ހަބަރު

ޒެނީޝާ އީދު ފާހަގަ ކުރެއްވީ ފިޔަވަތި ކުދިންނާއެކު ސިނަމާގައި!

ފިތުރު އީދު ފާހަގަ ކުރުމުގެ ގޮތުން ހުޅުމާލޭގެ ފިޔަވަތީގައި ބަލަހައްޓަމުން ގެންދާ ކުޑަ ކުދިންނާއެކު ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ސިނަމާއަށް ވަޑައިގެން ކާޓޫނު ބައްލަވައިފި އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުން ގެންދާ ކުދިންގެ ތެރެއިން އުމުރުން ފަސް އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނާއެކު ޒެނީޝާ އީދު ފާހަގަ ކުރައްވާފައިވާ ކަމަށާއި އެގޮތުން އެ ކުދިންނާއެކު ސިނާމާއަށް ވަޑައިގެން އެންމެ ފަހުގެ ކާޓޫން ފިލްމް "ކާޒް 3" ބައްލަވާފައިވާ ކަމަށެވެ. އަދި އެ ހަރަކާތުގައި ފިޔަތީގައި ދިރިއުޅެމުންދާ 71 ކުދިންނާއި އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ބައެއް މުވައްޒަފުން ވެސް ބައިވެރިވި އެވެ.

މީގެ އިތުރުން އީދާ ގުޅިގެން ހުޅުމާލޭގައި ބާއްވަން ހަމަޖެހިފައިވާ "ހޮޓް އެއާ ބެލޫން ފެސްޓިވަލް" ބަލާލުމަށާއި ކްލަބްމެޑް ކަނިފިނޮޅުން އިންތިޒާމުކުރާ ހާއްސަ ކުޑަކުދިންގެ ހަވީރެއްގައި ވެސް ފިޔަވަތީގެ ކުދިން ބައިވެރި ކުރުމަށް ރާވާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

އެކި ސަބަބުތަކާ ހެދި މިވަގުތު ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބީ 166 ކުދިންނެވެ.