ދިވެހި ސިނަމާ

ޒުވާން "ލުކް" އާ އެކު ނޯޓީ 40 ގެ ޝޫޓިން ފަށައިފި

މީގެ ދެތިން މަސް ކުރިން ކުޅަދާނަ ފިލްމީ ތަރިން ތަކެއް ކަމަށްވާ ޔޫސުފް ޝަފީއު، އަހްމަދު ސައީދު، އަލީ ސީޒަން އަދި މުހައްމަދު މަނިކު ނިކަން ފޯރީގައި ޖިމަށް ދާން ފެށި އެވެ. ޅަ ދުވަސް ވަރުގެ "ލުކް" އަނބުރާ ގެނައުމަށެެވެ. ބަރުދަން ލުއިކޮށްލާ މީހާ ފިޓުވެލާ އިތުރަށް ޒުވާން ވެލާށެވެ. އެތަރިން ވަނީ ބަރުދަނުން ހަ ކިލޯ އާއި އަށް ކިލޯ އާއި ދެމެދު ލުއިކޮށްލާފަ އެވެ. ކިތަންމެ ޗެލެންޖިން ކަމެއް ނަމަވެސް އެކަންވެސް އެ ތަރިން ކޮށްފި އެވެ. މަސައްކަތް ކުރަމުންދާ "ނޯޓީ 40" ފިލްމުގެ ޝޫޓިން އަށެވެ.

ދެ ދުވަސްވަރެއް ފެނިގެންދާ އެ ފިލްމުގެ ގިނަ މަންޒަރުތައް މިހާރުވަނީ ނަގާފަ އެވެ. މި ހަފްތާގެ ތެރޭގައި ޝޫޓިން އެއްކޮށް ނިންމާލާނެ އެވެ. މިދިޔަ އަހަރު ހެއްވާލައިގެން ނިންމާލާ ހިނިތުންވުމާއެކު އާ އަަހަރު ފަށައިދިން ފިލްމު "ބައިވެރިޔާ"ގެ ޕްރޮޑަކްޝަން ޓީމް އެންވިޝަން އަދި ޔޫއްޕެ ޕްރޮޑަކްޝަނުން އުފައްދާ ދެވަނަ ފިލްމަށް މި ފިލްމުވާއިރު ފިލްމުގައި ދެ ދުވަސްވަރެއް ފެނިގެންދާނެ އެވެ. މި ފިލްމުގައި ފެނިގެންދާނީ އުމުރުން 40 އަހަރުން މަތިވެފައިވާ ބަޔަކަށް ދިމާވާ ކަންތައްތަކެކެވެ. އުމުރުން 40 އަހަރުން މަތީގެ ރޯލު ކުޅޭ ސީޒަން، ޔޫއްޕެ، މަނިކު، ނިއުމާ އަދި ސައީދުގެ ދެ ރޯލެއް ފެނިގެންދާނެ އެވެ. އެއީ އެމީހުންގެ އުމުރުން 22-26 އަހަރުގެ މަންޒަރުތަކެކެވެ.

ފިލްމުގެ ބޮޑު ބައި ނަގާފައިވަނީ ށ. މިލަންދޫގަ އެވެ. ފިލްމުން ނުފެންނާނެ ރަހައެއް ނެތެވެ. އެކްޝަން، ލޯބި، ރޮމޭންސް، މިއުޒިކަލް، ސްޕައި، ކޮމެޑީ، ޑްރާމާ، ޖަޒުބާތު، އެކުވެރިކަން އަދިވެސް އިތުރު ރަހަތައް ފެނިގެންދާނެ އެވެ. ފިލްމުގެ ފުރަތަމަ ފެނިލުން ވަނީ މީގެ ދެމަހެއްހާ ކުރިން ދޫކޮށްލާފަ އެވެ.

މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ ދެ ވަނަ ދުވަހު އެވެ. މި ފިލްމުގެ އެހެނިހެން ތަރިންގެ ތެރޭގައި ފާތިމަތު އާޒިފާ (އަޒޫ)، ނިއުމާ މުހައްމަދު، އަލީ އާޒިމް (ދޮން އައްޔަ)، އިބްރާހިމް ޖިހާދު (ޖިމީ) ހިމެނެ އެވެ. އަދި މަރިޔަމް އައްޒަ، މުހައްމަދު ރިފްޝާން (ރިއްޕެ) އަދި އުމަރު އަޝްފާގް، އަރްޝަމް، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަހްމަދު ޝަރީފް، ގުލިސްތާނު ވެސް ފެނިގެންދާނެ އެވެ. އަދި ޑާކްރެއިން އެންޓަޓެއިންމަންޓްގެ "ވާށޭ މަށާ އެކީ" އިން ފެނިގެން ދިޔަ މާރިއާ ތެރީސާވެސް ފެނިގެންދާނެ އެވެ.