ބޭރު ކުޅިވަރު

ޗިލީގެ ސަމާލުކަން ރޮނާލްޑޯ އަށް

Jun 28, 2017

ފީފާ ކޮންފެޑަރޭޝަންސް ކަޕްގެ ސެމީ ފައިނަލްގައި މިރޭ ޕޯޗުގަލްއާ ދެކޮޅަށް ޗިލީ ނުކުންނައިރު، ޗިލީގެ ޓީމުން އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހުއްޓުވުމަށް ކަމަށް ޗިލީގެ މިޑްފީލްޑަރު މާސެލޯ ޑިއާޒް ބުނެފި އެވެ.

ރޮނާލްޑޯ، 32، ވަނީ ކޮންފެޑަރޭޝަންސް ކަޕްގައި މިހާތަނަށް ދެ ލަނޑު ޖަހައިފަ އެވެ. ގައުމީ ޓީމާއި ކްލަބުގައި ރޮނާލްޑޯ އެންމެ ފަހުން ކުޅުނު 10 މެޗުގައި އޭނާ ވަނީ 16 ލަނޑު ޖަހައިފަ އެވެ.

ޑިއާޒް ބުނީ ރޮނާލްޑޯ އަކީ މެޗުގެ ނަތީޖާ ބަދަލުކޮށްލެވޭ ފެންވަރުގެ ކުޅުންތެރިޔެއް ކަމަށާއި ޗިލީގެ ކުޅުންތެރިން އޭނާ ހުއްޓުވުމަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ. އަދި ރޮނާލްޑޯ އަށް ލިބޭ ބޯޅަތައް މަދުކުރުމަށް ޗިލީން މަސައްކަތްކުރާނެ ކަމަށެވެ.

"ރޮނާލްޑޯ އަކީ ވަރަށް ތަފާތު ކުޅުންތެރިޔެއް. މުޅި މެޗު ބަދަލުކޮށްލެވޭ ފެންވަރުގެ ކުޅުންތެރިޔެއް އެއީ. އަހަރަމެން އެންމެ ބޮޑު ސަމާލުކަމެއް ދޭނީ އޭނާ އަށް ލިބޭ ބޯޅަތައް މަދުކުރުމަށް،" ޑިއާޒް ބުންޏެވެ.

ސެމީ ފައިނަލަށް ނުކުންނައިރު ޗިލީގެ ކޯޗު ހުއާން އެންޓޯނިއޯ ޕިޒީ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ހުރިހާ ކުޅުންތެރިން ވެސް ފިޓުވުމެވެ.

އެކަމަކު ޕޯޗުގަލްގެ ޓީމުގައި އަނިޔާގެ މައްސަލަތަކެއް އުޅެ އެވެ. މޮނާކޯ އިން މެންޗެސްޓާ ސިޓީ އަށް ބަދަލުވެފައިވާ މިޑްފީލްޑަރު ބެނާޑޯ ސިލްވާ އާއި ލެފްޓް ބެކް ރަފައެލް ގުރޭރޯ މިރޭގެ މެޗުގައި ފެންނާނެ ކަމުގެ ޔަގީންކަމެއް ނެތެވެ. ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭ ވަނީ މިރޭގެ މެޗަށް ސަސްޕެންޑްވެފަ އެެވެ.

ރަޝިއާގެ ކަޒާންގައި މިރޭ ކުޅޭ މެޗު ފަށާނީ މާލޭ ގަޑިން 2300ގަ އެވެ.