ރިޕޯޓް

ތިމާވެށީގެ ގުދުރަތްތެރި ކަމަށް މުސްލިމުން ބަދަލު ގެންނަން ވާނެތަ؟

Apr 12, 2015
4

ތިމާވެށި ތަޣައްޔަރު ވުމާއި ދުނިޔެ ހޫނު ވުމާއި ދިރޭ މަހުލޫގުން ފަނާ ވަމުން ދިއުމުގެ ވާހަކަތަކަކީ މިހާރު ކޮންމެ ދުވަހަކު ލިބޭ ހަބަރުތަކެވެ.

އިންސާނުންނަކީ މި ބިމުގައި ތިބި އެންމެ ވިސްނުން ތޫނު މަހުލޫގުން ކަމަށް ވާއިރު، ހިތާމަ ހުރި ކަމަކީ ތިމާވެއްޓަށް އެންމެ ބޮޑު ގެއްލުމެއް ދެނީ ވެސް ހަމަ އިންސާނުން ކަމަށް ވުމެވެ. އަދި ފަހަކަށް އައިސް މި ގެއްލުންތައް ވަނީ ނިހާޔަތަށް އިތުރު ވެފައެވެ.

މިސާލަކަށް ބުނާ ނަމަ، ދުނިޔޭގެ އުމުރަކީ އެންމެ 46 އަހަރު ނަމަ، ތިމާވެއްޓަށް ލިބިފައިވާ ހުރިހާ ގެއްލުމަކީ ދެންމެ ނިމިގެން ދިޔަ 60 ސިކުންތު ތެރޭގައި ހިނގި ކަންތައްތައް ފަދައެވެ!

އެހެންކަމުން، އިސްލާމް ދީނަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން އިންސާނާއަށް ކަށަވަރު ކޮށްދޭ ދީނެއް ކަމަށްވާއިރު، ތިމާވެށި ރައްކާތެރި ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އިސްލާމް ދީނުގައި ހާއްސަ ސަމާލުކަމެއް ދީފައިވެއެވެ.

މާތް ﷲ ވަހީ ކުރައްވާފައިވަނީ އިންސާނުންނަކީ މި ދުނިޔެމަތީގެ ހަލީފާއިން ކަމަށެވެ. ދުނިޔޭގައި ހުރިހާ ކަމެއް ވެސް ކުރިއަށްދަނީ ރަނގަޅަށް ކަމަށް ކަށަވަރު ކުރުމުގެ ބޮޑު އަދި މުހިންމު ޒިންމާ އެޅިފައިވާ މަހުލޫގުން ކަމެވެ. މިހެންވެ، ދުނިޔެއަށް "ފަރުވާ" ދިނުމަށް މާތް ﷲ އަންގަވާފައިވެއެވެ.

"ދުނިޔެ އަކީ ފެހި އަދި ރީތި ތަނެކެވެ. އަދި މާތް ﷲ ތިޔަބައިމީހުން ފާރަވެރިން ކަމުގައި ލައްވާފައިވެއެވެ. މުޅި ދުނިޔެ ވެސް ހައްދަވާފައިވަނީ އަޅުކަން ކުރެވޭ ސާފު ތަނެއްގެ ގޮތުގައެވެ. ތިޔަބައިމީހުންގެ ތެރެއިން ގަހެއް އިންދާ މީހާ، އެ ގަސް ފޯދުމަށް ދާންދެން ފަރުވާތެރި ކަމާއެކު ބަލަހައްޓައިފި މީހާއަށް ދަރުމަ ހުއްޓެވެ. މުސްލިމަކު ގަހެއް އިންދައިފި ނަމަ، ނުވަތަ ދަނޑެއް ހައްދައިފި ނަމަ، އަދި އެ ދަނޑުން އިންސާނުންނާއި ޖަނަވާރުންނާއި ދޫނިސޫފާސޫފި ކައިފި ނަމަ، އެއީ އެ މީހާގެ ފަރާތުން ދެވުނު ލޯތްބެކެވެ."

ތިމާވެށި ރައްކާތެރި ކުރުމަށާއި ވެއްޓަށް ގެއްލުން ނުދިނުމަށް މާތް ﷲ ކީރިތި ގުރުއާނުގައި އަންގަވާފައިވެއެވެ. ކީރިތި ގުރުއާނުގެ 30 ވަނަ ސޫރަތް ކަމަށްވާ ސޫރަތުއް ރޫމްގައި މާތް ﷲ ވަހީ ކުރައްވާފައިވެއެވެ:

"ފަހެ، ބާތިލު މަގުން އެއްކިބާވެ، ހައްގުގެ މަގަށް ތަބާވެގެންވާ ހާލު، ކަލޭގެފާނުގެ މޫނުފުޅު އިސްލާމް ދީނާ ކުރިމަތި ކުރައްވާށެވެ! އެއީ މީސްތަކުން އެ ފިތުރަތެއްގެ މައްޗަށް އުފެއްދެވި ﷲ ގެ ފިތުރަތެވެ. ﷲ އުފެއްދެވި އުފެއްދެވުމަށް ބަދަލެއް ގެނައުމެއް ނެތެވެ. ސީދާ ވެގެންވާ ދީނަކީ އެއީއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަ މީހުން (އެ ކަމެއް) ނުދަނެތެވެ."