ކުޅިވަރު

ވޯލްޑްކަޕް ބިޑް ކާމިޔާބުކުރަން އިންގްލެންޑް ވެސް ރިޝްވަތު ދިން

Jun 28, 2017

އަންނަ އަހަރު، ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ބިޑް ކާމިޔާބު ކުރަން އިނގިރޭސި ވިލާތުންވެސް ރިޝްވަތު ދިން ކަމަށް، ފީފާއިން އިއްޔެ ނެރުނު ރިޕޯޓުން ހާމަ ވެއްޖެ އެވެ.

ރަޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ބިޑް ކާމިޔާބު ކުރަން، އިނގިރޭސި ވިލާތުންވެސް ބީލަން ހުށަހެޅި އެވެ. ނަމަވެސް، ފީފާގެ ކޮންގްރެސްއިން ފާސްވީ ރަޝީޔާގައި ވޯލްޑް ކަޕް ބޭއްވުމަށެވެ. ރަޝީޔާއަށް ވޯލްޑްކަޕް ބީލަން ކާމިޔާބު ވުމުގައި ރިޝްވަތު އެކުލެވޭ ކަމަށް ފުޓްބޯޅައިގެ ބައެއް އޮފިޝަލުންނާއި، އެސޯސިއޭޝަންތަކުން ތުހުމަތު ކުރުމުން، ފީފާއިން ވަނީ 2015 ވަނަ އަހަރު އެކަމުގެ ތަހްގީގްތައް ފަށާފަ އެވެ.

ރަޝިޔާގެ މައްޗަށް، ތުހުމަތުތައް ކުރުމުގައި އެންމެ ބޮޑަށް އުޅުނީ އިނގިރޭސި ވިލާތުންނެވެ. ފީފާގެ ތަހްގީގީ ރިޕޯޓް އިއްޔެ އާންމު ކުރިއިރު އިނގިރޭސި ވީލަތަށްވެސް ކޮރަޕްޝަންގެ ތުހުމަތު ވަނީ ކުރެވިފަ އެވެ. ތައިލެންޑްގެ ވޯޓް ހޯދަން އިނގިރޭސި ވިލާތުން ވަނީ ތައިލެންޑްގެ އެދުމަށް އެގައުމުގެ ގައުމީ ޓީމާ ދެކޮޅަށް މެޗެއް ކުޅެފަ އެވެ.

ފީފާގެ ރިޕޯޓްގައި ބުނެފައި ވަނީ، ތައިލެންޑް ވޯޓް ހޯދުމަށް، އިނގިރޭސި ގައުމީ ޓީމުން ކުޅުނު މެޗުވެސް ހިމެނޭނީ "ރިޝްވަތުގެ ތެރޭގައި" ކަމަށެވެ. ތައިލެންޑަށް އިނގިރޭސި ގައުމީ ޓީމު ދަތުރު ކޮށް މެޗެއް ކުޅުނީ، ފީފާގެ ވޯލްޑް ކަޕް ކޮމިޓީން، ވޯލްޑް ކަޕް ބާއްވާ ގައުމު ކަނޑައެޅުމަށް ޓަކައި ބައްދަލުވުން ބޭއްވުމުގެ އަށް ދުވަސް ކުރިންނެވެ.

އޭގެ ތިން ހަފުތާ ފަހުން ވަނީ އިނގިރޭސިން ހުށަހެޅި ބިޑް ނާކާމިޔާބުވެފައެވެ. އިނގިރޭސި އެފްއޭއިން ހުށަހެޅި ބިޑަށް ތައިލެންޑުންވެސް ވޯޓް ނުދޭކަން ފަހުން ވަނީ އެނގިފަ އެވެ. އަންނަ އަހަރު ވޯލްޑް ކަޕާއި 2022 ވަނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ބިޑް ކާމިޔާބު ކުރުމުގައި ކޮރަޕްޝާނާއި ރިޝްވަތު ހިމެނޭ ކަމަށް ފީފާގެ ރިޕޯޓްގައި ވަނީ ތުހުމަތު ކޮށްފަ އެވެ.