެ ގައުމުގެ ޕާލަމެންޓުން ފާސްކުރުމުން ރައީސް ޢަބުދުލް ފައްތާޙު އައް ސީސީ އެ މުއާހަދާ ތަސްދީގު ކުރައްވައިފިއެވެ.

ތިރާން ނަަމަކަށް ކިޔާ ރަށާއި ސަނާފިރު ނަމަކަށް ކިޔާ ރަށް ސައުދީއަށް ދޭން މިސްރުން އެއްބަސްވީ ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބުދުލް ޢަޒީޒު އަލް ސަޢުދު މީގެ އަހަރެއްހާ ދުވަސް ކުރިން މިސްރަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އޭރު ސޮއިކުރި އެއްބަސްވުމަށް މިސްރު ޕާލަމެންޓުން ރުހުންދިނީ މިދިޔަ ހަފްތާގަ އެވެ.

ސައުދީއަށް އެ ދެރަށް ދިނުމުގެ މައްސަލައިގައި މިސްރުގައި ސީސީއާ ދެކޮޅަށް މުޒާހަރާތައްކޮށްފައި ވެއެވެ. މުޒާހަރާކުރި މީހުން ތުހުމަތުކޮށްފައި ވަނީ ސައުދީން ދޭ އެހީގެ ބަދަލުގައި މިސްރުގެ ސަރަހައްދެއް ސީސީ ވިއްކަވަނީ ކަމަށެވެ. އެ މައްސަލަ ބަޔަކު ވަނީ މިސްރުގެ ކޯޓްތަކަށް ވެސް ވައްދާފަ އެވެ. ދެރަށް ދިނުމުގެ އެއްބަސްވުމަށް އަމަލު ނުކުރެވޭނެ ކަމަށް މިސްރުހެ ކޯޓަކުން ކަނޑައަޅާފައި ވާއިރު އެހެން ކޯޓަކުން ހުކުމް ކޮށްފައި ވަނީ އެ އެއްބަސްވުމަށް އަމަލުކުރެވޭނެ ކަމަށެވެ. އެ މައްސަލަ މިސްރުގެ އެންމެ މަތީ ކޯޓު ކަމަށްވާ ކޮންސްޓިޓިއުޝަނަލް ކޯޓަށް ވެސް ހުށަހަޅާފައިވާ އިރު އެކޯޓުން އަދި ގޮތެއް ނުނިންމައެވެ.

ދެރަށް ދެއްވުމުގެ މައްސަލައިގައި ސީސި ވިދާޅުވެފައި ވަނީ އެ ދެރަށަކީ ކުރިން ސައުދީ އަރަބިއްޔާގެ ދެރަށް ކަަމަށެވެ. އަދި އެދެރަށުގައި މިސްރު ސިފައިން ތިބެން ފެށީ އެދެރަށް ހިމާޔަތް ކުރަން ސައުދީން އެދުމުން 1950 ވަނަ އަހަރު ކަމަށެވެ.

ދެރަށް މުހިއްމީ ކީއްވެ؟

ސަނާފިރާއި ތިރާން އާ ދެމެދު ހުންނަނީ ދެ ނޯޓިކަލް މޭލުގެ ދުރުނިމެވެ. ތިރާން އޮންނަނީ ރަތްކަނޑުން އައިސް ގަލްފް އޮފް އަގަބާއަށް ވަންނަ އަނގަމަތީގައެވެ. އިޒްރޭލުން ރަތްކަނޑަށް ނުކުންނަ މަގަކީ އެރަށާ ޖެހިގެން އޮންނަ 'ތިރާން ސްޓްރެއިޓް' ނަމަކަށް ކިޔާ ކަނޑުއޮޅިއެވެ. މިސްރު ސިފައިންނާއި އެހެން ބައެއް ގައުމުތަކުގެ ސިފައިން ތިބުން ފިޔަވައި އެ ދެރަށަކީވެސް ފަޅު ދެރަށެވެ. އެދެރަށުގައި މިސްރު ސިގައިން ތިބެން ފެށީ ސައުދީ ސަރުކާރުން އެދިގެން 1950 ވަނަ އަހަރުއެވެ.

އިޒްރޭލުން އެ ދެރަށް ދެފަހަރެއްގެ މަތިން ހިފިއެވެ. އެއީ 1956 ވަނަ އަހަރާއި 1967 ވަނަ އަހަރުއެވެ. އެ ދެފަހަރުވެސް އިޒްރޭލުން އެދެރަށް އަނބުރާ މިސްރާ ހަވާލުކުރިއެވެ. ( ބީބީސީ)