ބޭރު ކުޅިވަރު

ކްރިސްޓަލް ޕެލެސްގެ ކޯޗަކަށް ޑެބޯ ހަމަޖައްސައިފި

Jun 26, 2017

ކްރިސްޓަލް ޕެލެސްގެ އާ ކޯޗަކަށް އަޔެކްސް އާއި އިންޓަ މިލާންގެ ކުރީގެ ކޯޗު ފްރޭންކް ޑެބޯ ހަމަޖައްސައިފި އެވެ.

ނެދަލޭންޑްސްގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިއެއް ކަމަށްވާ ޑެބޯ ،47، ވަނީ 2010 އިން 2016 ވަނަ އަހަރާ ހަމައަށް އަޔެކްސްގެ ކޯޗަކަށް މަސައްކަތްކޮށްފަ އެވެ. ޑެބޯގެ އިރުޝާދުގެ ދަށުން އަޔެކްސް އިން ނެދަލޭންޑްސް ލީގު ޗެމްޕިއަންކަން ޖެހިޖެހިގެން ހަތަރު ފަހަރު ހޯދި އެވެ.

މިިދިޔަ ސީޒަންގައި އިންޓާގެ ކޯޗަކަށް ޑެބޯ ހަމަޖެއްސި ނަމަވެސް، މަގާމާ ހަވާލުވިތާ ތިން މަސް ނުވަނީސް އެ ކްލަބުން ވަނީ އޭނާ ވަކިކޮށްފަ އެވެ.

ކުރިން އަޔެކްސް އާއި ބާސެލޯނާ އަދި ރޭންޖާސް އަށް ކުޅުނު ޑެބޯ ބުނީ ޕެލެސްގެ ޓީމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އެކަމަކު ޓްރާންސްފާގައި ސްކޮޑް އިތުރަށް ވަރުގަދަ ކުރަން ދެ ތިން ކުޅުންތެރިން ބޭނުންވާ ކަމަށެވެ.

ޕެލެސް އިން އާ ކޯޗެއް މި ހޯދީ މިދިޔަ ސީޒަންގައި އެ ޓީމު ރެލިގޭޝަނުން ސަލާމަތްކޮށްދިނުމަށް ފަހު، ސޭމް އެލަޑައިސް ކޯޗުކަމުގެ މަގާމުން އިސްތިއުފާ ދިނުމުންނެވެ.