ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އާ ކޯޗަކަށް ސްޕެއިންގެ އޮސްކާ ބްރުޒޮން ހަމަަޖައްސައިފި އެވެ. ނިއުއާ ހަވާލުވުމަށް އޮސްކާ ވަނީ މިއަދު ރާއްޖެ އައިސްފަ އެވެ.
ނިއު އިން އޮސްކާ އެ ޓީމުގެ ކޯޗުގެ މަގާމަށް ހަމަޖެއްސީ ޕޯޗުގަލްގެ އޮސްކާ ބެނާޑޯ ޓަވަރޭސް މަގާމުން ވަކިކުރުމަށް ފަހު އެވެ. ޓަވަރޭސް މަގާމުން ވަކިކުރީ ނިއުގައި މި ވަގުތު އޮތް ސްކޮޑާ އަޅާބަލާއިރު، ކްލަބުގެ މެނޭޖްމަންޓް އިން ހިތްހަމަޖެހޭ ފެންވަރުގެ ނަތީޖާތަކެއް ނުނެރެވޭތީ އެވެ.
އޮސްކާ 40، އެންމެ ފަހުން މަސައްކަތްކުރީ އިންޑިއާގެ ފުރަތަމަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ މުމްބާއީ ސިޓީގެ ކޯޗަކަށެވެ. އޮސްކާ އަކީ އިންޑިއާ ފުޓްބޯޅައިގައި ނަން މަޝްހޫރު ކޯޗެެކެވެ. އޭނާ ވަނީ 2012 އިން 2014 އަށް އިންޑިއާގެ ސްޕޯޓިން ކްލަބް ޑިގޯއާ އަށް ކޯޗުކޮށްދީފަ އެވެ. އަދި އޭގެ ފަހުން 2015 ވަނަ އަހަރު އިންޑިއަން ސުޕަ ލީގުގެ މުމްބާއީ ސިޓީ އެފްސީގެ އެސިސްޓަންޓް ކޯޗުގެ މަގާމު އަދާކުރި އެވެ.
ބްރުޒޮން ވަނީ ސްޕެއިންގެ މަޝްހޫރު ކްލަބެއް ކަމަށްވާ މަޔޯކާގެ އެސިސްޓަންޓް ކޯޗުކަން ވެސް ކޮށްފަ އެވެ.
އޮސްކާގެ އިރުޝާދުގެ ދަަށުން ނިއު ކުޅޭ ފުރަތަމަ މެޗަށް ވާނީ އެސްޓީއޯ މާލޭ ލީގުގައި އަންނަ ހަފުތާގައި ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ނިއު ކުޅޭ މެޗެެވެ.
ނިއު މި ވަގުތު އޮތީ މާލޭ ލީގުގެ ދެވަނައިގަ އެވެ. އެ ޓީމު މިހާތަނަށް ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވިއިރު، ތިން މެޗުން ވަނީ ބަލިވެފަ އެވެ.