އަރަމުން އަންނަ ބޮޑުބެރު ގުރޫޕް، 1438 ބޮޑުބެރު ގްރޫޕަކީ މިވަގުތު ރާއްޖޭގައި އެންމެ މަޝްހޫރު އަދި ކުޅަދާނަ އެއް ބޮޑުބެރު ގްރޫޕެވެ. މި ގްރޫޕްގެ ޝޯއެއް ބަލައިލަން ބޭނުންވާ ކުދިންނަށް މިއޮތީ އަނެއްކާވެސް އެފުރުސަތު ހުޅުވާލާފަ އެވެ. މި ހަފްތާ ބަންދަށް ހިންމަފުއްޓަށް ދާން ތައްޔާރުވާށެވެ.
ސާދަ ތިރީސް އަށެއްގެ ވަރަށް ހާއްސަ ޝޯއެއް ހުކުރު ދުވަހުގެ ރޭ ހިންމަފުށީގައި އޮންނާނެ އެވެ. އެއީ ހިންމަފުށީ ކައުންސިލާއި އެ ރަށު ޔޫތު ސެންޓަރު ގުޅިގެން އިންތިޒާމްކޮށްފައިވާ ވަރަށް ހާއްސަ ޝޯ އެކެވެ. އެއީ ފިތުރު އީދު ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ޝޯ އެކެވެ.
އާންމުކޮށް ހުޅުވާލައިގެން ބާއްވާ އެ ޝޯ އޮންނާނީ ހިންމަފުށީ ބޮޑު ސްޓޭޖުގަ އެވެ. ޝޯ ފަށާނީ 9:00 ޖަހާއިރެވެ. މި ޝޯގައި ވަރަށް ގިނަ ސަޕްރައިޒްތައް ލިބޭނެ ކަމަށް 1438 އަކުން މައުލޫމާތުދެ އެވެ. އޭގެ ތެރެއިން އެއް ސަޕްރައިޒަކީ 1438ގެ ދަށުން ހިންގާނެ މުޅިން އާ ބޭންޑެއް އުފައްދައި ލޯންޗުކުރުމެވެ. އެ ބޭންޑުގެ ލީޑް ވޯކަލިސްޓުންގެ ގޮތުގައި ތިބޭނީވެސް 1438 ގެ އާޓިސްޓުން ކަމަށްވާ މުސީ އާއި އައްޒާމް ޝަރީފް (އައްޒަޑޭ) އެވެ. އަދި ބޭންޑުގައި އިތުރަށް ތިބޭނީވެސް 1438 ގެ ހުނަރުވެރި ފަންނާނުންނެވެ.
އެ ޝޯގައި މޯލްޑިވިއަން އައިޑޮލްގެ ދެ ވަނަ ސީޒަން އިން ވިދާލި މުހައްމަދު ހަމްދާންގެ އަޑުންވެސް ލަވަތަކެއް އިވިގެން ދާނެ އެވެ. އަދިވެސް ކުޅަދާނަ އިތުރު ފަންނާނުން ތަކެއްގެ އަޑު އިވިގެންދާނެ އެވެ. އެއީ ކޮން ފަންނާނުންތަކެއްކަން އަދި ޔަގީނެއް ނުވެ އެވެ. އެެހެންވީމަ ސަޕްރައިޒެއް ގޮތުގައި ބާއްވާލާނީ އެެވެ.
އަދިވެސް ބައިވަރު އެތައް ސަޕްރައިޒެއް އެބަ ހުއްޓެވެ. އީދު ޗުއްޓީއަށް އެއްވެސް ތަަނަކަށް ނުގޮސް ތިބި ކުދިން އަވަހަށް ދަތުރަށް ތައްޔާރުވާން ފަށާށެވެ. ކޮންމެހެނެވެސް މި ޝޯއަށް ދާންވާނެ އެވެ. ސާދަ ތިރީސް އަށެއް ބޮޑުބެރު ގްރޫޕް 25 މެންބަރުންނާއެކު އުފައްދާފައިވަނީ މިދިޔަ އަހަރެވެ.