އިޓަލީގެ ގައުމީ ޓީމާއި އޭސީ މިލާންގެ ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑީނީ ޕްރޮފެޝަނަލް ޓެނިސް މުބާރާތެއްގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ އެވެ.
މިލާންގައި މިހާރު ކުރިއަށްދާ އަސްޕްރިއާ ޓެނިސް ކަޕްގައި އިއްޔެ މަލްޑީނީ އާއި އޭނާގެ ޕާޓްނަރު އަދި ކޯޗު ސްޓެފާނޯ ލަންޑޯނިއޯ ވަނީ ޕޯލެންޑްގެ ތޮމަސް ބެޑްނަރެކާއި ނެދަލޭންޑްސްގެ ޑޭވިޑް ޕެލްއާ ވާދަކޮށް، 6-1 އަދި 6-1 އިން ބަލިވެފަ އެެވެ. މި މެޗު ތޮމަސް އާއި ޑޭވިޑް ކާމިޔާބުކުރީ 45 މިނެޓުންނެވެ.
އަސްޕްރިއާ ޓެނިސް ކަޕަކީ އޭޓީޕީ ވޯލްޑް ޓުއާގެ މުބާރާތެކެވެ. އެކަމަކު މިއީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިން ވާދަކުރާ އޭޓީޕީ ވޯލްޑް ޓުއާ މުބާރާތްތަކަށްވުރެ ދަށް ފަންތީގެ މުބާރާތެކެވެ.
މަލްޑީނީ އާއި ލަންޑޯނިއޯ މި މުބާރާތަށް ކޮލިފައިވީ އިޓަލީގައި ކުޅުނު ކޮލިފައިން މުބާރާތެއް ކާމިޔާބުކޮށްގެނެވެ.
މަލްޑީނީ ވަނީ އިޓަލީގެ އެންމެ ޒަމާންވީ އެއް ކްލަބު ކަމަށްވާ އޭސީ މިލާންގައި ޖުމްލަ 31 އަހަރު ހޭދަކޮށްފަ އެވެ. އޭގެ ތެރެއިން 24 އަހަރު އޭނާ ހޭދަކުރީ ޕްރޮފެޝަނަލް ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. މިލާންއާއެކު މަލްޑީނީ ވަނީ އިޓާލިއަން ލީގު ހަތް ފަހަރު އަދި ޗެމްޕިއަންސް ލީގު ފަސް ފަހަރު ހޯދައިފަ އެވެ.