ފްރާންްސްގެ އޮލިމްޕިކް ލިއޯން އަށް ކުޅެމުންދާ ފްރާންސްގެ ފޯވަޑް އެލެކްޒަންޑަ ލަކަޒެޓް އަށް އާސެނަލް އިން ޝައުގުވެރިވާ ކަމަށާއި އޭނާ ދޫކޮށްލެވޭނީ 65 މިލިއަން ޔޫރޯ އަށް ކަމަށް ލިއޯންގެ ރައީސް ޖޯން - މިޝޭލް އައުލާސް ބުނެފި އެވެ.
މިިދިޔަ ސީޒަންގައި ލިއޯން އަށް 45 މެޗުން 37 ލަނޑު ޖެހި ލަކަޒެޓް އަށް ޔޫރަޕްގެ ވަރުގަދަ ކްލަބުތަކަކުން ޝައުުގުވެރިވެ އެވެ.
ލަކަޒެޓް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާން އުޅުނު ނަމަވެސް، ފީފާ އިން އެތުލެޓިކޯ އަށް ދިން ޓްރާންސްފާ ބޭންއާ ގުޅިގެން ލަކަޒެޓް އަށް އެތުލެޓިކޯ އަށް ބަދަލުވެވޭ ގޮތެއް ނުވި އެވެ.
އައުލަސް ބުނީ އާސެނަލް އިން ވެސް ލަކަޒެޓް އަށް ޝައުގުވެރިވާ ކަމަށެވެ. އެކަމަކު 65 މިލިއަން ޔޫރޯ އަށް ނޫނީ ލަކަޒެޓް ދޫކޮށްނުލެވޭނެ ކަމަށެވެ.
"އެތުލެޓިކޯ އިން އަހަރެމެންނަށް ހުށަހެޅި އަގަކީ 65 މިލިއަން. އެހެންވީމަ އެއީ އަހަރެމެން އެންމެ ކުޑަކޮށް ބަލާ އަގަކީ،" އައުލާސް ބުންޏެވެ. " ސީޒަނެއްގައި 25 ނުވަތަ 30 ލަނޑު ޖަހާ ކުޅުންތެރިއެއްގެ އަގު އުޅޭނީ އެ ވަރުގައި. އަނެއްކާ ކޮންމެ ގޮތެއް ވިޔަސް އަހަރަމެން ޖެހޭނެ ލަކަޒެޓް ވިއްކާލައިފައި، އޭނާ ނެތްތަން ފޫބައްދަން އިތުރު ކުޅުންތެރިއެއް ގެންނަން. ރަނގަޅު ކުޅުންތެރިއެއް ހޯދަން ވެސް ބޮޑު ހަރަދެއް ދާނެ."
އައުލަސް ބުނީ އެތުލެޓިކޯގެ ޓްރާންސްފާ ބޭން ނިމުމުން، 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު އޭނާ ގެންދަން އެތެލެޓިކޯ އިން ބޭނުންވާ ކަމަށެވެ.